މީޒާ
މީޒާ

ބުދަ ދުވަހާ ގުޅޭ

"ދެން ކީކޭ ކިޔަންވީ؟" މީޒާ ވެސް ކުރީ ސުވާލެކެވެ.

އަހަރެން ހިތަށްއެރިއެވެ. އެ ވެސް ބުނެދޭންވީ އަހަރެން ހެއްޔެވެ؟ މީޒާ ބޭނުންވަނީ އޭނައަށް ކަންކަން ބުނެދޭނެ މުދައްރިސެއް ހެއްޔެވެ؟ އޭރުން އެ ވާނީ ކޮން ފަދަ އަޖައިބެއް ކަހަލަ ގުޅުމަކަށް ހެއްޔެވެ؟

"އަހަރެންގެ ނަމަކީ ނާހިދު!" އަހަރެން ބުނީމެވެ. "މިހާރަކު ދެން ސަރއެއް ނުކިޔޭނެ. އެހެން ކިޔައިފިއްޔާ އެ ވާނީ ހެއްވާ ކަމަކަށް. އެކަމަކު އަހަރެން ހިތަށްއަރާ މީޒާ ބޭނުންވަނީ ނީނދެ މިހެން އުޅެންބާއޭ؟"

"ވިސްނާލާފަ ޖަވާބެއް ދޭނަން." ކުޑަ އިރުކޮޅަކަށް ފަހު މީޒާ ޖަވާބުދިނެވެ.

އަހަންނާ ދިމާއަށް މީޒާ ސިގުނަލުތައް ފޮނުވަން ފެށީ ނުވިސްނާ ހެއްޔެވެ؟ ފުރަތަމައިނުން ވެސް ހިތަށްއެރީ އެހެންނެވެ. ދެން ހިތަށްއެރިއެވެ. ލުބާނާ ސިއްރު ގުޅުމެއްގައި ހައްޔަރުވެފައި ވާތީ އަހަރެން ވެސް މަޅިއެއްގައި ބައްދަނީ ހެއްޔެވެ؟ އެހެން ވިސްނައިފިއްޔާ ހިސާބުތައް ދިމާވެއެވެ. އަހަރެން ކަހަލަ މީހެއް ދެކެ މީޒާ ކަހަލަ ޒުވާން އަންހެންކުއްޖަކު ލޯބިވާން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

ޒުވާން އަންހެންކުއްޖެއްގެ މުށުތެރޭގައި ހައްޔަރުވުމަކީ، ހަޔާތުގެ އެ ހިސާބުން އަހަރެން ކުރިމަތިލާން އެންމެ ބޭނުން ނުވި އިމުތިހާނެވެ. ހިތާމައަކީ ސައުވީސް ގަޑި އިރު މީޒާގެ ހަނދާންތަކުން އަހަރެންގެ ހިތަށް އުނދަގޫކުރަން ފެށިކަމެވެ. ހަފުތާއަކު އެތައް ރެޔަކު އޭނަޔާ ދިމާވެއެވެ. ލޯ ކުރިމަތީގައި އޭނަ އިނދެއެވެ. ފޯނުން ނުލާހިކު ފޮނި ވާހަކަތައް ދައްކައެވެ. އަޑުއަހާ ހިތްވާ އެއްޗެހި ކިޔައެވެ. މަޅިޔަކަށް ވިޔަސް އެއީ ދަހިވެތި މަޅިޔެކެވެ. ބެދޭ ހިތްވާ މަޅިޔެކެވެ. އެކަމަކު އަހަރެން އެ މަޅީގައި ހައްޔަރުކުރަން މީޒާއަށް ނުކެރިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ ލޯބިވާކަމަށް ދޮގެއްހަދައިލުމަކުން މީޒާއަށް ވާނީ ކޮން ގެއްލުމެއް ހެއްޔެވެ؟ އަހަރެންގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ.

"މިރޭ އަހަރެން ކޮންމެވެސް އެއް ޖަވާބެއް ބޭނުން،" މީޒާ ފުރަތަމަ ގުޅި ފޯނުކޯލަށް ވިހި ދުވަސްވީ ދުވަހު އަހަރެން ބުނީމެވެ. "އިންނަން އެއްބަސް ވިޔަސް ނުވިޔަސް މައްސަލައެއް ނެތް. އެކަމަކު އެބަ ޖެހޭ އަހަރެން ދެކެ ލޯބިވާކަމަށް އެއްބަސްވަން. އެހެން ނޫނީ މިހިސާބުން ދެން މި ކަން ނިމުނީ."

"އަހަރެން ނޫނެކޭ ބުނެފިއްޔާ ދެރަވާނެ؟" މީޒާ ސުވާލުކުރިއެވެ.

"މީޒާއަށް ކެރޭނެތަ ނޫނެކޭ ބުނަން؟ ނުކުރޭނެ،" އަހަރެން ގޮންޖަހައިލީމެވެ. "މިރޭ ނުވައެއްގެ ކުރިން ޖެހޭނެ ޖަވާބެއް ދޭން. މީޒާ ތި ނަގާ ޕޮއިންޓު އަހަންނަށް ވެސް ގަބޫލުކުރެވޭ! އަހަންނަކީ އަދި މީހެއްގެ ފިރިއެއް. ބައްޕައެއް. އެކަމަކު އަހަރެން ބޭނުން މީޒާގެ ދުލުން ބުނަން އަހަންނާ ރައްޓެހިވެއްޖައިމޭ!"

މީޒާ ޖަވާބެއް ނުދިނެވެ. އޭނަ ވިސްނަނީ ކޮން ކަމަކާ ކަމެއް އަހަންނަކަށް ނޭނގެއެވެ.

"އަހަރެންގެ އަންހެނުން ވަރިކުރަންވީތަ؟" އަހަރެން އެ ސުވާލު ވެސް ކުރީމެވެ.

އަހަރެން ފަދައިން މީޒާއަކީ ވެސް މާލޭ ކުއްޖެއް ނޫނެވެ. މައްސަލައަކީ މާލޭގައި އަހަރެންގެ ގެއެއް ނެތުން ހެއްޔެވެ؟ އެހެން ވެސް ހިތަށްއެރިއެވެ. ގެދޮރާއި ފައިސާއަކީ އެއާ ނުލައި ހަމަޖެހޭ ދިރިއުޅުމެއް ނުހޯދޭނެ ދޭއްޗެވެ. އެހެނަސް އެ ވާހަކަދެއްކުން އޮންނަނީ ހުތުރުކަމަކަށް ވެފައެވެ. ނުވަތަ މީޒާގެ ކުޅިވަރަކީ އަހަރެން ކުރިން ހީކުރި ގޮތަށް ލުބާނާގެ ރޭވުމެއް ހެއްޔެވެ؟

"ނުވައެއް ޖަހަންދެން އަހަރެން އިންތިޒާރުކުރާނަން." އަހަރެން ސުންގަޑިއެއް ދިނީމެވެ.

ވަގުތު ކައިރިވަމުން އައި އިރު އަހަރެންގެ މެޔަށް ހިތް ނުކުޅަދާނަ ކުރިއެވެ. އެތައް ގޮތަކަށް ހިތަށް ވިސްނައިދީގެން ވެސް ވިންދު ހަމަޔަކަށް ނޭޅުނެވެ. ނުވައެއް ޖަހަން އެއް މިނެޓަށް ވީ އިރު ވެސް މީޒާގެ ހިލަމެއް ނުވިއެވެ. މީޒާގެ މެސެޖު ލިބުނު އިރު ބާކީ އޮތީ ސިކުންތުކޮޅެކެވެ.

"އޯކޭ!" މެސެޖުގައި އޮތެވެ.

އަހަންނަކަށް އެ ވަރަކުން ނުފުދުނެވެ. މީޒާއަށް ގުޅީމެވެ. އޭނަ ފޯނު ނެގީ ވަރަށް ގިނަ އިރު ކޮށްފައެވެ.

"އެއީ ޖަވާބެއް ނޫން!" އަހަރެން ގަދަކޮށްލީމެވެ. "އަހަރެންގެ ކަންފަތް ކައިރީގައި މީޒާގެ ދުލުން ބުނޭ! ވަރިހަމަ ފޯނުން ވިޔަސް."

މީޒާ ހޭން ފެށިއެވެ. އަޑުން ހީވީ ރަކިވެގެން ހޭހެންނެވެ.

"ދެން އަޅޭ!" މީޒާ ބުނެލިއެވެ. "އަހަންނަށް ތިހެން ނަހަދަބަލަ!"

"އަހަންނަށް ވެސް ތިހެން ނަހަދަބަލަ!" އަހަރެން ބުނީމެވެ. "ފޯނު ބާއްވަނީ!"

"ވަރަށް ލޯބިވޭ!" މީޒާ އެންމެ ފަހުން ބުންޏެވެ. "ފުދިއްޖެ! ނޫނޭ ތީ ބޯހަރު ފިރިހެނެއް!"

މީޒާއާއި އަހަރެންގެ ލޯބީގެ މެސެޖުތައް ބަދަލުވާން ފެށިއެވެ. ފޯނުކޯލުގެ ވަގުތު ދިގުވާން ފެށިއެވެ. އަހަރެން ހިތުން އަހަރެންނަކަށް ލުބާނާ ފާރައެއް ނުލާނެއެވެ. އަހަރެން އެހެން ގުޅުމެއް ހިންގާކަމަކަށް ލުބާނާ ގަބޫލެއް ނުކުރާނެއެވެ. އެ ޔަގީންކަން އަހަރެންނަށް ލިބިފައިވާލެއް ބޮޑުކަމުން އަހަރެންގެ ފޯނު ތަޅެއްނުލައެވެ. ފާސްބަހެއް ވެސް ނުޖަހަމެވެ. ދުވަހަކު ވެސް އަހަރެންގެ ފޯނު ލުބާނާ ނުބަލާތީއެވެ.

ވިއްސާރަ ފަތިހެއްގެ ވަގުތެވެ. ފަތިސްނަމާދަށް ގަޑި ސޯނާވީމައި ވެސް ސޯނާ ނިއްވައިލައިފައި އަހަރެންނަށް އޮވެވުނީއެވެ. ފުން ނިންޖެއްގައެވެ. އެހެން އޮއްވައި ސިއްސައިގެން ގޮސްފައި އަހަރެންނަށް ހޭލެވުނެވެ. ކުރިމަތީގައި ހުރީ ލުބާނާއެވެ. އޭނަ އަތުގައި ބާލިދީއެއް އޮތެވެ. އަހަންނާއި އަހަރެން އޮތް ގޮދަޑި ވެސް އޮތީ ފޯވެފައެވެ.

"ކުރާ ކަންތައް!" އަހަންނަށް ބުނެވުނެވެ.

"ތެދުވޭ!" ލުބާނާ އަމުރުކުރިއެވެ. "ކޮން ކުރާ ކަންތަކެކޭ ކިޔާކަށް."

އަހަރެން ތެދުވެ އެނދުގައި އިށީނދެލީމެވެ. މޫނުން ފެން ފުހެލީމެވެ. ވެގެން އުޅޭ ގޮތެއް އޭރު ވެސް އަހަންނަކަށް ނޭނގެއެވެ.

"ގަނޑު ފަށެއް ގަނެވިއްޖެއްނު!" ލުބާނާ ބުންޏެވެ. "ދުވަހަކު ވެސް އަހަންނަށް ގުޑްމޯނިން ކިއިންތަ؟ އަހަރެން ހުރީ ކައިގެންތޯ އެހިންތަ؟ ސައިކު ދުއްވައިލަން ދާން ބުނިންތަ؟ އެއީ އަދި އިއްޔެ ފެނުނު ކުޑަކުޑަ މަންޖެއެކޭ!"

"ކާކު ވާހަކައެއްތަ ތި ދައްކަނީ؟" ނުވެސް ދެނަހުރި ކަމަށް ހެދިފައި އަހަރެން ބުނީމެވެ.

"މީޒާ!" އަޑު ކޮންޓުރޯލުކުރަމުން ލުބާނާ ބުންޏެވެ. "ހަމަ ނޭނގިގެން ތި އެހީ؟ ހަނދާން އާކޮށްލަން ފޯނުގަ ހުރި މެސެޖުތައް ކިޔާލަބަލަ! ވައިބާގަ ހުރި ފޮޓޯތައް ބަލާލަބަލަ! މެސެޖު އަންނަ ވަރުން ނިދޭ ވަރެއް ނޫނޭ. އެހެން މީހަކު ނަމަ ފޯނު ވެސް ފުނޑާލާނެ."

އޭރު ލުބާނާ ބަނޑުބޮޑެވެ. ރުޅި އިސްކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. މޮޔައީ އަހަންނެވެ. ލުބާނާ ދުވަހަކު ވެސް އަހަރެންގެ ފޯނު ނުބަލާތީ، އުމުރު ދުވަހު ވެސް އެ ކަން އޮންނާނީ އެހެން ކަމުގައި އަހަންނަށް ހީކުރެވުނީތީއެވެ.

"ހަމަ މިހާރު އަހަރެން ވަރިކުރޭ!" ލުބާނާ އަމުރުކުރިއެވެ.

އަހަރެން ވަރަށް ހާސްވިއެވެ. ހަމަ އެހެންމެ ހިތަށް ހަމަޖެހުމެއް ވެސް ލިބުނެވެ. ހިތަށްއެރިއެވެ. މީޒާއަކީ ލުބާނާގެ ރޭވުމެއް ނޫންތާއެވެ. ލުބާނާގެ ރޭވުމެއް ނަމަ އަހަރެން އެ މަޅީގައި ރަނގަޅަށް ބެދެންދެން ލުބާނާ މަޑުކުރީހެވެ. އަހަރެން ދެކެ މީޒާ ހަގީގަތުގައި ވެސް ލޯބިވަނީއެވެ. އެހާ ލޯބި އަންހެންކުއްޖަކު އަހަރެންނަށް ހިތް ދިނީއެވެ.

"އަހަންނަށް މާފުކުރޭ!" އަހަރެން ކެތްތެރިކަމާ އެކުގައި ބުނީމެވެ. "އަހަންނަށް ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް. މިއަދަށް ފަހު ދެން އަހަރެން މީޒާއަކަށް ނުގުޅާނަން."

ލުބާނާގެ މޫނަށް އަހަރެން ބަލައިލީމެވެ. އަހަންނަށް ކަންތައް ކުރެވުނީ ލުބާނާ އުންމީދުކުރި ގޮތަކަށް ނޫނެވެ. ލުބާނާގެ މޫނުމަތިން އަހަންނަށް ކުރެވުނު ތަރުޖަމާއަކީ އެއީއެވެ.

"އިންސާނުންނަށް ކުށްކުރެވޭނެ!" އަހަރެން ބުނީމެވެ. "އަހަރެން ކުށް ގަބޫލުކޮށްފިން."

އެ ހިސާބުން އަހަރެން ނިންމައިލީކީ ނޫނެވެ. ތެދުވެގެން ގޮސް ލުބާނާގެ ދެފައިގައި ހިފީމެވެ.

"އާދޭސްކޮށްފަ މި ބުނަނީ،" އަހަރެން ރޯން ފެށީމެވެ. "އަހަންނަށް މާފުކުރޭ!"

ލުބާނާ ހީ ވެސް ނުކުރާ ގޮތަކަށް އަހަރެން ރައްދު ދިނުމުން ލުބާނާގެ ރުޅިގަނޑު ވަގުތުން މައިތިރިވިއެވެ. މައްސަލަ ހައްލުވިއެވެ. ދެން އޮތީ އެކަކުއަނެކަކަށް ރުއިމެވެ. މާޒީގެ ފޮނި ދުވަސްތައް ހަނދާންކުރުމެވެ.

މީޒާގެ ކަސްތަޅުގައި އަހަރެން ވަނީ ގަދަޔަށް ހައްޔަރުވެފައެވެ. އޭނަ ދޫކޮށްލުމަކީ އަހަރެންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ، އަހަރެން ބޮޑަށް ހުސިޔާރުވީއެވެ. ފޯނުގައި މެސެޖު ރައްކާނުކުރަނީއެވެ. ގޭގައި އުޅޭ އިރު މީޒާޔާ ފޯނުން ވާހަކަނުދައްކަނީއެވެ. ލުބާނާ ބެހެއްޓީ އަނދިރީގައެވެ. މީޒާ ވެސް ބެހެއްޓީ އަނދިރީގައެވެ. ގޭގައި ހިނގައިދިޔަ އެއްވެސް ކަމެއް މީޒާއަކަށް ނާންގަމެވެ. އަހަރެންގެ ނަޒަރުގައި ޒިންމާ އުފުލަން ޖެހޭނީ ލުބާނާއެވެ. ވަފާތެރި އަންބެއް ގޮތުގައި ލުބާނާއަށް ހުރެވުނު ނަމަ އަހަރެން ވެސް ހުރީހީ އެ ގޮތުގައެވެ. އަނބިމީހާގެ ފަރާތުން އުފާވެރިކަން ފިރިމީހާއަށް ނުލިބޭ ނަމަ، އެހެން މަގެއް ފިރިމީހާ އިހުތިޔާރުކުރާނެއެވެ. އެ ކަން ދަންނަންޖެހޭނީ އަނބިމީހާއެވެ. އަހަރެންގެ މިސްރާބު ބަދަލެއް ނުވެއެވެ. ބޭނުންވީ މީޒާޔާ ކައިވެނިކުރާށެވެ. އެ ކަން އަހަރެން މީޒާއަށް އެންގީމެވެ.

"މެރީކުރާށޭ؟" ނުތަނަވަސްކަމާ އެކުގައި މީޒާ ބުންޏެވެ. "އަހަރެން ގިނަ އިރު ފޯނުން ވާހަކަދައްކާތީ ވެސް ދައްތަ އެބަ ސުވާލުކުރޭ! މަންމަ ގުޅާ އިރު ފޯނު އެންގޭޖުވެފަ ހުންނާތީ މަންމަ އެބަ ސުވާލުކުރޭ!"

މީޒާގެ ވާހަކަ އަހަރެން ގަބޫލުކުރަމެވެ. އަހަރެންގެ ޝަކުވާތައް ވެސް މީޒާއަށް އިއްވީމެވެ.

"އަހަރެން ވެސް ފޯނުން ވާހަކަދައްކާކަށް ބޭނުމެއް ނޫނޭ،" އެއްވެސް ފޮރުވުމެއް ނެތި އަހަރެން ބުނީމެވެ. "އަހަރެންގެ ކައިވެނިން އަހަންނަށް އުނިވާ އެއްޗެއް ހޯދަން މީޒާއާ ރައްޓެހިވީ. ހިނގާ ކައިވެނިކުރަމާ!"

ދެ މީހުންގެ ވިސްނުން އެއްގޮތެއް ނުވިއެވެ. އިތުރު މައްސަލައެއް ވެސް ނުކުތެވެ.

"އަހަރެންގެ ފެމެލީ ގަބޫލެއް ނުވާނެ،" ވިސްނައިދޭ ކަހަލަ ރާގެއްގައި މީޒާ ބުންޏެވެ. "މިހާރު ވެސް ނާހިދަށް އެބަ ޝައްކުކުރޭ! ހައްތާ ވެސް މި ވާހަކަ ނުބުނަން މި އުޅެނީ. ދައްތަ ބުނެފި ބޮޑު މުސްކުޅިއަކާ ނީނދެވޭނޭ. ދެއަންބަކަށް ވެސް ނީނދެވޭނޭ. ދޮންމަންމައަކަށް ވެސް ނުވެވޭނޭ. މަންމަ ބޭނުމީ އަހަރެން ރަށު މީހަކާ އިންނަން."

މީޒާގެ ދައްތަ ބުނި އެއްޗަކަށް ވުރެ އަހަންނަށް މުހިންމުވީ މީޒާގެ ޖަވާބެވެ.

"ދެން މީޒާ ކީކޭ ބުނަނީ؟" އަހަރެން ސުވާލުކުރީމެވެ. "ދައްތަ އެ ބުނަނީ ދޮގެއް ނޫން. އަހަންނަކީ މީހެއްގެ ފިރިއެއް. މީޒާއާ އަޅާ ބަލާ އިރު މުސްކުޅިއެއް. ކުއްޖަކު އެބަ ހުރި. ދެން މީޒާ އަހަރެން ދޫކޮށްލާނީ؟"

"އަހަރެން ދޫކޮށްލާނީ ދައްތަ!" ޖެހިލުމެއް ނެތި މީޒާ ބުންޏެވެ.

ނުނިމޭ