01 އެޕްރީލް 2021 - 14:47

ހުޅުމާލެ ހިންގާ ކުންފުނި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކޯލް ސެންޓަރު ފުވައްމުލަކަށް ބަދަލުކޮށް އެ ހިދުމަތް އެ ރަށުގައި މިއަދު ފަށައިފި އެވެ.

އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ މި ކޯލް ސެންޓަރު ހުޅުވުމުން އެޗްޑީސީ އާއި ފުވައްމުލަކު ކައުންސިލާއި، އެ ރަށު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މިއީ އެޗްޑީސީން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި އެތަނަށް ލިބިފައިވާ ތަޖުރިބާ، އެހެން ރަަށްރަށުގެ ކައުންސިލްތަކަށް ފޯރުކޮށްދިނުމަށްޓަކައި ހިންގަމުން އަންނަ "ބިޔޯންޑް ހުޅުމާލެ" ގެ ދަށުން ކުރެވުނު މަސައްކަތެއް ކަމެއް ކަމަށް އެޗްޑީސީން ބުންޏެވެ. ކޯލް ސެންޓަރުގެ ހޮޓްލައިން، 1516 ވެސް މިއަދު ވަނީ އިފްތިތާހުކޮށްފަ އެވެ.
އެ ސެންޓަރުގައި މަސައްކަތްކުރާނީ ފުވައްމުލަކު ރައްޔިތުން ކަމަށް އެޗްޑީސީން ބުންޏެވެ. އެ ސެންޓަރު ހުޅުވީ ތިން މުވައްޒަފުންނާ އެކު އެވެ.
އެޗްޑީސީން ބުނީ މިއީ އެ ކުންފުނީގެ މަސައްކަތް ހުޅުމާލެ ނޫން އެހެން ރަށްރަށަށް ފޯރުކޮށްދިނުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި މި ސެންޓަރުގެ ސަބަބުން ފުވައްމުލަކު ސިޓީގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދާނެ ކަމަށް ވެސް ބުންޏެވެ.