ޕްލާސްޓިކާއި ކަރުދާސް މަދުކުރުމުގެ ކެމްޕޭނެއް ސްޓެލްކޯއިން ފަށައިފި
ޕްލާސްޓިކާއި ކަރުދާސް މަދުކުރުމުގެ ކެމްޕޭނެއް ސްޓެލްކޯއިން ފަށައިފި

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުން ކުރުން ހުއްޓާލުމާއި، ބޭނުންކުރާ ކަރުދާސް މަދުކުރުމުގެ ހާއްސަ ޕްރޮގްރާމެއް ސްޓެލްކޯއިން މިއަދު ފަށައިފި އެވެ.

ޕްލާސްޓިކާއި ކަރުދާސް މަދުކުރުމުގެ ކެމްޕޭނެއް ސްޓެލްކޯއިން ފަށައިފި
ޕްލާސްޓިކާއި ކަރުދާސް މަދުކުރުމުގެ ކެމްޕޭނެއް ސްޓެލްކޯއިން ފަށައިފި

އެ ޕްރޮގްރާމް މިއަދު އިފްތިތާހުކޮށްދެއްވީ، މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ އާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ގާސިމް އަބުދުލްކަރީމެވެ.

މި ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން ހިންގަމުން ގެންދާ 35 އިންޖީނުގެއަކީ ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ވެއްދުން މަނާ ތަންތަނަށް ވާނެ ކަމަށް އެތަނުން ބުންޏެވެ.

ސްޓެލްކޯގެ ގްރީން ލައިފް އިނީޝިއޭޓިވްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ކުރާ މަސައްކަތުގައި މުވައްޒަފުން ބައިވެރިކުރުމަށް ކޮންމެ މުވައްޒިފަކަށް ވެސް ވަނީ ރީ-ޔޫސަބަލް ފެންފުޅިއާއި، ފޮތި ދަބަސް ވެސް މިއަދު ހަވާލުކޮށްފައިވެ އެވެ.

މީގެ އިތުރުން މަސައްކަތުގެ މާހައުލުގައި ފެން ބުއިމުގެ އާދަ އަށަގެންނެވުމަށް ޓަކައި ސްޓެލްކޯގެ ހެޑް އޮފީހުގެ ވަކިވަކި ޑިޕާޓްމަންޓްތަކާއި ހުރިހާ ފްލޯތަކެއްގައި ވޯޓާ ޑިސްޕެންސަރު ނުވަތަ ބޯފެން ފުޅިއަށް އަޅައިގެން ބޭނުންކުރެވޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ފޯރުކޮށްދީ، އެކި ބޭނުންތަކުގައި އެތަނަށް ދާ މީހުން ވެސް ތިމާވެއްޓަށް ގެއްލުންދޭ ތަކެތި ކުންފުނީގެ އިމާރާތުގެ ތެރެއަށް ނުވެއްދުމަށް ބާރު އަޅާނެ އެވެ. އަދި އެފަދަ ތަކެތި އެތެރެ އަށް ނުވައްދައި ބެހެއްޓޭނެ އިންތިޒާމު ވެސް ސްޓެލްކޯގައި ވަނީ ގާއިމްކޮށްފަ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު ވިދާޅުވީ، މިއަދު މި ފެށި "ފެހި ދިރިއުޅުން" ޕްރޮގްރާމް ގެ ތެރެއިން ތިމާވެއްޓާ ރައްޓެހި ގޮތެއް ހޯދުމާއި ތިމާވެއްޓަށް ގެއްލުންދެނިވި ތަކެއްޗަށް ނޫނެކޭ ބުނުން ވެގެންދާނީ ސްޓެލްކޯގެ ހިދުމަތުގެ ދިގު ތާރީހުގައި ގިރާކުރި މުހިންމު ހަރުފަތަކަށް ކަމަށެވެ.

"އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް އެއްފަހަރާ ހުއްޓުވާ ފުރަތަމަ ކުންފުންޏަކަށް މި ކުންފުނި ވެގެން ދާނެ. ހިސާބުތައް ދައްކާގޮތުން މަހެއްގެ މައްޗަށް މި ކުންފުނީގެ ބޭނުންތަކަށް 2800 ފެންފުޅި ގަނެ ބޭނުން ކުރޭ. މިއީ އަހަރަކަށް ބަލާ ނަމަ، 33،000 ފުޅި ފެން ތިމާވެއްޓަށް ގެންލުންދޭ ގޮތުގައި ނައްތާލާ. މިކަން ތަކުރާރުކޮށް ކޮށް ތިބެން އެހާ ފަސޭހައެއްނޫން،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯއިން ކަރުދާސް ބޭނުން ކުރުން މަދު ކުރަން ނިންމާފައިވާ އިރު އަލަށް ފެށި ޕްރޮގްރާމުގެ ތެރެއިން މިހާރު ބޭނުންކުރާ ކަރުދާހުގެ ނިސްބަތް 52 ޕަސެންޓް ކުޑަކުރެވޭނެ އެވެ.