04 އެޕްރީލް 2021 - 10:19

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން އަމުރުކުރި ގާޒީ ހަސަން ސައީދުގެ އެހެން މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައި، ތަހުގީގު ކޮމިޓީ އެކުލަވާލައިފި އެވެ.
އެ ކޮމިޝަނުން މިއަދު ބުނީ ފެމިލީ ކޯޓުގެ ކުރީގެ އިސް ގާޒީ ހަސަން ސައީދުގެ އެހެން މައްސަލައެއް ބަލަން ފެށީ، އެ ކޯޓުގެ މުވައްޒަފުންތަކެއް 2018 ގައި ރާއްޖެ އިން ބޭރަށް ފޮނުވައިގެެން ކައިވެންޏެއް ކޮށްދިން ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ކަމަށެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައި މިހާރު ހުންނެވި ހަސަން ސައީދު އޭރު ހުންނެވީ ފެމިލީ ކޯޓުގެ އިސްގާޒީ އަކަށެވެ.
މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތުކޮށް ހަތް ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން ނެރުނު އަމުރާ ގުޅިގެން ވެސް ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. ގާޒީ ހަސަނަށް ތުހުމަތުކުރަނީ ދައުވާ ލިބޭ ފަރާތް ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު ބާތިލުކުރުމުގައި ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް އަމަލުކޮށްފައިވާ މައްސަލަ އެވެ.
އަލީ ވަހީދުގެ ނަން ނުޖަަހައި ޖޭއެސްސީން ކުރިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ އަމުރު ނެރުމުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނު ހިންގަން ހުރަސް އެޅޭ ގޮތަށް އަމަލުކޮށްްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުންނެވެ.