05 އެޕްރީލް 2021 - 07:50

މި އަހަރުގެ ޖެނުއަރީ މަހު ރިލީޒްކުރި ކާމިޔާބު ތަމަޅަ ފިލްމު "މާސްޓާ"ގެ ހިންދީ ރިމޭކް ސަލްމާން ޚާނަށް ހުށަހަޅައިފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ސަލްމާނަށް ހުށަހަޅާފައި ވަނީ އޮރިޖިނަލް ފިލްމުގައި ވިޖޭ ސެތުޕަތީ ކުޅުނު ވިލަން، ބަވާނީގެ ކެރެކްޓާ އެވެ. ވިޖޭ އަކީ މި އަހަރުގެ ނެޝަނަލް އެވޯޑްސްގެ އެންމެ މޮޅު ސަޕޯޓިން ބަތަލުގެ އެވޯޑް ކަށަވަރުކުރި ތަރި އެވެ.
އޭނާ ކުޅުނު ރޯލެއް ސަލްމާނަށް ހުށަހެޅި އިރު، ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފާ އެކު ފިލްމެއް ކުޅުމުގެ ފުރުސަތު ވިޖޭ އަށް ލިބިފައިވެ އެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފިލްމަކީ ސްރީރާމް ރަގްވަން ޑައިރެކްޓްކުރާ "މެރީ ކްރިސްމަސް" އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި ޕްރޮޑިއުސަރު މުރާދު ކެތާނީގެ ސިނެ 1 ސްޓޫޑިއޯ އިން ރައިޓްސް ހޯދާފައި އޮތް "މާސްޓާ" ގެ ޓީމުން މިހާރު އަންނަނީ ސަލްމާނާ އެކު މަޝްވަރާކުރަމުންނެވެ. އެގޮތުން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަޝްވަރާތަކަށް ފަހު، ސަލްމާނަށް ފިލްމުގެ ވާހަކަ ވަރަށް ބޮޑަށް ކަމުގޮސްފައިވާތީ އެއްބަސްވާނެކަމުގެ އިޝާރާތެއް ދީފައިވެ އެވެ. އެކަމަކު އޭނާ ފިލްމަށް ރަސްމީކޮށް ސޮއިކުރާނީ މިހާރު ސޮއިކޮށް، ޝޫޓްކުރަން ޖެހިފައި ހުރި ފިލްމުތަކަށް ވަގުތު ދެވޭ ގޮތަށް ރިއާޔަތްކުރުމަށް ފަހު އެވެ.
ސަލްމާން މި ވަގުތު އަންނަނީ "ޓައިގާ 3" ގެ މަސައްކަތްކުރަމުންވެ. އަދި ޝާހްރުކް ޚާން ކުޅޭ "ޕަތާން" އަކީ ވެސް އޭނާގެ ފެނިލުންތަކެއް ހިމެނޭނެ ފިލްމެކެވެ. މީގެ އިތުރުން "ކަބީ އީދު ކަބީ ދިވާލީ" އަދި "ކިކް 2" އަކީ ވެސް ވަގުތު ހުސްކުރަން ޖެހޭ ފިލްމަތެކެވެ.
"މާސްޓާ" ގެ ހިންދީ ރިމޭކް ސަލްމާނަށް ހުށަހެޅި އިރު މިހާރު ވެސް އޭނާގެ އަތުގައި އިންޑިއާގެ ދެކުނު ފިލްމެއްގެ ރިމޭކެއް އެބައޮތެވެ. އެއީ ޝޫޓިން ނިންމާފައި އޮތް "އަންތިމް: ދަ ފައިނަލް ޓުރުތު" އެވެ. ސަލްމާނާއި އާޔޫޝް ޝަރުމާ ކުޅެފައިވާ އެ ފިލްމަކީ 2018 ގެ މަރާޓީ ފިލްމު "މުލްޝީ ޕެޓާން" ގެ ރިމޭކެކެވެ.
ޖެނުއަރީ މަހުގެ 13 ގައި ގައި ރިލީޒްކުރި އެކްޝަން ތުރިލާ "މާސްޓާ" އަކީ ކޮލެޖް ޕްރޮފެސަރަކާއި ބޮޑު ކުށްވެރިޔަކާ ދެމެދު ހިނގާ ވަރުގަދަ ކުރިމަތިލުންތަކެއް ދައްކުވައިދޭ ފިލްމެކެވެ. މީގެ ލީޑް ބަތަލަކީ ވިޖޭ އެވެ.
ލޮކޭޝް ކަނަގަރާޖް 135 ކްރޯޑް ރުޕީސް (18.4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "މާސްޓާ" އަކީ ބޮކްސް އޮފީހުގައި 300 ކްރޯޑް ރުޕީސް (40.9 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.