03 އެޕްރީލް 2021 - 13:47

ރާއްޖެ އިޝްތިހާރުކުރަން އެމްއެމްޕީއާރުސީން ވާޗުއަލް އިވެންޓް މެނޭޖްމަންޓް ޕްލެޓްފޯމެއް ތައާރަފުކޮށްފި އެވެ.

"މައި ވާޗުއަލް މޯލްޑިވްސް"ގެ ނަމުގައި ތައާރަފުކުރި މި ޕްލެޓްފޯމް މެދުވެރިކޮށް ރޯޑު ޝޯތަކާއި ވެބިނާތަކާއި ޓްރެއިނިން އަދި ލައިވްކޮށް މާކެޓިން ހަރަކާތްތައް ކުރިއަށްގެންދެވޭނެ އެވެ. މިއީ ވާޗުއަލް ޕްލެޓްފޯމަކަށް ވުމުން ގިނަ ބަޔަކަށް އެއްފަހަރާ ބައިވެރި ވެސް ވެވޭނެ އެވެ.
ޒަމާނީ ޓެކްނޮލޮޖީ ބެނުންކޮށްގެން ހަދާފައިވާ މި ޕްލެޓްފޯމުން 3ޑީކޮށް މަންޒަރުތައް ފެނެ އެވެ. އެގޮތުން، ރާއްޖޭގެ ގުދުރަތީ ރީތިކަން މި ޕްލެޓްފޯމުން ތަޖުރިބާކުރެވޭއިރު އެކި ރަށްތައް ވެސް ވާޗުއަލް ރިއަލިޓީގެ އެހީގައި ބަލައިލެވޭނެ އެވެ.
މި ޕްލެޓްފޯމުގައި ހިމެނޭ "އައިލްސް މެއިން ލޮބީ" އިން ޕްލެޓްފޯމުގެ އެހެން ބައިތަކަށް ދެވޭނެ އެވެ. އެގޮތުން، "ބެއާ ފުޓް ބީޗް ކޮންފަރެންސް"ގެ ނަން ދީފައިވާ އޮޑިޓޯރިއަމުގައި ވެބިނާތަކާއި، ވާޗުއަލް ކޮންފަރެންސް އަދި ލައިވްސްޓްރީމް ކުރިއަށްގެންދެވެ އެވެ. މިބައި ފަރުމާ ކޮށްފައިވަނީ ޓޫރިސްޓުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ "މޫވީ އަންޑާ ދަ ސްޓާސް" ކޮންސެޕްޓަށެވެ.
"ސަނީ ސައިޑް އެގަޒަބިޝަން ހޯލް"ގައި ވާޗުއަލްކޮށް މައުރަޒުތައް ކުރިއަށް ގެންދެވެ އެވެ.
މި ޕްލެޓްފޯމުގައި ހިމަނާފައިވާ "އަންޑަވޯޓާ ނެޓްވޯކިން ސުއީޓް" ތައްޔާރުކޮށްފައިވަނީ ކަނޑު އަޑީގެ ރެސްޓޯރެންޓް ކޮންސެޕްޓަށެވެ. މިއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ކޮންސެޕްޓެކެވެ.
"މައި ވާޗުއަލް މޯލްޑިވްސް" ތައާރަފުކުރުމަށް ފަހު އެންމެ ފުރަތަމަ ވެބްނާއެއް ބޭއްވީ ފްރާންސްގެ މާކެޓަށް އަމާޒުކޮށްގެންނެވެ. މި ވެބިނާ ކުރިއަށްގެންދިޔައީ ފްރާންސް ބަހުންނެވެ.
އެމްއެމްޕީއާރުސީން ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި މި ޕްލެޓްފޯމް މެދުވެރިކޮށް އިތުރު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ.