ބާ އިމާރާތެއްގެ ބައިތައް މަގުމައްޗަށް ވެއްޓި ނުރައްކަލުގެ ތެރެއަށް
ބާ އިމާރާތެއްގެ ބައިތައް މަގުމައްޗަށް ވެއްޓި ނުރައްކަލުގެ ތެރެއަށް

މ. ފީރޯޒްލޮޖްގައި ހަދާފައިވާ ފަސް ބުރީގެ އިމާރާތުގެ ބައިތައް ބިންމައްޗަށް ފައިބައި، ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ވަރަށް ބޮޑު ބިރަކަށް ވެއްޖެ އެވެ.

އެ އިމާރާތުގެ ދެވަނަ ބުރީގެ ބެލްކަނީގެ ބެރީގެ ފޫވެއްޓި އޭގެ ތެރެއިން ބައެއް ވެސް ބުރާސްފަތި ދުވަހު ވަނީ މަގުމައްޗަށް ވެއްޓިފަ އެވެ. އަދި މީގެ ކުރިން، ބައެއް އެހެން ދުވަސް ދުވަހު ވެސް އެކި ދިމަދިމާލުން މަގުމައްޗަށް ވަނީ އެކި ބައިތައް ވެއްޓިފަ އެވެ. އެ އިމާރާތުގެ ބެރިތަކާއި ތަނބުތަކުގައި ވެސް ހުރީ ބޮޑެތި ރެނދުލައިފަ އެވެ. އަދި އިމާރާތުގެ ފާރުތައް ހުރީ، ދެންމެދެންމެ ވެއްޓިދާނެ ފަދަ ހާލަތެއްގަ އެވެ.

ފީރޯޒްލޮޖްއަކީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި އިމާރާތެކެވެ. އެނގިފައިވާ ގޮތުގައި، އެ އިމާރާތުގެ ތެރޭގައި މިހާރު ބަހައްޓާފައި ހުރީ ވެސް އިކޮނޮމިކް މިނިސްޓްރީގެ މުދަލެވެ. އެ ގޭގައި އެއްވެސް މީހަކު ދިރިއެއް ނޫޅެ އެވެ.

އެ ގެ ވަރަށް ބޮޑަށް ވީރާނާވެ، ބައިތައް މަގުމައްޗަށް ފައިބާތީ، އެ ސަރަހައްދުގައި އުޅޭ މީހުންގެ ޝަކުވާތައް ވެސް ވަނީ ބޮޑުވެފަ އެވެ. ޑޮނާޑާ ވަރަށް ކައިރީގައި ހުރި ގެއެއްގެ މީހަކު ބުނީ އެ މައްސަލަ ސިޓީ ކައުންސިލަށް ވެސް ވަރަށް ގިނަ ފަހަރު ހުށަހެޅިއްޖެ ކަމަށާއި އެކަމަކު އެތަނުގެ ޖަވާބަކީ، އެއީ ހައުސިން މިނިސްޓްރީގެ ތަނަކަށް ވާތީ އެކަމާ ބެހޭނީ އެ މިނިސްޓްރީން ކަމަށެވެ.

"މި އިމާރާތާ ހެދި މިހާރު ބިރުބޮޑުވެއްޖެ. މިހާރު ވެސް ކެމްޕެއިން ކުރަން އަންނަ މީހުން ގާތު ވެސް އެންމެ ފުރަތަމަ ދައްކަނީ މި އިމާރާތުގެ ވާހަކަ،" އެ ހިސާބުގައި ދިރިއުޅޭ މީހަކު ބުންޏެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ފީރޯޒްލޮޖް ތަޅާނުލެވި ހުރީ އެ އިމާރާތުގައި ހުރި ތަކެތި ބަހައްޓާނެ އެހެން ތަނެއް ނެތިގެން ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެން މިހާރު ހައުސިން މިނިސްޓްރީގެ ތެރޭގައި ތަންކޮޅެއް މި ހަދަނީ އެ އިމާރާތުގައި ހުރި ތަކެތި ބަހައްޓަން. އެ އެއްޗެހި މޫވްކޮށް ނިމުމާ އެކު އެތަން ތަޅާލާ ގޮތަށް އޮތީ،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އިމާރާތުގެ ޝަކުވާތައް ބޮޑުކަން ގަބޫލުކުރައްވާ ކަމަށާއި އެތަން ތަޅާލުން މިހާރު ވެސް މާ ބޮޑަށް ލަސްވެއްޖެ ކަމަށެވެ.

ފީރޯޒްލޮޖަކީ ކުރިން މީހުން ދިރިއުޅުނު ގެއެކެވެ. އެކަމަކު މީގެ އަށެއްކަ އަހަރު ކުރިން، އެގޭގެ ވެރިފަރާތަށް ހެންވޭރުކޮޅުން ބަދަލުގައި އެހެން ބިމެއް ދިނުމަށްފަހު އެ ހުރި ބިން ސަރުކާރަށް ނެގީ އެވެ.