ޑްރަގްސްގެ ފަރުވާ ހޯދާ މީހުންނަށް ލުއިގޮތެއް ގުރައިދޫން ހަމަޖައްސައިފި
ޑްރަގްސްގެ ފަރުވާ ހޯދާ މީހުންނަށް ލުއިގޮތެއް ގުރައިދޫން ހަމަޖައްސައިފި

މަސްތުވާތަކެތިން ސަލާމަތްވުމަށް މާލެ އަށް ދަތުރުކުރުމުގެ ބަދަލުގައި، ރަށުގައި ތިބެގެން ކޮމިއުނިޓީ ފަރުވާ ފުރިހަމަ ކުރެވޭނެ ގޮތް ކ. ގުރައިދޫގައި ހަމަޖައްސަިއިފި އެވެ. މިއީ އެ ރަށުގެ ކަމާ ގުޅޭ އިދާރާތަކުން އިސްނަގައިިގެން ހަމަޖައްސައިދިން ކަމެކެވެ.

ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ބޯޑުގެ ޗެއާމަން އަބްދުލްހަމީދު "މިހާރު" އަށް ވިދާޅުވީ، މިއީ ކޮވިޑް-19 އާ ގުޅިގެން ދިމާވި ހާލަތުގައި، ދަތުރުކުރުން ހަރުކަށިކުރުމުން ދިމާވި ގޮންޖެހުންތަކަށް ހައްލެއް ހޯދަން އެ ރަށު އިދާރާތަކުން ކުރި ކަމެއް ކަމަށެވެ. އޭގެ ތެރޭގައި މާލެއަށް އައުމަށް ފަހު މަޑުކުރާނެ ތަނެއް ނެތުމާއި އަދި ރަށަށް އަނބުރާ ދިއުމަށް ފަހު ކަރަންޓީންވުން ފަދަ އުނދަގޫތައް ހިމެނެ އެވެ.

ކޮމިއުނިޓީ ފަރުވާ ހޯދަމުން އަންނަ މީހުން ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ކައުންސެލިން ހޯދުމާއި ގްރޫޕް ތެރަޕީގައި ބައިވެރިވުމާއި ވަޒީފާއަށް ދިއުމުގެ އިތުރުން ޔޫރިން ޓެސްޓުކޮށް، ފަރުވާ ފުރިހަމަކުރަމުން އަންނަ ކަން އަންގަން ސޮއިކުރުން ހިމެނެ އެވެ. ނަމަވެސް މީގެ ކުރިން، ޔޫރިން ޓެސްޓުކުރާށާއި ސޮއިކުރުމުގެ ކަންތައްތައް ކުރެވޭނީ މާލެއަށް އައުމަށް ފަހު އެވެ.

"ހަމަ އެކަނި ކޯޓަށް ހާޒިރުވާން ޖެހޭ ފަދަ ހާލަތެއްގައި އެ މީހުން މާލެ އަންނަން [މިހާރު] ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ އުއްމީދުކުރައްވަނީ އެހެން ރަށްރަށުގެ ރައްޔިތުން ވެސް، އެ ރަށްރަށުގައި ފަރުވާ ހޯދާ މީހުންނަށް ފަސޭހައިން ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.