ފައިޒާ ވެކްސިން ޖަހާނީ މާލޭގައި، ދޭނީ ހާއްސަ ހާލަތްތަކުގައި ތިބި މީހުންނަށް
ފައިޒާ ވެކްސިން ޖަހާނީ މާލޭގައި، ދޭނީ ހާއްސަ ހާލަތްތަކުގައި ތިބި މީހުންނަށް

ފައިޒާ ވެކްސިން މި ވަގުތު ޖަހާނީ މާލެ ސަރަހައްދުގައި އަދި އެ ވެކްސިން ދޭނީ ވެސް ހާއްސަ ހާލަތްތަކުގައި ތިބި މީހުންނަށް އެކަނި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ކޮވިޑު-19 އިން ދިފާއުވުމަށް ބޭނުންވާ ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހިންގާ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ވަނީ ފައިޒާ ވެކްސިންގެ 5،500 ޑޯޒް ލިބިފަ އެވެ.

އެޗްޕީއޭއިން ކުރި އިއުލާނުގައި ބުނީ ފައިޒާ ވެކްސިން ބަހައްޓަން ޖެހެނީ މައިނަސް 70 ޑިިގްރީގައި ކަމަށް ވުމުން އެ ވެކްސިން މައިގަނޑު ގޮތެއްގައި ޖަހާނީ މާލޭގައި ކަމަށެވެ. އަދި އޭގެ ޑޯޒުތައް ދޭން ހަމަޖައްސާފައިވަނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ. ވެކްސިން ދިނުމުގައި އުމުރުން ދުވަސްވީ މީހުންނަށް އިސްކަންދޭނެ އެވެ.

އޭގެ ތެރޭގައި ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި ގަވައިދުން ޑަޔަލިސިސް ހަދާ މީހުންނާއި ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީ ހަދާ މީހުން އަދި ހަށިގަނޑުގެ ދިފާއީ ބާރު ދެރަ ކުރާ ފަދަ ބޭސްތައް ބޭނުންކުރާ އަދި ދިގު މުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް އެއް މަހުގެ މުއްދަތަށް ވުރެ އިތުރަށް) ބޭނުންކުރާ މީހުން ހިމެނެ އެވެ.

ފައިޒާ ވެކްސިނަކީ އިމަޖެންސީ ހާލަތުގައި ބޭނުންކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ހުއްދަ ދިން ފުރަތަމަ ވެކްސިނެވެ. ދުނިޔޭގެ 70 ގައުމެއްގައި މިހާރު ވެސް އިމަޖެންސީ ހާލަތުގައި ބޭނުންކުރުމުގެ ހުއްދަދީ ވެކްސިން ޖަހަމުންދެ އެވެ.

އެ ވެކްސިންގެ ޖެހުމުގެ ހުއްދަދީފައިވަނީ 16 އަހަރުން މަތީގެ މީހުންނަށެވެ. އެހެންވެ، 16-17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ހަށިގަނޑުގެ ގުނަވަން ބަދަލުކޮށްފައިވާ ކުދިންނާއި ގަވައިދުން ޑަޔަލިސިސް ހަދާ ކުދިންނާއި ކީމޯތެރަޕީ އަދި ރޭޑިއޯތެރަޕީ ހަދާ ކުދިންނާއި ހަށިގަނޑުގެ ދިފާއީ ބާރު ދެރަ ކުރާ ފަދަ ބޭސްތައް ބޭނުންކުރާ ކުދިންނަށް އެ ވެކްސިން ދޭނެ އެވެ.

އެ ކަންކަމުގެ އިތުރުން ދިގު މުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ ކުދިންނާއި (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް އެއް މަހުގެ މުއްދަތަށް ވުރެ އިތުރަށް) ހަކުރު ބައްޔާއި ތެލަސީމިއާ މޭޖަ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިންނާއި ޑައުންސިންޑްރޯމް ހުންނަ ކުދިންނާއި ސިސްޓިކް ފައިބްރޯސިސް، ބްރޮންކިއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ އަދި އުފެދުމުގައި ހުންނަ ހިތުގެ ބޮޑެތި ބަލިތައް ހުންނަ ކުދިން ވެސް އެ ވެކްސިން ދޭނެ އެވެ.

އެޗްޕީއޭއިން ވަނީ އެފަދަ ހާލަތްތަކުގައި ތިބި މީހުން https://tinyurl.com/j5jdehrz ލިންކުން ރަޖިސްޓްރީވާން އަންގައިފަ އެވެ. އެ މީހުންނަށް ވެކްސިން ޖެހުމަށް ދާންވީ ވަގުތު އެޗްޕީއޭއިން އަންގާނެ އެވެ.

ފައިޒާ ވެކްސިން ދޭނީ ރާއްޖެއަށް ލިބިފައިވާ ވެކްސިންގެ މުޅި އަދަދުން ދެ ޑޯޒް ދެވޭ ވަރަށެވެ.

ރާއްޖޭގައި މި ވަގުތު ޖަހަމުން އަންނަނީ ކޮވިޝީލްޑް އަދި ސިނޯފާމް ވެކްސިނެވެ. މިހާތަނަށް 237،716 މީހުންނަށް ކޮވިޑް ވެކްސިން ދީފައި ވެ އެވެ.