ޗީފް އޮފް ޑިފެންސް ޝަމާލް، ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފްއާ ބައްދަލުކުރައްވައިފި
ޗީފް އޮފް ޑިފެންސް ޝަމާލް، ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފްއާ ބައްދަލުކުރައްވައިފި

ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް، ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަޒީޒް އަހުމަދާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ބަންގްލަދޭޝްގެ އާމީ ޗީފްގެ ދައުވަތަކަށް، އަންނަ އަންގާރަ ދުވަހާ ހަމައަށް އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުގައި، ދެ ގައުމުން ވެސް ވަނީ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފަ އެވެ.

އާމީ ހެޑްކުއާޓާގައި ބޭއްވި ބައްދަލުވުމުގައި ޝަމާލް ވަނީ އެ ގައުމުގެ 50 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފަ އެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުންތަކާއި ދިވެހިންނަށް ބޮޑެތި ދަތިތައް ދިމާވާ ކޮންމެ ފަހަރަކު ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ވެދޭ ފުރިހަމަ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ.

މީގެ އިތުރުން، އަސްކަރިއްޔާގެ ގާބިލްކަން އިތުރުކޮށް ހަރުދަނާކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އިތުރު ތަމްރީން ފުރުސަތުތަކާއި އެހެނިހެން ފަންނީ އެހީތެރިކަން ހޯދަން މަޝްވަރާ ކޮށްފައި ވެ އެވެ.

ބަންގްލަދޭޝްގެ ޗީފް އާމީ، ޖެނެރަލް އަޒީޒް ވިދާޅުވީ އެ ގައުމަކީ ރާއްޖެއާ ވަރަށް ހާއްސަ ގުޅުމެއް އޮންނަ ގައުމެއް ކަމަށެވެ. ދެ ގައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި އެމްއެންޑީއެފަށް ބޭނުންވާ އަސްކަރީ އަދި ފަންނީ އެހީތެރިކަން ދިނުމުގައި ދެމިތިބޭނެ ކަމަށް ވިދާޅުވި އެވެ.

އެ ގައުމުގެ ނޭވަލް ޗީފް އޮފް ސްޓާފް އެޑްމިރަލް އެމް ޝަހީން އިގްބާލާއެކު ބޭއްވެވި ބައްދަލުވުމުގައި، ދެ ގައުމުގެ ޒަމާންވީ ގުޅުމަށް އަލިއަޅުވާލައި އެ ގައުމުގެ ނޭވީގެ ފަރާތުން ލިބޭ ތަމްރީނު ފުރުސަތުތަކާއި ދިވެހިންނަށް ދިމާވާ ކާރިސާތަކުގައި ދޭ އެހީތެރިކަމަށް ޝަމާލް ޝުކުރު އަދާކުރެއްވި އެވެ.