05 އެޕްރީލް 2021 - 14:20

އެމްޕީއެލް ސަރަހައްދުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. މި ފަހުން ހިނގި އެކްސިޑެންޓްތަކުގައި ދެ މީހަކު މަރުވުމާ އެކު އެމްޕީއެލްއަށް ފާޑުކިޔުން ވެސް ބޮޑުވި އެވެ. ނަމަވެސް މަޖޫރީން މިހާރު ގަބޫލުކުރާ ގޮތުގައި މާލޭގެ ވިޔަފާރި ބަނދަރުގެ ރައްކާތެރިކަން ކުރިއާ އަޅާބަލާއިރު ގިނަ ގޮތްގޮތުން މިހާރު ރަނގަޅެވެ.

މަޖޫރީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަތާ 35 އަހަރު ވެފައިވާ މުހައްމަދު ރަޝީދު ބުނީ އެމްޕީއެލްގެ އާ މެނޭޖްމަންޓާ އެކު މުޅި ތަނުގެ ހިންގުން ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށެވެ. އެގޮތުން ކުރިން މަޖޫރީން ޕޯޓު ސަރަހައްދުގައި އުޅެން ޖެހޭ ވަކި ގަވާއިދެއް ހަދާފައި ނެތަސް މިހާރު ހުރިހާ ކަމެއް ވެސް ދަނީ ފުރިހަމައަށް ރޭވިގެން ކަމަށް އޭނާ ބުންޏެވެ.

"މިހާރު ކޮންމެ އިރަކު ވެސް ދެ މީހުން ތިން މީހުން އެބަ ތިބޭ އަޅުގަނޑުމެން މަސައްކަތް ކުރާއިރު އެކަން ކުރާ ގޮތް ކިޔައިދޭން. އެއީ ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބޭ،" މުހައްމަދު ރަޝީދު ބުންޏެވެ.

"ކުރިން އެންމެން ތިބެނީ މިތަނަށް ދޫކޮށްފައި. އަޅުގަނޑުމެންނަށް ފެންނަ ގޮތަކަށް މަސައްކަތް ކޮށްފައި ދާންވީ."

އެމްޕީއެލްގެ މެނޭޖްމަންޓާ އެއްގޮތަށް މަޖޫރީންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ޕޯޓު ސަރަހައްދުގެ ޖާގައިގެ ދަތިކަމެވެ. އެކަން ހައްލުކުރެވޭނީ އާ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމުން ކަމަށް އެމްޕީއެލުން ބުނެ އެވެ.
އެމްޕީއެލުން ވަނީ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާ އެ ކުންފުނީގެ މުވައްޒަފުންނާއި މަޖޫރީންގެ ރައްކާތެރިކަން ކަށަވަރުކުރަން ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން، މިހާރު އެ ސަރަހައްދަށް ވަންނަ ކޮންމެ މީހަކު ވެސް ހުންނަން ޖެހޭނީ ހެލްމެޓާ އެކު މަސައްކަތަށް އެކަށީގެންވާ ބޫޓަށް ވެސް އަރައިގެންނެވެ. އަދި ބަނދަރު ސަރަހައްދަށް ވަންނަ ކޮންމެ މީހަކު ވެސް ހާއްސަ ވެސްޓެއް ލާން ޖެހޭނެ އެވެ.
އެމްޕީއެލްގެ އެސިސްޓެންޓް ސެކިއުރިޓީ އޮފިސަރު މުހައްމަދު މުއާޒު ވިދާޅުވި ގޮތުގައި މަޖޫރީން މަސައްކަތް ކުރާ ވަގުތު އެ ސަރަހައްދުގައި ހެވީ ވެހިކަލްތަކަށް އޮޕަރޭޓު ކުރެވޭނީ ސެކިއުރިޓީގެ ހުއްދަ ލިބިގެންނެވެ.
"މި ޒޯނަށް ހެވީ ވެހިކަލަކަށް ވަދެވޭނީ ސެކިއުރިޓީގެ ހުއްދަ ނަގައިގެން. ސެކިއުރިޓީން އެ ސަރަހައްދު އެއްކޮށް ހުސްކޮށް، އެ ހުއްދަ ދިނުމުން ނޫނީ ނުވަންނާނެ. އަދި ބިއްލޫރި އާއި ދަގަނޑު ފަދަ ތަކެތި ލޯޑު ކުރެވޭނީ ވެސް މިހާރު ސެކިއުރިޓީގެ ހުއްދައާ އެކު،" މުއާޒު ވިދާޅުވި އެވެ.
އެމްޕީއެލުން ވަނީ ޕޯޓު ސަރަހައްދުގައި މަޖޫރީން މަސައްކަތް ކުރާ ވަގުތުތަކުގައި ސުޕަވައިޒް ކުރުމަށް ހާއްސަ މުވައްޒަފުން ވެސް ހަމަޖައްސައިފަ އެވެ. އެ މުވައްޒަފުން މަޖޫރީންނަށް މަސައްކަތް ކުރާނެ ގޮތުގެ އިރުޝާދުތައް ދޭނެ އެވެ.
އެމްޕީއެލްގެ ޗީފް ރިސްކް އޮފިސަރު އިބްރާހިމް ޒާހިރު ވިދާޅުވީ ޖާގައިގެ ދަތިކަމުގެ ސަބަބުން ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިހާރު ހަދާފައިވާ އެސްއޯޕީތަކާ އެކު އެތަނުގެ ރައްކާތެރިކަން ކުރިއަށް ވުރެ ބޮޑަށް ރަނގަޅުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަހަލަ ބަނދަރެއްގައި ޒީރޯ ރިސްކުގައި މަސައްކަތް ކުރުމަކީ ވަރަށް ނާދިރު ކަމެއް. އެހެންނަމަވެސް އަޅުގަނޑުމެން މިބަލަނީ ހުރި ރިސްކުތައް ވެސް މިޓިގޭޓު ކޮށްގެން ބަނދަރުން ހިދުމަތް ހޯދާ ފަރާތްތަކާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް،" ޒާހިރު ވިދާޅުވި އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށި ކުރުމުގެ އިތުރުން ދިމާވެދާނެ ހާދިސާތަކަށް ވެސް އެމްޕީއެލް އޮތީ ތައްޔާރަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އެގޮތުން އެ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ނުވަތަ އެކްސިޑެންޓެއް ހިނގައިފި ނަމަ އެކަމަށް ތަމްރީން ލިބިފައި ތިބި ފަސްޓްއެއިޑް މީހުން ވަގުތުން ހަރަކާތްތެރިވާނެ އެވެ.
އޭގެ އިތުރުން ދިމާވާ ހާދިސާތަކުގައި މީހަކު ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެ އެކަމަށް އެހީތެރިވާން އެމްބިއުލާންސެއް ވެސް އޮވެ އެވެ.