02 އެޕްރީލް 2021 - 14:55

އައްޑޫގައި ސަރަހައްދީ ބަނދަރެއް ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ސ. ހިތަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ.
އެ ރަސްމިއްޔާތުގައި ހިތަދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމާއި ހުޅުދޫ ދާއިރާގެ
މެމްބަރު އިލްޔާސް ލަބީބް އަދި އައްޑޫ ސިޓީގެ މޭޔަރު އަބްދުالله ސޯދިގު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޕީއެލް އިން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 211.771 މިލިއަން ރުފިޔާއަށެެވެ. އަދި އެ މަޝްރޫއު 525 ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވުމުގައި ވަނީ ބުނެފަ އެވެ.
މި މަޝްރޫއުގެ ދަށުން، 500،972 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 8.50 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރާނެ އެވެ. އަދި 2،360 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން 25،900 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެ އެވެ.
އެމްޓީސީސީން ވަނީ ސ. ހިތަދޫ ކުރީގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް މިއަދު ފަށައިފަ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ އިއްޔެ އެވެ.