06 އެޕްރީލް 2021 - 07:42

ކަރީނާ ކަޕޫރާއި އަރުޖުން ކަޕޫރް ލީޑް ރޯލު ކުޅުނު ފިލްމު "ކީ އެންޑް ކާ"ގެ ސީއެލްއެލްއަކަށް އުންމީދުކުރެވޭ ކަމަށް ދެ ތަރިން ވެސް ބުނެފި އެވެ.
އާރް ބަލްކީ ލިޔެ، ޑައިރެކްޓްކުރި ފިލްމަށް މި މަހުގެ އެއް ވަނަ ދުވަހު ފަސް އަހަރު ފުރުމާ ދިމާކޮށް އޭގެ ހަނދާންތައް އާކޮށް އަރުޖުން އިންސްޓަގްރާމްގައި ކަރީނާ ޓެގް ބުނެފައި ވަނީ ފިލްމަށް އެއްބަސްވީ މަރުވެފައިވާ މަންމައަށްޓަކައި ކަމަށާއި މިހާރު އޭގެ އިތުރު ބަޔަކަށް ހިތް އެދެނީ ބެބޯ (ކަރީނާ) އާއި ބަލްކީ އަށްޓަކައި ކަމަށެވެ.
އެހެންވެ ސީކްއެލްއެއް ކިހިނެއްވާނެތޯ އަރުޖުން ސުވާލުކޮށްފައިވެ އެވެ. އެއަށް އިޖާބަ ދެމުން ކަރީނާ އިންސްޓަގްރާމްގައި ބުނީ "ކީ އެންޑް ކާ" އަކީ ކެރިއަރުގައި އެންމެ ގަޔާވެގެން މަސައްކަތްކުރި ވަރަށް ބޯލްޑް ފިލްމެއް ކަމަށާއި އޭނާ އަލަތު ދަރިފުޅު ތައިމޫރު 2016 ގައި ވިހެއީ ވެސް "ކީ އެންޑް ކާ" އަށް ފަހު ކަމަށް ބުންޏެވެ.
"އެހެންވެ [އަސްލު ވެސް] އެއީ ސީކްއެލްއެއް ހަދަން ޖެހޭ ކަހަލަ ފިލްމެއް." ކަރީނާ ބުންޏެވެ.
"ކީ އެންޑް ކާ" އަކީ އާންމުކޮށް މުޖިތަމައުގައ އަންހެނުންނާއި ފިރިހެނުންގެ ދައުރު ދެމަފިރިންގެ ގޮތުގައި އޮންނަ ގޮތް މުޅިން އިދިކޮޅަށް ގެނެސް ދީފައިވާ ފިލްމެކެވެ. އެގޮތުން އޭގައި އަރުޖުން ކުޅުނީ އާންމުކޮށް ކިޔާ ގޮތުން ނަމަ "އަނބިދަށުވެފައި" ހުންނަ ގެވެހި ފިރިއެއްގެ ރޯލެވެ. ކަރީނާ އަކީ ޒިންމާދާރު ވަޒީފާއެއް އަދާކުރާ ވަރަށް އަމިއްލަވަންތަ ލައިފްސްޓައިލެއް ގެންގުޅޭ ކެރިއަރަށް ފޯކަސްކުރާ ޒަމާނީ އަންހެނެކެވެ.
"ކީ އެންޑް ކާ" އަކީ ކަރީނާ އާއި އަރުޖުން މިހާތަނަށް އެކީގައި ކުޅުނު ހަމައެކަނި ފިލްމު ވެސް މެ އެވެ.
މި ފިލްމު ގެނެސްދިން ޑައިރެކްޓަރު ބާލްކީގެ އެންމެ ފަހުގެ ފިލްމަކީ 2018 ގައި އަކްޝޭ ކުމާރާއި ސޯނަމް ކަޕޫރާއި ރާދިކާ އަޕްޓޭއާ އެކު ގެނެސްދިން "ޕެޑްމޭން" އެވެ.