03 އެޕްރީލް 2021 - 09:36

މަރިޔަމް ރަޝީދާއަށް އޭރު ވެސް އަދި މިހާރު ވެސް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދައުލަތުގެ ވަފާތެރިއަކަށް ވުމެވެ؛ އިހުލާސްތެރިކަމާއި އަމާނަތްތެރިކަމާއެކު ހިދުމަތްކުރުމެވެ. އިއްޔެ އަކީ އެ ސޮފްހާގައި ތާރީހީ ދުވަހެކެވެ. ހައި ކޯޓުގެ ހުރިހާ ކަމެއް އެންމެ ކައިރިން ފެނުނު، އެންމެ ދުވަސްވީ މުވައްޒަފުގެ ހިދުމަތަށް 40 އަހަރުވީ އެވެ.

ޝަރުއީ ނިޒާމަށް މުހިއްމު ބަދަލުތަކެއް ގެނައުމުގެ މަގުސަދުގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައި ކޯޓު އުފެއްދެވީ އޮކްޓޯބަރު 5، 1980 ގަ އެވެ. ޓީބީ އާއި ފައިލޭރިޔާ ފަދަ ބަލިތަކާ ގުޅޭ މަސައްކަތްކުރަން އުފެއްދި ކޮންޓްރޯލް އޮފް ކޮމިއުނިކެބަލް ޑިޒީސަސް ޑިވިޝަން (ސީސީޑީޑީ) ގައި ޓައިޕިސްޓަކަށް ގާތްގަނޑަކަށް ތިން އަހަރު އުޅުމަށްފަހު މަރިޔަމް ހައި ކޯޓަށް ބަދަލުވީ އޭޕްރީލް 2، 1981 ގަ އެވެ. އޭރު އެ ކޯޓަށް ހަ މަސް ފުރެން ބާކީ އޮތީ ތިން ދުވަހެވެ.

އެންމެ ކައިރީގައި، އެއްކޮށް މަސައްކަތް ކުރި އެތައް ރަހުމަތްތެރިންނެއް ވަޒީފާއިން ވަކިވެގެން ހިނގައްޖެ އެވެ. އެކަމަކު މި މަހުގެ 25 ގައި 59 ވަނަ އަހަރު ފުރޭ މަރިޔަމް އިހުތިޔާރުކުރީ ހައި ކޯޓުގައި ހިދުމަތުގައި ދެމި ހުންނާށެވެ.

"އެންމެ އުފާވަނީ އިހުލާސްތެރިކަމާއެކު ދައުލަތަށް ހިދުމަތްކުރެވޭތީ،" އުމުރުން 16 އަހަރު ފުރުނުތާ ދެ ދުވަސް
ފަހުން، ސީސީޑީޑީގެ ވަޒީފާއަށް ގުޅުމަށްފަހު، މެދުކެނޑުމެއްނެތި 43 އަހަރު ވަންދެން ދައުލަތުގެ ހިދުމަތުގައި ހުރި މަރިޔަމް ބުންޏެވެ.
އޭނާ ސީސީޑީޑީ އޮފީހަށް ވަންނަން ފުރުސަތު ލިބުނީ އުމުރުގެ ކުދިންނާއެކު ގޭދޮށުގައި ކުޅެން އުޅުމުގެ ތެރޭގަ އެވެ.
"ގޭދޮށު ކުދިންނާއެކު ކުޅެން އުޅޭތީވެ، އެހެން އުޅެނިކޮށް ޕާކް ތެރެއިން ދިމާވި ބޭފުޅަކު މި ބުނަނީ އޮފީހަކަށް ވަންނަން ވީނުންހޭ. އެހެން ދިމާވާ ކޮންމެ ފަހަރަކު އެހެން ވިދާޅުވާނެ. ކާކު ކަމެއް ވެސް އޭރަކު ނޭނގެ. ދެން އެންމެ ފަހުން ދިމާވެގެން އަޅުގަނޑު ދެންނެވީ ބައްޕައާ ވާހަކަ ދައްކާލާފައޭ އެނގޭނީ، ދެން ވަނީ. އެހާ ޝައުގުވެރިކަން ހުރެގެން ނޫން، އަބަދު މީހަކު ކިޔާތީ ވަނީ އެކަމަކު ބޭނުން ވެގެން،" މަރިޔަމް ބުންޏެވެ.
ހިސާބު މާއްދާއިން އެންމެ ބޭނުންވި ރަނގަޅު ނަތީޖާ ނުލިބުމުން ކިޔެވުން މަތިން ފޫހިވުމުން އަމީނިއްޔާ ސްކޫލުގެ ގްރޭޑް 6 އަށްފަހު ހުއްޓާލީ އެވެ. އެކަމަކު ފަހުން މީރުބަހުރުގޭ ޓިއުޝަން ކްލާހުން އިނގިރޭސި އާއި ޓައިޕިން ދަސްކުރި އެވެ. މަރިޔަމް ބުނީ އޭނާ އެތަނަށް ވަތްއިރު ތިބީ ވަރަށް ފަރިތަކޮށް ޓައިޕްކުރި ކުދިންނެވެ.
"ޓައިޕިން ވަރަށް ހަދާ ހިތްވޭ. އަޅުގަނޑު ވަތްއިރު އެތާ ކުދިންތައް ވަރަށް ފަރިތަކޮށް ޓައިޕްކުރާނެ. ޓައިޕްރައިޓާ ދިމާލަށް ނުވެސް ބަލާނެ. އެކަމާ ވަރަށް ހައިރާންވި،"
"އެއް ދުވަހު އައިސް މަންމަ ކައިރި ބުނެފިން، މަންމާއޭ ވައްދަދީބަލާށޭ އެ ކްލާހަށް. ދެން އޭރު 25 ރުފިޔާއަށް ފީ އިންނަނީ. މަންމަ ކައިރި ކިޔަކިޔައިގެން މަންމަ އެއްބަސްވެއްޖެ. ދެން ވަނީ. ވަދެގެން އެ ޓައިޕްކުރާ ހިތްވީ ދެން. އިނގިރޭސި ޓައިޕް އޭރުގައި އިންނާނީ. ތާނަ ޓައިޕެއް ނުގެންގުޅޭނެތާ އެ ޒަމާނުގައި،" އާއިލާގައި އެއްބަނޑުއެއްބަފާ ދެބެއިންގެ ތެރެއިން ހުރި ހަމައެކަނި އަންހެން ދަރިފުޅު އަދި އެންމެ ހަގަށް ހުރި މަރިޔަމް ބުންޏެވެ.
އެންމެ ފުރަތަމަ 1987 ވަނަ އަހަރު ބޭއްވި ތާނަ ޓައިޕިން ކޯހުން އެއް ވަނަ ލިބުނީ އޭނާއަށެވެ.
ތިން ކުދިންގެ މަންމަ، މަރިޔަމް ހައި ކޯޓަށް ވަތްއިރު އެ ތަނުގައި އިނީ ވެސް އޭނާ ބޭނުންކުރާ ޓައިޕްރައިޓަރު އެކަންޏެވެ. އެހެންވެ، ކިތަންމެ ފަރިތަކޮށް ލިޔެވުނަސް މަސައްކަތް އޮންނަނީ ބުރަވެފަ އެވެ. އޭރު އޭނާގެ ޒިންމާތަކުގެ ތެރޭގައި އެކި ބޭނުންތަކުގައި ފޮނުވާ ސިޓީތައް ލިޔުމާއި ރަށްރަށަށް ފޮނުވާ މެސެޖުތައް ޓައިޕްރައިޓަރުން ލިޔުން ހިމެނެ އެވެ. ބައެއް ފަހަރު އަތުން ވެސް ސިޓީ ލިޔެ އުޅުނެވެ.
"އަޅުގަނޑަށް ފުރަތަމަ ޓައިޕް ދަސްކޮށްދެއްވީ މަޑުލު ވަހީދު. މަޑުލު ވަހީދު ވެސް ވިދާޅުވާނެ، ތިމަންނަ ޓައިޕް ޖަހަން ދަސްކޮށްދިން ކުދިންގެ ތެރެއިން އަޅުގަނޑޭ އެންމެ އަވަހަށް ޓައިޕްކޮށް އެކަހަލަ ކަންތައް ކުރަނީ. ދެން، ކުރާހިތުން ވީމަ ކުރާނެތާ އެ ކަންތައް،" ހިނިގަނޑެއް ޖަހާލަމުން މަރިޔަމް ބުންޏެވެ.
އޭގެ ފަހުން ޓައިޕިސްޓް ގްރޭޑް 1ގެ ފެންވަރުން އޭނާ ބަދަލުކުރީ އެސިސްޓެންޓް ސެކްރެޓަރީ އަކަށެވެ. އެއީ، ސީދާ ޓައިޕިސްޓުގެ މަގާމަށް ނުވިއަސް އެ ޒިންމާތައް ވެސް އަދާކުރި އެވެ. ޕްރޮމޯޝަން ލިބެމުން، ހައި ކޯޓުގެ ޕްރޮކިއުމެންޓް ޑިޕާޓްމަންޓުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން އަދާކުރާތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ.
ލިޔުމުގެ އިތުރުން އަލަށް ވަޒީފާއަށް ވަންނަ ކުދިންނަށް އިންޓަވިއުކުރުމުގައި އުޅުނު އެކަކަކީ މަރިޔަމެވެ. އެކަމަކު އޭނާ އަމިއްލައަށް އެދިގެން 2008 ވަނަ އަހަރުން ފެށިގެން އެ މަސައްކަތުން ދުރުވީ އެވެ.
އޮފީހަށް ވަތްކަން ޔަގީންކުރަން އޭރު ޖެހެނީ ހާޒިރީގައި ސޮއިކުރާށެވެ. އޭގެ ފަހުން ފިންގަޕްރިންޓް ޖަހަން ފެށިއަސް ގަޑި ޖެހިގެން އޮފީހަށް ދިޔަ ހަނދާނެއް އޭނާގެ ނެތެވެ. މަރިޔަމް ބުނާގޮތުގައި، އޭނާ އެންމެ ސަމާލުކަން ދެނީ ގަޑިއަށް ފަރުވާތެރި ވާށެވެ.
"އަޅުގަނޑަށް އެނގިގެން ގަޑިޖެހިފައެއް ނުހުންނާނެ. އަޅުގަނޑު އެންމެ ބޮޑަށް އިސްކަންދޭ ކަމަކީ އެއީ. ގަޑިއަށް ހުރުމަތްތެރިކޮށް ހިތުން. ދެން ގަވައިދާ ހިލާފު އެއްވެސް ކަމެއް ކުރަން އަޅުގަނޑު ވަރަށް ބޭނުން ނުވާނެ...ހަވާލުކުރާ މަސައްކަތެއް ވިއްޔާ އަޅުގަނޑަށް ކުރެވޭތޯ ބަލަން، ކުރެވޭ، ހަވާލުކުރާ މަސައްކަތެއް ވިއްޔާ،" މަރިޔަމް ބުންޏެވެ
އާއިލާއަށްފަހު މަރިޔަމް އަށް ލިބޭ އަނެއް ހިތްހަމަޖެހުމަކީ އެކުގައި މަސައްކަތްކުރާނެ ރަނގަޅު މުވައްޒަފުންތަކެއް ލިބުމެވެ. އެންމެންގެ ފަރާތުން ލިބޭ އަޅާލުމަށް މަރިޔަމްގެ ހިތް ވަނީ ޝުކުރުން ފުރިފަ އެވެ.
އާތުރައިޓްސް އާއި މީގެ ކުރިން އިންފްލުއެންޒާ ޖެހިފައި ހުރުމާއެކު ކޮވިޑު-19 ގެ ހައި ރިސްކް ކެޓަގަރީގެ މީހަކަށް ވުމުން ހައި ކޯޓުން ވަނީ މަރިޔަމް ގޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވައިފަ އެވެ. އެހެންވެ. މިހާރު އޭނާ މަސައްކަތް ކުރަމުން އަންނަނީ ގޭގަ އެވެ.
"އަޅުގަނޑު ވަރަށް ހިތްހަމަޖެހުން ލިބޭ، ވެރިންގެ ފަރާތުން ވަރަށް ސަޕޯޓިވް... އޮފީހުގައި ހުރިހާ އެންމެން ވެސް ވަރަށް އެކުވެރިވާނެ. ހައި ކޯޓަކީ ވަރަށް މުނާސަބުތައް ފާހަގަކޮށް ވަރަށް އެކުވެރި މާހައުލެއްގައި ހުރިހާ އެންމެން ވެސް އުޅޭނީ. ވަކި ބޮޑު މީހެއް، ކުޑަ މީހެއް ނޯންނާނެ. ހުރިހާ އެންމެން ވެސް ވަރަށް މަޖާކޮށް އުޅޭނީ،"
"ދަތުރު އެއްޗެހި ގޮސްފައި ފަނޑިޔާރުން ވީމަ މާ ބޮޑުވެލާފައި، އެކަހަލަ ގޮތަކަށް ނޫޅުއްވާނެ،" މަރިޔަމް ބުންޏެވެ.
ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން ހަމަލާއަށްފަހު އެކި އޮފީސްތަކުން ހުރީ ފަރިތަކޮށް ޓައިމްކުރާ ކުދިން ރައީސް އޮފީހުގައި މަސައްކަތް ކުރަން ވީއްލައިފަ އެވެ. ދައުލަތުގެ ހިދުމަތުގައި މިހާތަނަށް ކުރެވުނު މަސައްކަތުގެ ތެރެއިން ވެސް މަރިޔަމް އަށް އެންމެ ބޮޑަށް ފާހަގަކުރެވެނީ އެ ދުވަސްވަރު ރައީސް އޮފީހުގައި ކުރެވުނު މަސައްކަތާ މެދުގަ އެވެ.
ހައި ކޯޓުގައި ރަސްމީ ގަޑީގައި މަސައްކަތުގައި އުޅެން ޖެހުނަސް ރައީސް އޮފީހުގައި އޭރު ދަންވަރު ވަންދެން އުޅުނެވެ.
"ދަންވަރު ދޭއް ޖަހަންދެން [ރައީސް އޮފީހުގައި] އުޅެފައި ގެއަށް އައިސް، ހެނދުނު ތެދުވެގެން [ހައި ކޯޓު] އޮފީހަށް ވެސް ދާނެ. އޮފީހަށް ގޮސް އުޅެލާފައި ދެން ރައީސް އޮފީހުގައި ގޮސް މަސައްކަތްކުރާނީ،" މަރިޔަމް ބުންޏެވެ.
ނޮވެމްބަރު 3 ގެ ހަމަލާއާ ގުޅޭގޮތުން ރައީސް އޮފީހުން އޭރު ނެރުނު ފޮތް އެއްކޮށް ކަހަލަ ގޮތަކަށް ޓައިޕްކުރީ މަރިޔަމް އެވެ. އޭގެ އިތުރުން ގުރުއާން ތަރުޖަމާ ޓައިޕްކުރުމުގައި ވެސް އޭނާގެ ބައިވެރިވުން އޮތެވެ.
އެންމެ ފުރަތަމަ ވަޒީފާއިން ފެށިގެން މިހާތަނަށް މަރިޔަމް އަށް އެންމެ ބޮޑު ހިތްވަރެއް ދިނީ މަންމަ އާއި ބައްޕަ އެވެ. ބައްޕަ މިހާރު ދުނިޔޭގައި ނެތަސް އެ ދިން ނަސޭހަތުގައި މަރިޔަމް ހުރީ ސާބިތުވެ އެވެ.
އެހެން އޮފީސްތަކުން ބޮޑު މުސާރައާއެކު އެކި ހުށަހެޅުންތައް ލިބުނެވެ. އެކަމަކު، ބައްޕަ ބޭނުން ނުވުމުން މަރިޔަމް ނިންމީ ހައި ކޯޓުގައި މަޑުކުރާށެވެ.
"އެއް ފަހަރު އަޅުގަނޑަށް ލިބުނު އަމިއްލަ ތަނަކުން ވަރަށް ބޮޑު މުސާރައަކާ އެކު ވަޒީފާ. ބައްޕަ އެހާ ހިތްހަމައެއް ނުޖެހޭ. ބައްޕަ ބުނުއްވައިފި ސަރުކާރުގެ ވަޒީފާ ދޫކޮށްލާފައި އެހެން ވަޒީފާއަކަށް ދާކަށް ބައްޕަ ހިތްހަމައެއް ނުޖެހޭ. އޭރުން ފެށިގެން ސަރުކާރުގައި އުޅޭ ހިތުން އުޅެނީ. އަޅުގަނޑު ހަމަ ދައުލަތަށް ހިދުމަތްކުރަނީ ކުރާ ހިތުން. ސަރުކާރުގެ ވަޒީފާ އަދާކުރާ ހިތުން އޮފީހަށް ވަދެވުނީމަ،" މަރިޔަމް ބުންޏެވެ.
ހައި ކޯޓަށް ވަތްއިރު ދެ ވަނަ ކުއްޖާއަށް ބަނޑުބޮޑުވުމުން އަލަތު ދަރިފުޅުގެ ހުރިހާ ކަމެއް ކޮށްދިނީ މަންމަ އެވެ. ހުރިހާ ވަގުތެއް އޮފީހަށް ހުސްކުރެވުނީ އެހެންވެ އެވެ.
"މަންމަ ކުދިންގެ ކަންތައްތައް ކޮށްދޭނީ ހުރިހާ ކަމެއްހެން. އެހެންވެތާ އަޅުގަނޑަށް ބޭނުންހާ އިރަކު އޮފީހުގައި އުޅެވޭނީ. އެއްވެސް ކަހަލަ އުނދަގުލެއް އަޅުގަނޑަކަށް ނޯންނާނެ އޮފީހަށް ގޮސް އައިސް އުޅުމުގައި. އެ ވަރިހަމަ ކިތައްމެ ދަން ވަންދެން އުޅުނަސް. ކުދިންގެ އެއްވެސް ކަމަކާ މަންމަ ޝަކުވާއެއް ނުކުރާނެ،" މަރިޔަމް ބުންޏެވެ.
ވަޒީފާއެއް ނުލިބި ނުވަތަ މަސައްކަތެއް ނުކޮށް، މަރިޔަމް އަށްވުރެ އުމުރުގެ ގޮތުން ހަގު އެތައް ބަޔަކު ގޭގައި އެބަތިއްބެވެ. ނަމަވެސް އެކަން މަރިޔަމް ގަބޫލެއް ނުކުރެ އެވެ. އޭނާ ދެކޭގޮތުގައި ކޮންމެ މީހަކީ ވެސް ކޮންމެ ވެސް ވަޒީފާއެއް އަދާކުރެވޭނެ މީހެކެވެ. އޭގެ މިސާލެއްގެ ގޮތުން ނެގީ އަމިއްލަ ދިރިއުޅުމެވެ.
ހިދުމަތުގައި މިވީ މުއްދަތުގައި އެއް އަހަރު ދުވަހުގެ ޖުޑީޝަލް ކޯހެއްގައި ބައިވެރިވުމާއި އޮފީހުން ކުރިއަށްގެންދިޔަ އެކި ތަމްރީނުތައް އޭނާ ފުރިހަމަކޮށްފައި ވެ އެވެ.
"އަޅުގަނޑު ވެސް ފުރަތަމަ ވަޒީފާއަށް ވަތްއިރު ނޭނގޭ މާ ގިނަ އެއްޗިއްސެއް."
މަރިޔަމްގެ އަމާޒަކީ ވަޒީފާއިން މުސްކުޅި ކުރާ ހިސާބަށް ދަންދެން އިހުލާސްތެރިކަމާއެކު ދައުލަތަށް ހިދުމަތްކުރުމެވެ.