ދިރާގު ޓީވީ ހިދުމަތް ތޮއްޑު އަށް
ދިރާގު ޓީވީ ހިދުމަތް ތޮއްޑު އަށް

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތް އއ. ތޮއްޑޫގައި ރަސްމީކޮށް ފަށައިފި އެވެ.

އއ. ތޮއްޑޫގައި ދިރާގު ޓީވީ ތައާރަފުކޮށްފައި ވަނީ ދިރާގު ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕޮރޮމޯޝަނެއް ފަށާފައިވާ ވަގުތެއްގަ އެވެ. އެގޮތުން މިހާރު ކުރިއަށްދާ ހާއްސަ ޕޮރޮމޯޝަންގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް ވެސް (ޑީކޯޑާ) މުޅިން ހިލޭ ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މެއި މަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީ އަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. މި މުއްދަތުގެ ތެރޭގައި ދިރާގު ޓީވީ ކަނެކްޝަނަކަށް އެޕްލައިކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލާލެވޭނެ އެވެ.

ދިރާގު ސީނިއާ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ވީހާ ވެސް ގިނަ ރަށްތަކަށް ދިރާގު ޓީވީގެ ހިދުމަތް ފުޅާކޮށް، ވީހާ ވެސް ގިނަ ކަސްޓަމަރުންނަށް ދިރާގު ޓީވީ މެދުވެރިކޮށް ހައި ކޮލިޓީގެ މުނިފޫހިފިލުވުމުގެ ޕްރޮގުރާމްތައް ބަލާލުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. އަދި ޗެނަލްތައް އިތުރުކޮށް، ކަސްޓަމަރުންނަށް އިތުބާރު ހިފޭ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ދިިރާގު ޓީވީގައި ސަތޭކައަށް ވުރެ ގިނަ ޗެނަލް ހިމެނޭ އިރު މިއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ ސްޕޯޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ވެސް ހިމެނެ އެވެ.

ދިރާގުން ވަނީ ރާއްޖޭގެ 77 ޕަސެންޓް ގޭބިސީއަށް މިހާރު ދިރާގުޓީވީ ހިދުމަތް ފޯރުކޮށްދީފަ އެވެ.