ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން ފަށައިފި
ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން ފަށައިފި

ރާއްޖޭގައި ފެބްރުއަރީ 1 ގައި އިފްތިތާހުކުރި ކޮވިޑް ވެކްސިންގެ ގައުމީ ކެމްޕޭން "ދިފާއު"ގައި ހިމެނޭ ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒް މިއަދު ދޭން ފަށައިފި އެވެ.

ކޮވިޑް-19އާ ދެކޮޅަށް ތައްޔާރުކުރަމުން އަންނަ ވެކްސިންތަކުގެ ތެރެއިން އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީ އާއި ބޭސް އުފައްދާ މައި ކުންފުންޏެއް ކަމަށްވާ އަސްޓްރަޒެނަކާ އިން ތައްޔާރުކުރި ކޮވިޝީލްޑަކީ "ދިފާއު" ކެމްޕޭންގައި ބޭނުންކުރާނެ މައިގަނޑު ވެކްސިނެވެ. ފެބްރުއަރީ 1 ގައި ކެމްޕޭން ފެށީ ވެސް ކޮވިޝީލްޑް ވެކްސިނާ އެކުގަ އެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން މިއަދު ފަށާފައިވާ ކަމަށެވެ.

މި ވެކްސިންގެ ދެ ވަނަ ޑޯޒް ދެނީ ފުރަތަމ ޑޯޒް ދޭތާ އަށް ހަފުތާ ފަހުންނެވެ.

އެޗްޕީއޭއިން ބުނީ ދެވަނަ ޑޯޒް ޖަހަން އަންނަ އިރު ވެކްސިން ކާޑާއި ފޮޓޯ ޖެހި ރަސްމީ ލިއުމެއް ގެންދާށެވެ. ފުރަތަމަ ޑޯޒަށް ފަހު ކޮންމެ މީހަކަށް ވެސް ވެކްސިންގެ ހާއްސަ ކާޑެއް ދެ އެވެ. އެ ކާޑުގައި ފުރަތަމަ ޑޯޒް ދިން ދުވަހާއި ވެކްސިންގެ ނަން ފަދަ މައުލޫމާތު ހިމެނެ އެވެ.

ހުން އައުން ފަދަ ބަލީގެ އެއްވެސް އަލާމާތެއް ހުންނަ މީހުން ވެކްސިން ޖަހަން ނުދާން، އެޗުޕީއޭ އިން އެދެ އެވެ. އަދި ކޮވިޑް ބަލި މީހެއްގެ ޑައިރެކްޓް ކޮންޓެކްޓަކަށް ވެސް ވެގެންނުވާނެ އެވެ.

ޗައިނާއިން ހަދިޔާކުރި ސައިނޯފާމްގެ ފުރަތަމަ ޑޯޒް ވެސް ރާއްޖޭގައި މިހާރު އަންނަނީ ޖަހަމުންނެވެ.

މިހާތަނަށް ރާއްޖޭގައި 241،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ދީފަ އެވެ.