ހާލަންޑްގެ އޭޖަންޓް ރެއާލާއި ބާސާއާ ބައްދަލުކޮށްފި: ރިޕޯޓް
ހާލަންޑްގެ އޭޖަންޓް ރެއާލާއި ބާސާއާ ބައްދަލުކޮށްފި: ރިޕޯޓް

ބޮރޫޝިއާ ޑޯޓްމަންޑްގެ ފޯވަޑް އެރްލިން ބްރައުޓް ހާލާންޑްގެ އޭޖެންޓު ބާސެލޯނާ އާއި ރެއާލް މެޑްރިޑާއެކު ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ބާސާގެ ރައީސް ހުއާން ލަޕޯޓާ އާއި ރެއާލް ރައީސް ފްލޮރެންޓީނޯ ޕެރޭޒާއެކު ހާލާންޑްގެ އޭޖެންޓު މިނޯ ރައިއޯލާ ބޭއްވި ބައްދަލުވުންތަކުގައި ހާލާންޑްގެ ބައްޕަ ވެސް ބައިވެރިވި އެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ހާލާންޑް ،20، ގެންނަން ބާސާ އިން ބޮޑު އަހައްމިއްޔަތުކަމެއް ދޭނެ އެވެ. އެ ކްލަބުގެ ދަރަނި ބޮޑުވެ، މާލީ ހާލާތު ގޯސްވިޔަސް، ޔޫރަޕްގެ ބޮޑެތި ކްލަބުތަކާ ޓްރާންސްފާ މާކެޓުގައި ބާސާ އަށް އަދިވެސް ވާދަކުރެވޭނެކަން ސާބިތުކޮށްދޭން އެ ކްލަބުން ބޭނުންވެ އެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ރެއާލް އިން ހާލާންޑްގެ އޭޖެންޓާއެކު ބައްދަލުވުންތައް ބޭއްވިޔަސް، އެ ކްލަބުގެ އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ޕީއެސްޖީގެ ފޯވަޑް ކިލިއަން އެމްބާޕޭގެ ޓްރާންސްފާއަށެވެ. ހާލާންޑަށް އެ ކްލަބުން ވިސްނާނީ އެމްބާޕޭ ނުލިބިއްޖެ ހާލަތެއްގައި ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ޑޯޓްމަންޑާއެކު ހާލާންޑް ހަދާފައިވާ ކޮންޓުރެކްޓް 2024 އަށް ހަމަވާއިރު، އޭނާގެ އަގު 128 މިލިއަން ޔޫރޯ އަށް އަރާނެކަމަށް ލަފާކުރެވެ އެވެ.

ނޯވޭ އަށް ނިސްބަތްވާ ހާލާންޑް މި ސީޒަންގައި ހުރީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. ޖަރުމަން ލީގުގައި މި ސީޒަންގައި ހާލާންޑް ވަނީ 21 ލަނޑު ޖަހައިފަ އެވެ. ކުރިއަށް އޮތް ޓްރާންސްފާގައި ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއް ކުޅުންތެރިއަކީ ހާލާންޑެވެ.