ޝުޖާއު ވިދާޅުވަނީ ވ. އަތޮޅު ތަފާތުވާނެ ކަމަށް
ޝުޖާއު ވިދާޅުވަނީ ވ. އަތޮޅު ތަފާތުވާނެ ކަމަށް

ވ. އަތޮޅަކީ ރާއްޖޭގެ އެންމެ ކުޑަ އަތޮޅެވެ. އެކަމަކު ވ. އަތޮޅުގެ ކައުންސިލްގެ ރައީސް ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ޝުޖާއު އަލީއަށް، ތަރައްގީގެ ގޮތުން ބަލާ ނަމަ، ވ. އަތޮޅު ހުއްޓިފައި އޮންނާކަށް ނުޖެހެ އެވެ. އޭނާގެ އިލްމީ ތަޖުރިބާ އާއި މައުލޫމާތުތަކުގެ މައްޗަށް ބުރަވެ ހުންނަވައި ވިދާޅުވަނީ "އަތޮޅު އޮތް ސަރަހައްދުގެ ގޮތުން ފައިދާތަކެއް ހޯދިދާނެ" ކަމަށެވެ.

ޝުޖާއު ވިދާޅުވަނީ ވ. އަތޮޅު ތަފާތުވާނެ ކަމަށް
ޝުޖާއު ވިދާޅުވަނީ ވ. އަތޮޅު ތަފާތުވާނެ ކަމަށް

ސިޔާސީ ގޮތުން 2016 ގައި ހަރަކާތްތެރިވެވަޑައިގަންނަވަން ފެށި ޝުޖާއު އަބަދުވެސް ގަބޫލުކުރައްވަނީ "ރަށާއި އަތޮޅަށް ހިދުމަތްތަކެއް ކުރެވިދާނެ" ކަމަށެވެ. ވ. އަތޮޅުގައި ޔޫއެންޑީޕީން ހިންގި މަޝްރޫއެއްގެ ކަންކަން ބެލެހެއްޓެވުމުގެ ވަޒީފާއިން 2003ގައި މަސައްކަތުގެ ދާއިރާއަށް ވެންނެވުމަކީ، އެއްގޮތަކުން ބަލާ ނަމަ، ޝުޖާއުއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ތަޖުރިބާއެކެވެ. ގާތްގަނޑަކަށް ހަތަރު އަހަރެއްހާ ދުވަހު އެ ވަޒީފާގައި އުޅުއްވުމުން ހިންގުމާއި ތަަރައްގީގެ ކަންކަމުގައި އޭނާގެ ލޯ ހުޅުވައިދިނެވެ.

"އޭގެ ފަހުން އަޅުގަނޑު ދެން އުޅުނީ އަމިއްލަ ވިޔަފާރީގައި،" ޝުޖާއު ވިދާޅުވި އެވެ.

ވ. އަތޮޅުގެ ކައުންސިލްގެ ރައީސްގެ މަގާމަށް އެމްޑީޕީގެ ޓިކެޓްގައި އޭނާ ވާދަކުރައްވާ އިރު ޝުޖާއުއަކީ ތައުލީމީ ޒުވާނެކެވެ. އަަދި އަތޮޅުގެ ތަރައްގީގެ ކަންކަމުގައި އުޅުއްވޭނެ ފަދަ ތަޖުރިބާތަކެއް ވެސް ހުރި ބޭފުޅެކެވެ.

ޝުޖާއު ފުރަތަމަ ޑިގްރީ، ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާ އިން ހާސިލްކުރެއްވީ މެލޭޝިއާގެ ސެގީ ޔުނިވާސިޓީންނެވެ. އޭގެ ފަހުން ޓެއިލާ ޔުނިވަސިޓީން ވަނީ ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީގެ ދާއިރާ އިން މާސްޓާސް ހައްދަވައިފަ އެވެ.

ސިޔާސީ މަސައްކަތަށް ނުކުންނެވީ، އޭނާ ވިދާޅުވި ގޮތުގައި، ގައުމުގައި އޭރު ހިނގަމުން ދިޔަ ކަންކަން އިސްލާހުކުރާށެވެ. އެމްޑީޕީގެ ހަރަކާތްތެރިއެއްގެ ގޮތުން ފެލިދޫގައި ޕާޓީގެ ހުރިހާ ކަމެއްގައިހެން އަމަލީ ގޮތުން އޭނާ އުޅުއްވަ އެވެ. ވ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކުރެއްވުމަކީ ފުރަތަމަ ފަހަރަށް އިންތިހާބަކަށް ކުރިމަތިލެއްވުމެވެ.

"އެންމެ ކުޑަ އާބާދީ އޮތީ ވ. އަތޮޅުގައި ކަމަށް ވިޔަސް ތަރައްގީއަށް ހުރަހެއް ނެތް،" ޝުޖާއު ވިދާޅުވި އެވެ.

އޭގެ ބަދަލުގައި އަތޮޅު ކުޑަވުމަކީ ތަރައްގީއަށް އޮތް އިތުރު އެޑްވާންޓޭޖެކެވެ.

"ވ. އަތޮޅަކީ ގިނަ ވަސީލަތްތަކެއް ހުރި ސްޓްރެޓީޖިކް ލޮކޭޝަނެއްގައި އޮތް އަތޮޅެއް،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑު ގަބޫލުކުރަނީ ފައިދާތަކެއް ހޯދިދާނެ ކަމަށް."

ޝުޖާއު ވިދާޅުވި ގޮތުގައި އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް ރައްޔިތުން އޭނާ ހޮވައިފި ނަމަ ޓޫރިޒަމްގެ މުހިންމު ސަރަހައްދަކަށް މުޅި އަތޮޅު ހަދަން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެ އެވެ. ޓޫރިޒަމް ދާއިރާ އިން މާސްޓާޒް ހައްދަވާފައި ހުރުމާއި އަދި މިހާރު ވެސް ރަށުގައި ގެސްޓް ހައުސްއެއް ހިންގަވާ ބޭފުޅަކަށް ވާތީ އޭނާގެ ތަޖުރިބާ އެބަ ހުއްޓެވެ.

"އަޅުގަނޑު ބޮޑަށް ބަލާނީ ހަމައެކަނި ގެސްޓް ހައުސްއަށް ހާއްސަ އަތޮޅަކަށް ހަދާކަށް ނޫން، ޓޫރިޒަމްގެ އެހެން ބައިތައް ވެސް ގެނެސް ޓޫރިޒަމްގެ ޑެސްޓިނޭޝަނަކަށް ހަދަން،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ޓޫރިޒަމްގެ ފުރިހަމަ ޑެސްޓިނޭޝަނަކަށް ވާނީ "ގެސްޓްހައުސް އާއި ރިސޯޓާއި ސަފާރީ، މި ހުރިހާ ކަމެއް ވެސް އެކުވުމުން"ނެވެ. އެހެންކަމުން ކައުންސިލްގެ ރައީސްގެ ގޮނޑި ލިބިވަޑައިގެންފި ނަމަ ވ. އަތޮޅުގެ ޓޫރިޒަމްގެ ޕްރޮމޯޝަނަށް ހާއްސަ ބޯޑެއް އުފައްދަވަން އޭނާ ބޭނުމެވެ.

"އޭރުން އެ ބޯޑުން ހާއްސަ މަސައްކަތްތަކެއް ކުރާނެ ވ. އަތޮޅު ޓޫރިޒަމްގެ މުހިންމު ޑެސްޓިނޭޝަނަކަށް ހަދަން،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ހުންނެވީ ހަމައެކަނި އިގުތިސާދީ ހަރަކާތްތަކުން އަތޮޅު ކުރިއަށް ގެންދަވާކަށް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި އިޖުތިމާއީ ގުޅުންތަައް މިހާރަށް ވުރެ ބަދަހިކުރުމަކީ ވެސް، މަގާމުގައި ބޮޑު ޒިންމާއެއްގެ ގޮތުގައި ބައްލަވާނެ އެވެ.

"އިގްތިސާދީ ތަރައްގީގެ ތެރެއިން އިޖްތިމާއީ ގުޅުންތައް ބަދަހިކުރަން ވެސް އަޅުގަނޑު ވަރަށް މަސައްކަތްކުރާނަން،" ޝުޖާއު ވިދާޅުވި އެވެ.

އެ ހުރިހާ ކަމެއްގެ ތެރެއިން އޭނާއަށް ފެނިވަޑައިގަންނަވަނީ މިހާރަށް ވުރެ ފުދުންތެރި އަދި އެކުވެރި އާބާދިއެއް އޮތް އަތޮޅަކަށް ވ. އަތޮޅު ވާ ތަނެވެ.

މިއީ ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންނަށް "މިހާރު" އިން ހާއްސަކުރި ޕެކޭޖެއްގައި ހިމެނޭ ކޮންޓެންޓްގެ ބައެކެވެ.