03 އެޕްރީލް 2021 - 09:11

އަނިލް ކަޕޫރާއި މަދޫރީ ޑިކްސިޓް މީގެ 33 އަހަރު ކުރިން ކުޅުނު ކާމިޔާބު ފިލްމު "ތޭޒާބް"ގެ ރިމޭކެއް ހަދަން ނިންމައިފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެ ފިލްމުގެ ރައިޓްސް ހޯދަން ވާދަކުރި ދެ ޕްރޮޑަކްޝަން ހައުސް އަކީ ސާޖިދު ނަދިއަދުވާލާ ގްރޭންޑްސަން އާއި މުރާދު ކެތާނީގެ ސިނެ 1 ސްޓޫޑިއޯސް އެވެ. އެގޮތުން ދެ ސްޓޫޑިއޯ އިން ހުށަހެޅި އަގުތަކަށް ރިއާޔަތްކޮށް، ބޮޑު އަގު ކީ މުރާދުގެ ކުންފުނިން ކަމަށްވާތީ "ތޭޒާބް"ގެ ރައިޓްސް ލިބުނީ އޭނާއަށެވެ.
ހަންގާމާ އިން ބުނި ގޮތުގައި ފިލްމުގެ ރައިޓްސް ލިބުމާ އެކު މުރާދާއި އޭނާގެ ޓީމުން ވަނީ އޭގެ ސްކްރީންޕްލޭ އަލުން ފައްކާކުރުމުގެ މަސައްކަތް ފަށައިފަ އެވެ. ނަމަވެސް ފިލްމާ ގުޅުން ހުރި އިތުރު މަސައްކަތްތައް ކުރާނީ މުރާދު ޕްރޮޑިއުސްކޮށް، މި އަހަރުގެ ނޮވެމްބަރު 13 ގައި ރިލީޒްކުރާ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" ގެނެސްދިނުމަށް ފަހު އެވެ. އަނީސް ބަޒްމީ ޑައިރެކްޓްކުރާ އެ ފިލްމަކީ މުރާދުގެ ސިނެ 1 އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ހަދާ ފިލްމެކެވެ. އެ ދެ ސްޓޫޑިއޯ ގުޅިގެން އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2019 ގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޝާހިދު ކަޕޫރްގެ "ކަބީރް ސިންގް" އެވެ.
"ތޭޒާބް" ގެ ރައިޓްސް މުރާދަށް ލިބުނު އިރު، އަމީތާބް ބައްޗަންގެ ކުރީގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ 1982 ގެ "ނަމަކް ހަލާލް" ގެ ރައިޓްސް ވެސް އޮތީ އޭނާގެ އަތުގަ އެވެ.
އެން ޗަންދުރާ ޕްރޮޑިއުސްކޮށް، ލިޔެ އަދި ޑައިރެކްޓްކޮށް ގެނެސްދިން 1988 ގެ "ތޭޒާބް" އަކީ މަދޫރީ ވިދައިލި ފިލްމެވެ. އޭނާގެ ވަރަށް ޗާލު ނެށުންތަކެއް ހިމެނޭ އެ ފިލްމުގެ ލަވަ "އޭކް ދޯ ތީން ޗާރު" އަކީ މިހާރު ވެސް ވަރަށް މަޝްހޫރު ލަވައެކެވެ. އެ ލަވައިގެ އާ ވާޝަނެއް ޖެކްލިން ފެނަންޑޭޒާ އެކު 2018 ގެ "ބާގީ 2" ގައި އައިޓަމް ލަވައެއްގެ ގޮތުގައި ހިމަނާފައިވެ އެވެ.
އެކްޝަން ރޮމޭންސް ފިލްމެއްގެ ގޮތުގައި ގެނެސްދިން "ތޭޒާބް" ގެ ކާސްޓްގައި މަންދާކިނީ ވެސް ހިމެނެ އެވެ.
މީގެ ރިމޭކެއް ހަދަން ނިންމި އިރު، ކާސްޓާ ބެހޭ އެއްވެސް ވާހަކައެއް އަދި ނުދެކެވެ އެވެ.
މަދޫރީގެ ކުރީގެ ފިލްމުތަކުގެ ތެރެއިން ރިމޭކް/ސީކްއެލް ހަދަން ވާހަކަ ދެކެވިފައިވާ ފިލްމުތަކުގެ ތެރޭގައި 1990 ގެ "ދިލް" އާއި 1991 ގެ "ސާޖަން" ވެސް ހިމެނެ އެވެ.