ރިކޯޑު އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވެއްޖެ
ރިކޯޑު އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވެއްޖެ

ކޮވިޑު-19 އަށް ރިކޯޑު އަދަދަކަށް މިއަދު މީހުން ޕޮޒިޓިވްވެއްޖެ އެވެ. މިއީ ރާއްޖޭގައި ހަލުއިކަމާއެކު ބަލި ފެތުރެން ފެށި ފަހުން، އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 300 މީހުންނަށް ބަލި ޖެހިފައިވާ ކަމަށެވެ. މީގެ ކުރިން، އެއް ދުވަހު އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ މިދިޔަ އޮގަސްޓް 20 ގަ އެވެ. އެ ދުވަހު 278 މީހުން ޕޮޒިޓިވްވި އެވެ. ނަމަވެސް އޭރާއި މިހާރުގެ ހާލަތު ތަފާތެވެ.

ކުރިން މާލޭގެ ހާލަތު ގޯސްކޮށް އޮތް ނަމަވެސް ރާއްޖޭގެ ތިން ރަށެއްގައި މިހާރު ދަނީ ހަލުއިކަމާއެކު ކޮވިޑް ފެތުރެމުންނެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް ޓެސްޓުކުރި 3،625 ސާމްޕަލްގެ ތެރެއިން މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ޕޮޒިޓިވްވެފައި ވަނީ 94 މީހުންނެވެ.

ހާލަތު ގޯސްކޮށް އުޅޭ ޅ. ނައިފަރާއި ފެލިވަރުގެ އިތުރުން ކ. ދިއްފުށީގައި ހޯމް އައިސޮލޭޝަންގައި މި ވަގުތު ވެސް 479 މީހުން އެބަތިއްބެވެ.

އެންމެ ފަހުން ހެދި ޓެސްޓުތަކުން އެހެން ރަށްރަށުން 96 މީހަކާއި ރިސޯޓުތަކުން 15 އަދި ސިނާއީ މަސައްކަތްކުރާ ރަށްރަށުން ޕޮޒިޓިވްވި 95 މީހަކާއެކު، މާލެއިން ބޭރުން 206 މީހަކަށް ބަލި ޖެހިފައި ވެ އެވެ.

ރިކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްވުމާ އެކު އެކްޓިވް ކޭސްތައް ވެސް ވަނީ 3،000 އިން މައްޗަށް އަރައިފަ އެވެ. އެކަމަކު ބަލިން 127 ރަނގަޅުވެފައި ވެ އެވެ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 101 މީހަކަށް ފަރުވާ ދެ އެވެ.

މާލޭގެ ހާލަތު އެއްވަރެއްގައި ހިފެހެއްޓިފައި ވާތީ، އެޗްޕީއޭ އިން މިއަދު ވަނީ ކުރިން ހަރުކަށިކޮށްފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ވެސް ދީފަ އެވެ. ކޮވިޑްގެ ހާލަތު އެހާ ގޯސްވެފައިވާ މި ދަނޑިވަޅު، އެންމެ އާބާދީ ބޮޑު ސަރަހައްދުގައި ލުއިތަކެއް ދޭތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އެޗްޕީއޭ އަށް ވަނީ އަމާޒުވެފަ އެވެ.