ކޮވިޑް-19: ރެކޯޑަކަށް ފަހު މި ފަހަރު އަދަދުތައް ދަށަށް
ކޮވިޑް-19: ރެކޯޑަކަށް ފަހު މި ފަހަރު އަދަދުތައް ދަށަށް

މިދިޔަ ބުދަ ދުވަހުގެ ހަވީރު 6 އިން ބުރާސްފަތި ދުވަހުގެ ހަވީރު 6 އަށް ރާއްޖެ އިން އަލަށް 300 މީހަކަށް ކޮވިޑް-19 ޖެހި އެއީ މިހާތަނަށް ރެކޯޑަކަށް ވި ނަމަވެސް މިދިޔަ 24 ގަޑިއިރުގެ ނަމްބަރުތައް ދަށަށް ހިނގައްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ހިސާބުތަކަށް ބަލާއިރު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް އަލަށް ޕޮޒިޓިވްވީ 169 މީހެކެވެ. މީގެ ކުރިން އެންމެ ހާލަތު ގޯސް މާލެ ސަރަހައްދުގެ އަދަދު ވެސް އިއްޔެގެ ހަވީރު 6 އިން މިއަދު ހަވީރު 6 އަށް ވަނީ ދަށްވެފަ އެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން އަލަށް ކޮވިޑް ޖެހުނީ 67 މީހަކަށެވެ. ރަށްރަށުން އެ މުއްދަތުގައި އަލަށް ކޮވިޑް ޖެހުނީ 65 މީހަކަށެވެ. ރަށްރަށުން އަލަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވެސް މިދިޔަ ބުދަ ދުވަހުން ބުރާސްފައްޗާ ހަމައަށް ހުރި އަދަދުތަކާ ބަލާއިރު މިދިޔަ 24 ގަޑިއިރު ވަނީ ދަށްވެފަ އެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އަލަށް 169 މީހަކަށް ކޮވިޑް ޖެހުނީ ނެގި 3،044 ސާމްޕަލްގެ ތެރެއިންނެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް އަލަށް ކޮވިޑް ޖެހުނު މީހުންނަށް ބަލާއިރު ރިސޯޓުތަކުގެ މީހުންގެ އަދަދަކީ 29 އެވެ، ސިނާއީ މަސައްކަތްކުރާ ރަށްތަކުން އެ މުއްދަތުގައި އަލަށް ކޮވިޑަށް ޕޮޒިޓިވްވީ އަށް މީހެކެވެ.

އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، ކޮވިޑަށް ޕޮޒިޓިވްވެގެން ހޮސްޕިޓަލްތަކާއި ކޮވިޑް ފެސިލިޓީތަކުގައި އެޑްމިޓް ކޮށްގެން ފަރުވާދެނީ 89 މީހަކަށެވެ. މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 3،104 އެވެ. ރާއްޖެ އިން މިހާތަނަށް 24،548 މީހަކަށް ކޮވިޑް ޖެހިފައިވާއިރު 67 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.