04 އެޕްރީލް 2021 - 12:28

އެސްޓީއޯ މެދުވެރިކޮށް ހޮންގްކޮންގް އެންޑް ޝަންހާއީ ބޭންކިން ކޯޕަރޭޝަން ލިމިޓެޑް (އެޗްއެސްބީސީ) އިން ދިވެހި ސަރުކާރަށް 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ގެ ލޯނެއް ދީފި އެވެ.
އެސްޓީއޯ އިން ބުނީ، މި ލޯނު ދިނީ މިދިޔަ ފެބްރުއަރީ މަހު ކަމަށެވެ. މިއީ ކޮވިޑް-19އިން އަރައިގަތުމަށް އެހީވުމުގެ ގޮތުން ދިން ލޯނެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން މެނޭޖު ކުރާ މި ލޯނު އަނބުރާ އެޗްއެސްބީސީ އަށް ދައްކަން ޖެހެނީ ތިން އަހަރުގެ ތެރޭގަ އެވެ. ލޯނުގެ އިންޓަރެސްޓް ރޭޓާއި އެހެން ބައެއް ތަފުސީލުތައް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖާގެ އިގްތިސޯދަށް ދިމާވި ދަތިތަކަށް އެހީވުމުގެ ގޮތުން އެސްޓީއޯ މެދުވެރިކޮށް މިހާތަނަށް ބައިނަލްއަގުވާމީ އެކި އިންސްޓިޓިއުޓްތަކުން 62 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 956 މިލިއަން ރުފިޔާ) ގެ ލޯނު ވަނީ ފޯރުކޮށްދީފަ އެވެ. ކުރިމަގުގައި ވެސް އެސްޓީއޯ އިން ބޭރުގެ ފައިނޭންސް އިންސްޓިޓިއުޓްތަކާ އޮންނަ ގުޅުން ބަދަހި ކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ކޮވިޑް-19އާ ގުޅިގެން 519.8 މިލިއަން ޑޮލަރު (އަށް ބިލިއަން ރުފިޔާ) ވަނީ ލޯނާއި ހިލޭ އެހީގެ ގޮތުގައި ލިބިފަ އެވެ.