2000 ޑޮލަރުގެ އެނދެއް 200 ޑޮލަރަށް! ހަމަ އަގު ލިބޭތަ؟
2000 ޑޮލަރުގެ އެނދެއް 200 ޑޮލަރަށް! ހަމަ އަގު ލިބޭތަ؟

ރިސޯޓަކުން ރެއަކަށް 2000 ޑޮލަރަށް ވިއްކާ އެނދަކުން ރާއްޖެ އަށް ޓެކްސްގެ ގޮތުގައި މި ލިބެނީ އެންމެ 24 ޑޮލަރެވެ. އެކަމަކު، ރާއްޖޭގައި އުފައްދާ އަދި ވިއްކާ މުދަލަކުންް އެ ވިއްކާ އެއްޗެއްގެ ހަމަ އަގުން ދައުލަތަށް ޓެކްސް ދައްކަން ދައްކަން ޖެހޭ ކަމަށް ބުނާ އިރު، އޭގެ ހަމަ އަގަކީ ކޮބައިކަން ސީދާ ދައުލަތަކަށް ވެސް ނޭނގެ އެވެ.

2000 ޑޮލަރުގެ އެނދެއް 200 ޑޮލަރަށް! ހަމަ އަގު ލިބޭތަ؟
2000 ޑޮލަރުގެ އެނދެއް 200 ޑޮލަރަށް! ހަމަ އަގު ލިބޭތަ؟

ސަބަބަކީ، އެ އެނދު، ގިނަ ފަހަރަށް އޮންނަނީ ބޭރުގައި އޮންނަ ރިސޯޓާ ގުޅޭ އެހެން ކުންފުންޏަކަށް 200 ވަރަކަށް ޑޮލަރަށް ވިއްކާލައިފަ އެވެ. އެ ކުންފުނިން ވިއްކަނީ ބޮޑު އަގުގަ އެވެ. ރާއްޖޭގައި މުދާ ހުއްޓަސް، އެ މުދާ ވިއްކަނީ ބޭރުގައި އޮންނަ ކޮންމެ ވެސް އެހެން ބަޔަކު ކަމަށް ވާތީ އޭގެ އަސްލު ހަމަ އަގުން ދައުލަތަށް ޓެކްސް ނެގޭނެ ގޮތެއް ނޯވެ އެވެ. މިހާރު އޮންނަ ގޮތުން ހަމައެކަނި މީރާ އަށް ކުރެވޭ ކަމަކީ، ޓެކްސް ދައްކާ ފަރާތަކުން ޑިކްލެއާ ކުރާ އަދަދަކުން ޓެކްސް ބަލައިގަތުން އެކަންޏެވެ.

އެހެން ނަމަވެސް، އެއީ އެކަން އޮންނަން ޖެހޭ ގޮތެއް ނޫނެވެ. ދުނިޔޭގެ މާލީ ބައެއް އިދާރާތަކާއި ރާއްޖޭގެ އިގްތިސާދީ ތަޖުރިބާކާރުންނާއި ސިޔާސަތު ހަދާ ފަރާތްތަކުން ވެސް ގަބޫލުކުރާ ގޮތުގައި، ރާއްޖޭގެ ފައިނޭންޝަލް ސިސްޓަމްގައި މި އޮތް "ބާގަނޑު"ގެ ސަބަބުން ގައުމަށް ވަންނަންް ޖެހޭ އެތައް މިލިއަން ޑޮލަރެއް އަތުނުޖެހި އެބަ ދެ އެވެ؛ އެ ފައިސާ ދެ ގޮތަކަށް އެބަ ގެއްލެ އެވެ. އެއް ގޮތަކީ ޓެކްސްގެ ގޮތުގައި ހަމަ އަދަދަށް ފައިސާ ނުލިބުމެވެ. އަނެއް ގޮތަކީ ރާއްޖޭގެ ފައިނޭންޝަލް ނިޒާމުގެ ތެރޭގައި އެ ފައިސާ އެއްވެސް ވަރަކަށް ނުޖެހުމެވެ.

ހަގީގަތަކީ، ޓޫރިޒަމް ދާއިރާ އަކީ ގައުމީ އުފެއްދުންތެރިކަމުގެ މައި އިގްތިސާދު ކަމެވެ. އެކަމަކު ރާއްޖޭގެ އުފެއްދުންތެރި ކަމުން އަހަރެއްގެ މައްޗަށް ލިބޭ ޖުމްލަ އާމްދަނީ އަކީ ވެސް އެއީ ހަމައެކަނި އަންދާޒާ އެކެވެ.

މި މައްސަލާގައި ދާދިފަހުން މާލިއްޔަތު ކޮމެޓީގައި ވަނީ ވަރަށް ފުޅާ ބަހުސެއް ހިނގައިފަ އެވެ. ގަވަރުނަރު އަލީ ހާޝިމާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި މީރާގެ ޗެއާމަން އަހުމަދު ސަރުވާޝް ވަނީ މިކަން ހައްލު ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކަވައިފަ އެވެ. މަޖިލީހުގެ މެމްބަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ހަމަ އަގު ދެނެގަންނާނެ ގޮތަކާއި އެކަން ހައްލު ކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ އެވެ.

ގަވަރުނަރު އަލީ ހާޝިމް ވިދާޅުވި ގޮތުގައި ޓޫރިޒަމް ދާއިރާ އިން ލިބޭ ވަރަށް ގިނަ އަދަދެއްގެ ފައިސާ ރާއްޖޭގެ ފައިނޭންޝަލް ސިސްޓަމްގައި ނުވަތަ ރާއްޖޭގައި ހުރި އެއްވެސް ބޭންކެއްގައި ނުޖެހި ދެ އެވެ. އެއީ ކިހިނެއް ވާ ކަމެއްތޯ ބަލަމުން އަންނަ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.

"ހިސާބުތަކުން ބަލާއިރު [ރިސޯޓްތަކުން ކުރާ ވިޔަފާރި ރާއްޖެ އަށް ލިބޭ އާމްދަނީގައި] ތަފާތު އެބަ ފެނޭ. އެ ތަފާތު ދާ ދިމާއެއް ނުވަތަ ވަންނަ ގޮތެއް ނުވަތަ ސިސްޓަމްގައި ހުރި ބަލިކަށި ކަމަކުންތޯ މި ބަލަނީ. އަޅުގަނޑަށް ހީވަނީ މުޅި ސިސްޓަމްހެން މައްސަލަ އަކީ. އަޅުގަނޑު ވެސް އެއްބަސް ތަފާތެއް އެބައުޅޭ،" ގަވަރުނަރު ވިދާޅުވި އެވެ.

"އެކަމަކު އޭގެ މިންވަރަކީ ވެސް ކޮބައިތޯ އެއެއް ޔަގީނެއް ނޫން. އެއީ ސެކްޓާގެ ޕްރައިސިން އިން އޮންނަ ގޮތުން. އެއީ ފެންނަ އަގާއި ދޭ އަގާއި އިންވެސްޓްމެންޓް ތެރޭގައި އޮންނަ އަގުގެ ސަބަބުން އަޅުގަނޑުމެން މި ޖެހެނީ އަންދާޒާއެއް ކޮށްލަން."

ހަމައަގު ނުވަތަ ހައްގު މިންވަރު ހޯދަން މީރާއާ އެކު ވަރަށް ކައިރިން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކެޕިޓަލް ކޮންޓްރޯލެއް ނުގެނެސް، ބަލަމުން ގެންދަނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިން ލިބޭ އާމްދަނީ ބެހެއްޓޭނެ ޕަސެންޓް އިތުރު ކުރެވޭނެ ގޮތްތަކެއްގެ މަސައްކަތް ކަމަށެވެ.

ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި ހުރި މުދަލެއް ވިއްކައިގެން އެއަށް ލިބެން ޖެހޭ ހަމަ އަގު ދައުލަތަށް ލިބެން ޖެހޭނެ އެވެ. އެކަމަކު ރިސޯޓްތަކުގެ ވިޔަފާރީގެ ފައިދާ އިންް ލިބޭ އާމްދަނީގެ ހިސާބުތަކާ ހަވާލާ ދެއްވައި ބައެއް މެމްބަރުން ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ހޯލްސޭލް ވިޔަފާރި އަށް ވުރެ ޓޫރިޒަމް ދާއިރާގެ ވިޔަފާރީގެ ޓެކްސް ދަށްވުންް އެއީ ވަރަށް ބޮޑު އަރަތެކެވެ. އެ ބޭފުޅުން ސުވާލު އުފައްދަވަނީ އެހާ ކުޑަ އަގެއް ޓެކްސް އަށް ޑިކްލެއާކުރާ އިރު، ރާއްޖޭގެ ޓޫރިޒަމްގެ އަގު ދުނިޔޭގެ ނިސްބަތުން ވެސް ރަނަށް ވެފައި އޮތްއިރު އަދި ރިސޯޓްތަކުގެ އޮކިއުޕަންސީ 80 ޕަސެންޓްގައި ހުންނަ އިރު ދައުލަތަށް ލިބޭ އާމްދަނީ އެހާ ކުޑައީ ކީއްވެގެންތޯ އެވެ. އެއަށް ޖަވާބު ދެއްވި އެއް ބޭފުޅަކީ މީރާގެ ޗެއާމަން ސަރުވާޝް އެވެ.

"ޓްރާންސްފާ ޕްރައިސިން އިޝޫއެއް މީގައި މި އުޅެނީ. މީގައި މީރާ އަށް ކުރެވޭނެ ކަމަކީ ރާއްޖެ އަށް ޓެކްސް ކުރެވެނީ ރަނގަޅު އަގުގައިތޯ ބެލުންް. އެކަން މީރާ އިން ކުރާނެ. އަދި އެ އަދަދަށް ޓެކްސް ނުދައްކާ ނަމަ އެ ހޯދަން ވެސް މީރާ އިން މަސައްކަތް ކުރާނެ،" އޭނާ ވިދާޅުވި އެވެ. "މީރާ އަށް ވަންނަ އަދަދަކީ ސައްހަ އަދަދެއްތޯ ބަލަން އަޅުގަނޑުމެން މި ބަލަނީ ޓްރެވެލް ރިސިޓްސް އަށް. ޓެކްސް ޑިކްލެއާ ކުރާ އަދަދަކަށް އެކަންޏެއް ނޫން އަޅުގަނޑުމެން ކޮންމެހެން ބަލަން ޖެހޭނީ. އޭގައި ބަލަނީ ރާއްޖޭގައި ވިއްކި މުދަލެއް ނަމަ އޭގެ ރިސްކް ބެއާ ކުރީ ރާއްޖޭގައި ނަމަ ޓެކްސިން ރައިޓް އޮންނަން ވާނީ ރާއްޖެ އަށް ކަމަށް."

އެހެން ނަމަވެސް ރާއްޖޭގައި ހުރި މުދަލެއް ވިއްކުމުގައި އެހެން ފަރާތެއްގެ ބައިވެރިވުމެއް އޮތުމަކީ މީރާ އަށް ވެސް މިކަމުގައި ދިމާވާނެ ގޮންްޖެހުމެކެވެ. ބައެއް ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި މިއީ ގާތްގަނޑަކަށް ހޯލްސޭލް މުދަލެއް ރީޓެއިލް ކުރުން ކަހަލަ ކަމެކެވެ.

"އެކަމަކު އަޅުގަނޑުމެންނަށް ބުނެވިދާނެ ރޫމް ވިއްކައިގެން ތި ދައްކާ ޓެކްސް މާ ކުޑައޭ. އެހެން ރިސޯޓްތަކުގެ ކޮޓަރިތަކުގެ އަގުތައް ބަލައި އާންމުކޮށް މީހުންގެ ތެރެއިން ލިބޭ މައުލޫމާތު ހިމަނައިގެން އަޅުގަނޑުމެންނަށް ބާގެއިން ކުރެވިދާނެ އަގު މަތިކުރަން،" ސަރުވާޝް ވިދާޅުވި އެވެ.

ހަމަ އަގު ހޯދުމަށް އޮތް ހުރަސްތައް ނައްތާލުމަށް މީރާ އިން މިހާރު ވެސް ދެ ގޮތަކަށް އަމަލު ކުރެ އެވެ. އެއީ ޓްރާންސްފާ ޕްރައިސިން ގަވައިދާއި ދާދިފަހުން އަމަލުކުރަން ފެށި އެޑްވާންސް ޕްރައިސިން އެގްރިމެންޓް ގަވައިދެވެ. އެޑްވާންސް ޕްރައިސިން އެގްރިމެންޓަކީ މުދަލުގެ ވެރިފަރާތާ އެކު ކުރާ އެއްބަސްވުމެކެވެ. އޭގެ ސަބަބުންް އެ މުދަލުގެ އަގު ދެ ފަރާތް އެއްބަސްވެވޭ ގޮތަކަށް އަގު ކަނޑައެޅެ އެވެ. މިސާލަކަށް ރިސޯޓްތަކުގެ ރޫމެއްގެ އަގު ކުރިން ކަނޑައެޅި، އެ އަދަދު އެއީ ޓެކްސް ދައްކާ ފަރާތުން ދައްކަން ޖެހޭ އަގުގެ ގޮތުގައި އެއްބަސްވުމެވެ.

"މިއީ ވަރަށް އެހެންކަހަލަ ކަމެއް. ސަބަބަކީ ވަރަށް އެހެން ކަހަލަ ޓްރާންސެކްޝަންތައް އެބަހުރި ހަދާފައި. ވަރަށް ބޮޑަށް އޭގެ ތެރެއަށް ވަދެގެން ޕްރޯ އެކްޓިވްކޮށް މި މަސައްކަތް ކުރަން ޖެހެނީ. ޓްރާންސްފާ ޕްރައިސިން އާއި އާއި އެޑްވާންސް ޕްރައިސިސް އެގްރިމެންޓްގައި މި ބަލަން ޖެހެނީ އެ ކުރި މަސައްކަތެއްގެ އަގު އެތަނަކަށް ލިބޭނެ ގޮތް ހެދުން. އެކަން އަޅުގަނޑުމެން ކުރާނަން،" ސަރުވާޝް ވިދާޅުވި އެވެ.

"ރާއްޖޭގައި އެ ވިއްކުމަށް ކުރި މަސައްކަތުގެ ނުވަތަ ހައްގުވާ ޓެކްސް ލިބޭނެ ގޮތެއް ހެދުން އެއީ މީގެ އަސާސަކީ. ވަރަށް ގިނަ މޮޑެލްތައް ދުނިޔޭގައި އެބަ ބޭނުން ކުރޭ. އަޅުގަނޑުމެން މި ބަލަނީ ރާއްޖެ އަށް ހައްގުވަރު ރާއްޖެ އަށް ހޯދޭތޯ. އެހެންވެ ޓެކްސް ލީކޭޖްތައް ރަނގަޅު ކުރަމުން މިދަނީ."

ޓޫރިޒަމް ދާއިރާގައި ހަމަ އަގު ނުލިބި، ޓެކްސް އަށް ވެސް މަކަރު ހެދުމުގެ މައްސަލަ މި އައީ ރާއްޖެ އަށް ޑޮލަރުން ވަންނަން ޖެހޭ އާމްދަނީ ރާއްޖޭގައި ނުޖެހި ބޭރަށް ދާ މައްސަލައިގެ ތެރެއިންނެވެ. މަޖިލީހުގެ ބައެއް މެމްބަރުން ކަމާ ބެހޭ ފަރާތްތަކަށް ވަރަށް ހޫނު ސުވާލުތަކެއް ކުރެއްވި އިރު، އޭގެ ޖުމްލަ ޖަވާބަކީ، އެމްއެމްއޭގެ އާ ގާނޫނާ އެކު ވަރަށް ގިނަ ކަންކަން ބަދަލުވެގެންދާނެ ކަމެވެ. އެކަމަކު ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެންނާނީ ލަސްލަހުން ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީންކަން މި ދެނީ އެކަންކަން ހައްލުވާނެ ކަމުގެ. އެއީ އަވަސްއަވަހަށް ގެނެވޭނެ ބަދަލުތަކެއް ނޫން. އަޅުގަނޑުމެން ބަލަން އެބަޖެހޭ މިއީ ވަރަށް ގިނަ ފަރާތްތަކާ ގުޅިފައިވާ ކަމެއްކަން. މިސާލަކަށް ރިސޯޓްތަކާ ގުޅޭ ކަމެއްގައި ވިއްޔާ އެ ބޭފުޅުންނަށް އެކަންކަން ހައްލުކުރަން ވަގުތު ދޭން ޖެހޭ،" ގަވަރުނަރު ވިދާޅުވި އެވެ.