ޝަހުރީދު: އުންމީދުތަކެއް އެބައޮތް، އަޒުމް ވަރުގަދަ
ޝަހުރީދު: އުންމީދުތަކެއް އެބައޮތް، އަޒުމް ވަރުގަދަ

އެމްޑީޕީގެ ފަރާތުން ފ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ކުރިމަލައްވާފައިވާ މުހައްމަދު ޝަހުރީދު 12 އަހަރު ހޭދަކުރެއްވީ ތައުލީމީ ދާއިރާގަ އެވެ. އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ފ. ބިލެތްދޫ ސްކޫލުގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގަ އެވެ. މީގެ އިތުރުން އެ ރަށު ސްކޫލުގެ ލީޑިން ޓީޗަރެއްގެ ގޮތުގައި ވެސް ވަރަށް ގިނަ ދުވަހު އުޅުއްވި އެވެ.

ޝަހުރީދު: އުންމީދުތަކެއް އެބައޮތް، އަޒުމް ވަރުގަދަ
ޝަހުރީދު: އުންމީދުތަކެއް އެބައޮތް، އަޒުމް ވަރުގަދަ

ބިލެތްދޫ ސްކޫލުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމުގެ ސަބަބުން އޭނާ އަށް ރަށުގެ ރައްޔިތުންގެ އިހުތިރާމާއި ގަދަރު އަދި އިތުބާރު ހޯއްދަވައިފަ އެވެ. އޭނާ ވަނީ ތައުލީމީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ގައުމީ ޔުނިވާސިޓީން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން އެޑިއުކޭޝަން ހިމެނެ އެވެ.

ޝަހުރީދު ގަބޫލުކުރައްވާ ގޮތުގައި ދާއިރާ އަށް ކުރިމަތިލައްވާފައި މެންބަރުންގެ ތެރެއިން އޭނާއަކީ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވި އެންމެ ގާބިލު ބޭފުޅާ އެވެ. އެންމެ ކުޑަ އިރުއްސުރެ އަތޮޅުގައި ދިރިއުޅުއްވަމުން ގެންދަވާތީ، އަތޮޅުގެ ހާލަތު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަތޮޅު ތަރައްގީ ކުރުމުގެ މަސައްކަތުގައި، ސަރުކާރު ނިސްބަތްވާ ޕާޓީ ތަމްސީލު ކުރާ ކެނޑިޑޭޓަށް ވުމަކީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށެވެ. އަދި އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ހޮވިއްޖެ ނަމަ ސަރުކާރުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކައިރީން ބައްލަވައި އެކަންކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ތެެރެއިން ކުރެވެން ހުރި މަސައްކަތްތައް ކައިރިން ބަލައި އެ މަސައްކަތްތައް ހަލުވިކަމާ އެކު ކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ޝަހުރީން ވިދާޅުވީ، އޭނާ މަގާމަށް ހޮއްވައިފި ނަމަ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރައްޔިތުން ބޭނުންވާނެ ގޮތަށް އަތޮޅުގެ ކަންކަން ބައްޓަން ކުރުމަށެވެ. އަދި މަސައްކަތްތައް ކުރާނީ ރައްޔިތުންގެ އިތުބާރާއި ހިޔާލު ހޯދައިގެން ކަމަށް ވިދާޅުވި އެވެ.

ފ. އަތޮޅަކީ އަބާދީގެ ނިސްބަތުން ދެވަނަ އަށް އެންމެ ކުޑަ އަތޮޅެވެ. އެހެން ނަމަވެސް އެ އަތޮޅަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ގިނަ ފަޅު ރަށްތަކެއް ވެސް ހިމެނޭ އަތޮޅެކެވެ. އޭނާ ވިދާޅުވީ، އަތޮޅުގައި ހުރި ފަޅު ރަށްތައް ޓޫރިޒަމަށް ހާއްސަކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އަތޮޅަށް ނިސްބަތްވާ މީހުންނަށް ހެދުމަކީ އޭނާގެ އުންމީދެވެ. މީގެ އިތުރުން އަތޮޅުގައި ހުރި ރިސޯޓުތަކުގެ އެހީގައި ރަށްރަށުގެ އިޖްތިމާއީ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޝަހުރީދު ދެން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އަތޮޅުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިިދިނުމަށެވެ. އެގޮތުން ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ރަށްރަށުގައި ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފ. އަތޮޅަކީ ފަރު މަހުގެ މަސްވެރިކަމަށް ހާއްސަ އަތޮޅެކެވެ. އެގޮތުން ފާނަ މަސްވެރިކަމަށް ހާއްސަކޮށް ސޮސައިޓީއެއް ހަދައި، މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަކީ ވެސް އޭނާގެ ވަރަށް ބޮޑު އަމާޒެކެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލުން އިސްނަގައިގެން އަތޮޅުގައި ޑޮކްޓަރުން އުފެއްދުމަށް ހާއްސަ ޕްރޮގްރާމެއް ހިންގަވާނެ ކަމަށް ޝަހުރީދު ވިދާޅުވި އެވެ. އަދި އަތޮޅުގެ ހުރިހާ ރަށެއްގައި ތައުލީމީ ގާބިލް ޒުވާނުން އުފެއްދުމަށްޓަކާ "ފ. އަތޮޅު ތައުލީމީ އެވޯޑެ"އް ތައާރަފް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިފަދަ އެވޯޑަކާ އެކު ސްކޫލުތަކުގައި ތައުލީމީ ވާދަވެރިކަން އިތުރުވެ، އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް ތައުލީމަށް އޮންނަ ލޯބި ވަރަށް ބޮޑަށް އާލާވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

އިގްތިސާދީ ގޮތުން އަތޮޅަށް ބޮޑު ބަދަލެއް ގެންނަން ޝަހުރީދުގެ އަމާޒު ހުރި އިރު އޭނާ ގަބޫލު ކުރައްވާ ގޮތުގައި އިޖްތިމާއީ ގޮތުން އަތޮޅުގެ ރައްޔިތުންގެ ގުޅުން ބަދަހި ކުރުމަށް ކުޅިވަރަކީ ވަރަށް މުހިއްމު ބައެކެވެ. އެގޮތުން ކޮންމެ އަހަރަކު އެއް ފަހަރު "ކުޅިވަރު ފެސްޓް"އެއް އަތޮޅުގައި ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޑިޓަރުގެ ނޯޓު: މިއީ ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންނަށް "މިހާރު" އިން ހާއްސަކުރި ޕެކޭޖެއްގައި ހިމެނޭ ކޮންޓެންޓްގެ ބައެކެވެ.