"އަނޫޕަމާ" ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
"އަނޫޕަމާ" ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އިންޑިއާގެ އެއް ވަނަ ސިލްސިލާގެ މަގާމުގައި މިހާރު އޮތް ސްޓާ ޕްލަސްގެ "އަނޫޕަމާ" ގެ ޓައިޓްލް ރޯލު ކުޅޭ ބަތަލާ ރުޕާލީ ގަންގޫލީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯދަން ފަށައިފި އެވެ.

މިކަމާ ބެހޭ ގޮތުން 43 އަހަރުގެ ބަތަލާ ބުނީ އޭނާ ހުރީ އާއިލާގެ މީހުން ވެސް ދިރިއުޅޭ އަރާމް ނަގަރްގެ ކޮޓެޖްގައި އެހެން މީހުންނާ ވަކިން ކަރަންޓީނުވެގެން ކަމަށާއި މި ވަގުތު އެކީގައި އުޅެނީ ގެންގުޅޭ ކުއްތާ އެކަނި ކަމަށެވެ.

"އަހަރެން އެންމެ ކަންބޮޑުވަނީ އާއިލާގެ އިތުރު ބަޔަކަށް ބަލިޖެހިދާނެތީ. އެކަމަކު އަހަރެމެން މި އުޅެނީ ރައްކާތެރިކަމުގެ ފިޔަވަަޅުތައް ވަރަށް ބޮޑަށް އަޅައިގެން." ދެ ކުދިންގެ މަންމަ ބުންޏެވެ.

ރުޕާލީ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި "އަނޫޕަމާ" ގެ އެޕިސޯޑްތަކެއް އޭނާއާ ނުލައި ޝޫޓްކޮށް ގެނެސްދޭން މަޖުބޫރުވާނެ އެވެ.

މިކަން ބައެއް މީޑިއާތަކުން ސިފަކޮށްފައި ވަނީ ތާޖް މަހަލްއާ ނުލައި އާގްރާ އޮތުން ކަހަލަ ކަމެއްގެ ގޮތުގަ އެވެ. ރުޕާލީގެ އިތުރުން ސިލްސިލާގައި އޭނާގެ ދޮށީ ދަރިފުޅުގެ ރޯލު ކުޅޭ ތޯޝޫ (އާޝިޝް މެހުތުރާ) ވެސް ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ. މިހާރުގެ އެޕިސޯޑްތަކުން އޭނާ ނުފެނެ އެވެ.

"އަނޫޕަމާ" ގެ މުޅި ވާހަކަ އެނބުރެނީ ރުޕާލީ ކުޅޭ ޓައިޓްލް ކެރެކްޓާއަށް ކަމަށްވާތީ އެ ސިލްސިލާގެ ކޮންމެ އެޕިސޯޑަކީ އޭނާގެ ލީޑް ކުރާ އެޕިސޯޑްތަކެވެ.

ރުޕާލީ އަށް ކޮވިޑް ޖެހުނު އިރު، ސިލްސިލާގައި އޭނާގެ ހަގު ފިރިހެން ދަރިފުޅު ސަމަރުގެ ރޯލު ކުޅޭ އެކްޓަރު ޕާރަސް ކަންވަލްޖީތު ވެސް މިދިޔަ މަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި އެވެ.

"އަނޫޕަމާ" ގެ ވާހަކަ މިހާރު އޮތީ ވަރަށް ޝައުގުވެރި ހިސާބެއްގަ އެވެ. އެއީ އޭނާ އާއި ބޭވަފާތެރި ފިރިމީހާ ވަންރާޖް ޝާހް (ސުދާންޝޫ ޕާންޑޭ) ގެ ވަރި ކޯޓްގައި ނިންމުމުގެ އެންމެ ފަހު މަރުހަލާ އަށް ދިއުމެވެ. އެކަމަކު އެ މީހުންގެ އާއިލާ އިން އަންނަނީ އެކަން ހުއްޓުވައި ދެ މީހުންގެ ގުޅުން އަލުން ރުޖޫއަކުރެވޭތޯ މަސައްކަތްކުރަމުންނެވެ. ހާއްސަކޮށް އަނޫޕަމާ އާއި ވަންރާޖްގެ ހަގު ދަރިފުޅު ޕާކީ އާއި މާމަ ލީލާ އެވެ.

"އަނޫޕަމާ" އަކީ ސްޓާ ޕްލަސް އިން މިދިިޔަ އަހަރުގެ 13 ގައި ދައްކަން ފެށި ސިލްސިލާއެކެވެ. އެ ގެނެސްދެނީ ކޮންމެ ހަފުތާއެއްގެ ހޯމަ އިން ހޮނިހިރު ދުވަހުގެ ރެއާ ހަމައަށް ރާއްޖެ ގަޑިން 9:30 ގަ އެވެ.