04 އެޕްރީލް 2021 - 10:43

އައްމާން (އެޕްރީލް 4) - ޖޯޑަންގެ ޝާހީ އާއިލާގެ ތެރޭގައި ކޯޅުންގަނޑެއް އުފެދި ކުރީގެ ވަލީ އަހުދު ހަމްޒާ ބިން ހުސައިން ގޭބަންދުކޮށްފި އެވެ.

ކިންގް ހުސައިން އާއި އެމެރިކާ އަށް އުފަން ކުއީން ނޫރުގެ ދަރިކަލުން ޕްރިންސް ހަމްޒާ ވީޑިއޯ މެދުވެރިކޮށް އާއްމު ކުރި މެސެޖެއްގައި ވަނީ ގައުމުގެ ވެރިންގެ ކޮރަޕްޝަނާއި ނާގާބިލްކަމުގެ ވާހަކަ ދައްކަވައިފަ އެވެ. ޕްރިންސް ހަމްޒާ އެ އިޝާރާތް ކުރައްވާފައި ވަނީ އޭނާއާ އެއްބައްޕާފުޅު ބޭބެ އަބްދުﷲ ގެ ރަސްކަމަށެވެ. ހަމްޒާ ވިދާޅުވީ އޭނާ ބޭރަށް ދިއުން މަނާ ކަމަށާއި މީހުންނާއި ވާހަކަ ދެއްކުމާއި ބައްދަލު ކުރުން މަނާކަމަށް އަސްކަރިއްޔާގެ އިސް ޖެނެރަލުން އަންގާފައިވާ ކަމަށެވެ. އެކަމަކު އެއްވެސް ކުށެއް ކުރައްވާފައި ނުވާނެ ކަމަށް ޕްރިންސް ހަމްޒާ ވިދާޅުވި އެވެ.

"އެކަމަކު ކޮރަޕްޝަނާއި ނާގާބިލް ކަމާއި މުވައްސަސާތަކަށް ރައްޔިތުން އިތުބާރު ނުކުރުމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތަކީ އަޅުގަނޑެއް ނޫން. ޖޯޑަން މިހާރު މިވަނީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް ގޮސްފައި. ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކޮށްފި މީހަކަށް ބުލީކޮށް އެ މީހަކު ހައްޔަރުކޮށްފާނެކަމުގެ ބިރު ވަނީ ބޮޑުވެފައި،" ޕްރިންސް ހަމްޒާ ވިދާޅުވި އެވެ.
ވަލީ އަހުދުކަން ޕްރިންސް ހަމްޒާގެ ކިބައިން ރަސްގެފާން ނެންގެވީ 2004 ވަނަ އަހަރު އެވެ. އޭރު އުމުރުން 24 އަހަރުގެ ޕްރިންސް ހަމްޒާ އަކީ ރަސްގެފާން ހުސައިން އަށް ފަހު ރަސްކަމުގެ ތަޚުތު ލިބޭނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ބޭފުޅާ އެވެ. ރަސްގެފާން ހުސައިން ސިފަ ކުރައްވާފައިވާ ގޮތުގައި ޕްރިންސް ހަމްޒާ އަކީ އެމަނިކުފާނުގެ "ލޮލުގެ ނޫރު" އެވެ. ނަމަވެސް ހުސައިން ރަސްގެފާން އަވަހާރިވި އިރު ޕްރިންސް ހަމްޒާ އަކީ މާ ހަގު އަދި ތަޖްރިބާ މަދު ބޭފުޅެއް ކަމަށް ވަނީ ނިންމައިފަ އެވެ.
"ސަލާމަތީ ސަބަބުތަކަކަށްޓަކައި" ކަމަށް ބުނެ ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުރީގެ ފިނޭންސް މިނިސްޓަރު ބައްސާމް އަވާދަﷲ އާއި ޝާހީ އާއިލާގެ މެންބަރެއް ކަމަށްވާ ޝާރިފް ހަސަން ބިން ޒައިދު ހިމެނެ އެވެ.
އެމެރިކާ އިން ތައުލީމް ހާސިލް ކުރައްވާފައިވާ އަވާދަﷲ އަކީ ރަސްގެފާން އަބްދުﷲ ގެ ވަރަށް އަރިސް ބޭފުޅެކެވެ. އޭނާ އަކީ ކިންގް އަބްދުﷲ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ނައިބް ރައީސް ވެސް މެ އެވެ. އަދި ޖޯޑަންގެ އިގްތިސާދީ އިސްލާހީ މަސައްކަތުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވައިފަ އެވެ.
ޖޯޑަންގައި ވަރަށް ވަރުގަދަ އިންޓަލިޖެންސް އެޖެންސީއެއް ހިންގަ އެވެ. ކޮރޯނާވައިރަހަށް ފަހު އެ އެޖެންސީ އަށް ވަނީ އިތުރު ބާރުތައް ދީފަ އެވެ. ކޮރޯނާވައިރަހުގެ ސަބަބުން ޖޯޑަންގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފަ އެވެ.