15 ނޮވެމްބަރ 2016 - 08:47

މެންޗެސްޓާ (ނޮވެމްބަރު 15) – ޖެނުއަރީ މަހު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލާނެ ކަމަށް ބެލެވިފައިވާ ޖަރުމަން މިޑްފީލްޑަރު ބަސްޓިއަން ޝްވެއިންސްޓެއިގާ އެމެރިކާގެ ޝިކާގޯ ފަޔާއާ މަޝްވަރާކުރަން ފަށައިފި އެވެ.
މިދިޔަ ސީޒަނުގައި ޔުނައިޓެޑާ ގުޅުނު އުމުރުން 32 އަހަރުގެ މިޑްފީލްޑަރަށް ހޯސޭ މޮރީނިއޯގެ ކޯޗުކަމުގެ ދަށުން ފުރުސަތެއް ނުލިބެ އެވެ. މިދިޔަ ހަފުތާއާ ހަމަޔަށް ވެސް އޭނާ ފަރިތަކުރަމުން އައީ އަމިއްލަ އަށެވެ. އޭނާ އަށް ޔުނައިޓެޑުން ވަނީ ކްލަބްތަކާ އެކު މަޝްވަރާކުރުމުގެ ހުއްދަ ދީފަ އެވެ.
އޭނާ އަށް ޔޫރަޕުގެ ބައެއް ކްލަބްތަކުން ޝައުގުވެރިވި ނަމަވެސް ޝްވެއިންސްޓެއިގާ ބޭނުންވަނީ އެމެރިކާގެ މޭޖާ ލީގުގެ ކްލަބަކާ ގުޅޭށެވެ. އޭނާ ވަނީ ހަފުތާ ބަންދުގައި ޝިކާގޯގެ ކޯޗު ވެލިޗްކޯ ޕައުނޮވިޗާ މަޝްވަރާކޮށްފަ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު 14 މިލިއަން ޕައުންޑަށް ޔުނައިޓެޑާ ގުޅުނު ޝްވެއިންސްޓެއިގާ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. އޭނާ ވަނީ ޖަރުމަނާ އެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ބަޔާން މިއުނިކާ އެކު ޖަރުމަން ލީގު އަށް ފަހަރު އަދި ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ހާސިލްކުރި އެވެ.