02 އެޕްރީލް 2021 - 11:03

ކޮވިޑް-19ގެ ކޭސްތައް މާލެ ސަރަހައްދުގައި ކުޑަކޮށް ދަށަށްދިޔަ ނަމަވެސް ރަށްރަށުގެ ކޭސްތައް މިހާރު ރާސްލާފައި ދަނީ މައްޗަށެވެ.

ރަށްރަށުން ކޮވިޑްގެ ބޮޑެތި ކްލަސްޓާތަކެއް ފެނިފައިވާ މި ދަނޑިވަޅުގައި އިއްޔެ ރާއްޖެ އިން ފެނުނު 300 ކޭސްއަކީ ރެކޯޑް އަދަދަކެވެ. ކުރިއާ ހިލާފަށް މާލެ ސަރަހައްދަށް ވުރެ ގިނަ ކޭސްތައް ރަށްރަށުން ފެންނަން މިހާރު ވަނީ ފަށައިފަ އެވެ.
ރަށްރަށުގައި ކޮވިޑް ފެތުރޭ މިންވަރު މިދިޔަ މަހު އިތުރުވާން ފެށީ މަޑުމަޑުންނެވެ. އެކަމަކު ވޭތުވެދިޔަ ހަފްތާއެއްހާ ދުވަސް ތެރޭ ކުއްލި ބާރުމިނެއްގައި އެތައް ބަޔަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ މީޑިއާ އަށް ދިން ތަފާސްހިސާބަށް ބަލާ އިރު ރަށްރަށުގައި މި ވަގުތު ކޮވިޑް ޖެހިފައިވާ 800 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.
އަތޮޅުތަކުގައި މި ވަގުތު ކޮވިޑްގެ ބަލިމީހުން އެންމެ ގިނައީ މިފްކޯގެ މަސް ފެކްޓްރީ ހިންގާ ޅ. ފެލިވަރުގަ އެވެ. އެތައް ސަތޭކަ ބަޔަކު ވަޒީފާގައި އުޅޭ އެ ރަށުގެ 245 އެކްޓިވް ކޭސްގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ދިވެހިން ވެސް 100 އަށް ވުރެ ގިނަ އެވެ.
ފެލިވަރަށް މަސައްކަތު ދާ މީހުން އުޅޭ ޅ. ނައިފަރުގައި ވެސް 141 މީހަކު ކޮވިޑް ޖެހިފައި އެބަތިއްބެވެ. ނައިފަރުގެ ބައެއް ކޭސްތައް ރ. އުނގޫފާރާ ވެސް ގުޅެ އެވެ.
ރަށްރަށުގެ ތެރެއިން އެކްޓިވް ކޭސްތައް ތިންވަނަ އަށް އެންމެ ގިނަ ކ. ހުރާގެ އެ އަދަދު 100 އިން މައްޗެވެ.
ނައިފަރާއި ހުރާގައި އެހާ ބޮޑަށް ބަލި ފެތުރިފައި އޮތުމާ ގުޅިގެން އެ ދެ ރަށް ވަނީ ލޮކްޑައުންކޮށްފަ އެވެ. ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުކުތުން މަނަ އެވެ.
ކ. ދިއްފުށީގެ އެކްޓިވް ކޭސްތައް ވެސް އުޅެނީ 90 އިން މަތީގަ އެވެ. އަދި ދ. ކުޑަހުވަދޫގައި 19 ބަލިމީހަކު ތިބި އިރު އޭގެ ތެރެއިން ދެ މީހަކު ފިޔަވައި އެންމެންނަކީ ރެންޑަމްކޮށް ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންނެވެ.
1. ޅ. ފެލިވަރު 245
2. ޅ. ނައިފަރު 141
3. ކ. ހުރާ 110
4. ކ. ދިއްފުށި 93
5. ޅ. ހިންނަވަރު 19
6. ދ. ކުޑަހުވަދޫ 19
7. ނ. ޅޮހި 13
8. ހއ. ދިއްދޫ 11
9. ހދ. ކުޅުދުއްފުށި 9
ރަށްރަށުގެ 833 އެކްޓިވް ކޭސްގެ ތެރޭގައި ހިމެނެނީ 591 ދިވެހިންނާއި 242 ބިދޭސީންނެވެ. ލ. ގަމުގައި އޮތް އެންމެ މީހެއް ފިޔަވައި އަތޮޅުތަކުގެ ކޮވިޑް ފެސިލިޓީއެއްގައި މި ވަގުތު މީހަކު އެޑްމިޓްކޮށްފައެއް ނެތެވެ.
ބައިބޯ މާލޭގައި ބަލި ފެތުރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވެފައިވާ އިރު ފެބްރުއަރީގައި ކޭސްތައް އިންތިހާ އަށް މައްޗަށް އެރި ފަހުން އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ މި ދުވަސްވަރެވެ. މި ބަދަލާ އެކު އެޗްޕީއޭ އިން ވަނީ ރޭގަނޑުގެ ކާފިއު އުވާލައި ކެފޭ ރެސްޓޯރެންޓުތަކަށް ދިޔުމާއި އޭގެ އިތުރުން ވެސް ލުއިތައް ދީފަ އެވެ. އެކަމަކު އަދިވެސް މާލެ ސަރަހައްދުން ދުވާލަކު އެވްރެޖްކޮށް 70-80 ވަރަކަށް މީހުން ޕޮޒިޓިވްވެ އެވެ.