މި އަހަރު ކޮވިޑް ޖެހުނު މީހުންގެ އަދަދު 10،000 އަށް
މި އަހަރު ކޮވިޑް ޖެހުނު މީހުންގެ އަދަދު 10،000 އަށް

މި އަހަރުގެ މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 10،160 އަށް އަރައިފި އެވެ.

ކޮވިޑް ފެތުރެމުން އަންނަ މިންވަރު މިދިޔަ އަހަރުގެ ފަހުކޮޅު ވަރަށް ބޮޑަށް ކޮންޓްރޯލްވުމުން އާ އަހަރުގެ ބަންދާ ދިމާކޮށް ދިން ލުއިތަކާ އެކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށި އެވެ. މި އަހަރުގެ ފުރަތަމަ ތިން މަހުގެ އަދަދު 10،000 އަށް ވުރެ މައްޗަށް ދިޔައިރު، މިދިޔަ އަހަރުގެ އޭޕްރިލް މަހު ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަން ފާހަގަވި ފަހުން، އެ އަހަރުގެ ނިޔަލަށް ޕޮޒިޓިވްވެފައި ވަނީ 13،804 މީހުންނެވެ.

ކޮވިޑް ފެތުރެމުން އަންނަ ވަރު ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ މި އަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި، މިދިޔަ އަހަރުގެ ފަހު އަށް މަހުގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ފަހަނަޅައި ދާނެ ކަމަށް ބެލެވެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހިސާބުތަކުން ފެންނަ ގޮތުގައި ޖެނުއަރީ މަހު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 2،037 މީހުންނެވެ. ފެބްރުއަރީ މަހު 3،723 މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު މާޗު މަހު 4،100 މީހުން ޕޮޒިޓިވްވެފައި ވެ އެވެ. އަދި އިއްޔެ، މިހާތަނަށް ބަލި ޖެހުނު ރިކޯޑު އަދަދާ އެކު 300 މީހުން ޕޮޒިޓިވްވެފައި ވެ އެވެ.

ކޮވިޑަށް ޓެސްޓުކުރި 3،625 ސާމްޕަލުން 300 މީހުން ޕޮޒިޓިވްވުމުން، ޕޮޒިޓިވިޓީ ރޭޓް މިހާރު ހުރީ 8.28 ޕަސެންޓުގަ އެވެ. މާލެ ސަރަހައްދުން 94 މީހަކު އިއްޔެ ޕޮޒިޓިވްވި އިރު، ރަށްރަށުން 96 މީހަކާއި ސިނާއީ މަސައްކަތް ކުރާ ރަށްރަށުން 95 މީހަކު ޕޮޒިޓިވްވި އެވެ. އަދި ރިސޯޓުތަކުން 15 މީހަކު ޕޮޒިޓިވްވި އެވެ.

ތިން ރަށެއްގައި ކޮވިޑް މި ވަގުތު އަންނަނީ ހަލުވި ކަމާ އެކު ފެތުރެމުންނެވެ. ޅ. ނައިފަރާއި ފެލިވަރުގެ އިތުރުން ކ. ދިއްފުށީގައި 479 މީހަކު މި ވަގުތު ތިބީ ހޯމް އައިސޮލޭޝަންގަ އެވެ.

މި ބަލި ޖެހިގެން މިދިޔަ މާޗު މަހު ފަސް މީހަކު މަރުވި އެވެ. މިހާތަނަށް 67 މީހުން މަރުވެފައި ވެ އެވެ.

ކޮވިޑުން ރައްކާތެރިވާން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ވެކްސިން ޖަހަން ރާއްޖޭގައި ވަނީ ފަށައިފަ އެވެ. މިހާތަނަށް މާލެ ސަރަހައްދުން 132،044 މީހުންނަށް ވެކްސިން ޖަހާފައިވާ އިރު، ރަށްރަށުން ވެކްސިން ޖަހާފައި ވަނީ 108،729 މީހުންނަށެވެ.

މާލޭގައި ކޮވިޑް ފެތުރޭ މިންވަރު އެއްވަރެއްގައި ހިފެހެއްޓިފައިވި ވުމުން ކޮވިޑް-19 އިން ރައްކާތެރިވާން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް މިހާރު ވަނީ ލުއި ދީފަ އެވެ. ކޮވިޑްގެ ހާލަތު އެހާ ގޯސްވެފައިވާ މި ދަނޑިވަޅު، އެންމެ އާބާދީ ބޮޑު ސަރަހައްދުގައި ލުއިތަކެއް ދޭތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އެޗްޕީއޭ އަށް ވަނީ އަމާޒުވެފަ އެވެ.