ރޮނާލްޑޯ އެއްލާލި ކެޕްޓަން ބޭންޑް ނީލަން ކިޔައިގެން ބަލިކުއްޖަކަށް އެހީ
ރޮނާލްޑޯ އެއްލާލި ކެޕްޓަން ބޭންޑް ނީލަން ކިޔައިގެން ބަލިކުއްޖަކަށް އެހީ

ޕޯޓޯ (އެޕްރީލް 3) - މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ސާބިއާއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗުގެ އެންމެ ފަހު ވަގުތު ޖެހި ލަނޑު ރެފްރީ ގަބޫލް ނުކުރުމުން އެކަމުގެ ހިތްހަމަނުޖެހުމުގައި ދަނޑުން ފައިބަމުން ކްރިސްޓިއާނޯ ރޮނާލްޑޯ އެއްލާލި ކެޕްޓަން ބޭންޑް ނީލަން ކިޔައިގެން ބަލި ކުއްޖަކަށް ބޮޑު އެހީއެއް ވެއްޖެ އެވެ.

ރޮނާލްޑޯ އެއްލާލި ކެޕްޓަން ބޭންޑް ނީލަން ކިޔައިގެން ބަލިކުއްޖަކަށް އެހީ
ރޮނާލްޑޯ އެއްލާލި ކެޕްޓަން ބޭންޑް ނީލަން ކިޔައިގެން ބަލިކުއްޖަކަށް އެހީ

ޕޯޗުގަލްގެ ކެޕްޓަންގެ އާމްބޭންޑް އެއްލާލީ ސާބިއާ އިން ފަހަތުން އަރައި 2-2 އިން އެެއްވަރުކުރި މެޗުގެ ފަހު ވަގުތު ރޮނާލްޑޯ ޖެހި ގޯލެއް ބަލައިނުގަންނަން ރެފްރީ ނިންމުމުން އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރުމަށް ފަހު އެވެ.

ޕޯޗުގަލް އިން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ފޯވާޑް ޑިއޯގޯ ޖޮޓާގެ ދެ ގޯލުން ލީޑު ނަގައިފަ އެވެ. އެކަމަކު ދެ ވަަނަ ހާފްގައި، 15 މިނިޓް ތެރޭ އަލެކްސަންޑަ މިޓްރޮވިޗާއި ފިިލިޕް ކޮސްޓިޗް ޖެހި ގޯލުތަކާ އެކު ސާބިއާ އިން މެޗު އެެއްވަރުކުރި އެވެ.

މެޗުގެ އިތުރު ވަގުތުގައި ރޮނާލްޑޯ ޖެހި ބޯޅައެއް ވަނީ ގޯލުގެ ރޮނގު ހުރަސްކޮށްފަ އެވެ. އެކަމަކު އެ މެޗުގައި ގޯލް ލައިން ޓެކްނޮލޮޖީ ބޭނުން ނުކުރާތީ ރެފްރީ އާއި ލައިންސްމަނަށް އެ މަންޒަރު ނުފެނުމުން އެ ގޯލު ބަލައިނުގަންނަން ނިންމި އެވެ. އެކަމާ ވަރަށް ބޮޑަށް ރޮނާލްޑޯ ހިތްހަމަނުޖެހުން ފާޅުކޮށް ދަނޑުން ފޭބިއިރު އޭނާ ވަނީ ކެޕްޓަން ބޭންޑް ވެސް އެއްލާލައިފަ އެވެ. ހިތްހަމަނުޖެހުން ފާޅުކުރި ގޮތުން ރޮނާލްޑޯ އަށް ވަނީ ރީނދޫ ކާޑެއް ވެސް ދައްކައިފަ އެވެ.

އެކަމަކު ރޮނާލްޑޯ އެއްލާލި ކެޕްޓަން ބޭންޑުން ވަނީ ހަ މަހުގެ ބަލި ކުއްޖެއްގެ ބޭސް ފަރުވާ އަށް ބޭނުންވާ ފައިސާ އަށް ބޮޑު އެހީއެއް ލިބިފަ އެވެ.

ބަލްގްރޭޑުގައި ކުޅުނު މެޗަށް ފަހު ދަނޑުން ފައިބަމުން ރޮނާލްޑޯ ކެޕްޓަން ބޭންޑް އެއްލާލުމުން އެ ނެގީ ޑިއުޓީ ފަޔާފައިޓަރު ޖޯޑެ ވުކިސެވިޗެވެ. އޭނާ ބުނީ ރޮނާލްޑޯ ބޭންޑް އެއްލާލީ އޭނާ ހުރި ތަނާ ކައިރިއަށް ކަމަށެވެ.

ވުކިސެވިޗް ބުނީ އޭނާ ނިންމީ އެ ބޭންޑް ނެގުމަށް ފަހު ނީލަން ކިޔައިގެން ލިބޭ ފައިސާ ސާބިއާގެ ތުއްތު ކުއްޖާގެ ފަރުވާ އަށް އެހީވާން ކަމަށެވެ. އެ ކުއްޖާ ތަހައްމަލު ކުރަމުން ދަނީ ސްޕައިނަލް މަސްކިއުލާ އެޓްރޮފީ އެވެ. އެ ކުއްޖާގެ ބޭސް ފަރުވާ އަށް 2.1 މިލިއަން ޕައުންޑް ބޭނުންވެ އެވެ.

ރޮނާލްޑޯ އެއްލާލި ބޭންޑް ނީލަމުގައި ވިއްކާލީ 64،000 ޔޫރޯ (54،000 ޕައުންޑް) އަށެވެ. ބަލި ކުއްޖާގެ މަންމަ ބުނީ އެ ބޭންޑް ވިއްކާލައިގެން ލިބުނު ފައިސާ އަކީ ބަލި ކުއްޖާ އަށް އެހީވުމުގެ ފަންޑަށް ލިބުނު އަގު ބޮޑު ހަދިޔާއެއް ކަމަށެވެ.

"އަހަރެމެން ނުވެސް ދަންނަ ބަޔަކު އެ ބޭންޑް ނަގައިގެން ނީލަން ކިޔައިގެން ވިއްކުމަށް ފަހު އަހަރެމެންގެ ދަރިފުޅަށް އެހީވެދާނެ ކަމަށް ގަބޫލް ވެސް ނުކުރެވުނު،" މަންމަ ބުންޏެވެ.