"އާރްއާރްއާރް" ގެ ރައިޓްސް ޕެން ސްޓޫޑިއޯ އަށް ވިއްކާލައިފި
"އާރްއާރްއާރް" ގެ ރައިޓްސް ޕެން ސްޓޫޑިއޯ އަށް ވިއްކާލައިފި

މި އަހަރު އިންޑިއާގެ ސިނަމާ އަށް އަންނާނެ އެންމެ ބޮޑު ފިލްމު "އާރްއާރްއާރް" ގެ ރައިޓްސް ޕެން ސްޓޫޑިއޯ އަށް ވިއްކާލައި އެވެ.

"ބާހްބަލީ" ގެނެސްދިން ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ ބޮޑު ފިލްމުގެ ރައިޓްސް ހޯދިކަން ޖަޔަންތި ގާޅާގެ ޕެން ސްޓޫޑިއޯ އިން ސޯޝަލް މީޑިއާގައި ހިއްސާކުރި ނަމަވެސް މި އެއްބަސްވުމެއްގެ އަގެއް ހާމައެއްނުކުރެ އެވެ. އެކަމަކު އާދައިގެ އަގަކަށް "އާރްއާރްއާރް" ދޫކޮށްނުލާނެކަން ކަށަވަރެވެ. ސަބަބަކީ މިއީ މިހާތަނަށް އިންޑިއާގައި އެންމެ ބޮޑު ބަޖެޓަކުން ގެނެސްދޭ ފިލްމަށްވުމެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ފިލްމުގެ ރައިޓްސް ވިއްކާލައިގެން މިހާރު ވެސް "އާރްއާރްއާރް" އަށް 900 ކްރޯޑް ރުޕީސް (122.64 މިލިއަން ޑޮލަރު) ކަށަވަރުވެފައިވެ އެވެ.

މި އަހަރުގެ އޮކްޓޯބަރު 13 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމު ހަދާފައި ވަނީ ގާތްގަނޑަކަށް 400 ކްރޯޑް ރުޕީސް (54.54 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ. ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި ޕެން ސްޓޫޑިއޯ އަށް ވިއްކައިލީ "އާރްއާރްއާރް" އުތުރު އިންޑިއާގެ ސިނަމާތަކުގައި ދެއްކުމުގެ ރައިޓްސް އާއި އެހެން ހުރިހާ ބަހަކުން ފިލްމު ގެނެސްދިނުމުގެ ސެޓެލައިޓާއި ޑިޖިޓަލް ރައިޓްސް އެވެ. މި ފިލްމަކީ ހިންދީ، ތެލެގޫ، ތަމަޅަ ބަހުން ގެނެސްދޭނެ ފިލްމެކެވެ.

އިންޑިއާގެ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި "ބާހްބަލީ"ގެ ދެ ފިލްމަށް ފަހު ރާޖަމޯލީ ގެނެސްދޭ "އާރްއާރްއާރް" އަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. އަދި މި ފިލްމު ވެސް ބޮކްސް އޮފީހުގައި ރެކޯޑްތަކެއް ހަދާނެ ކަމަށް ފިލްމީ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް "އާރްއާރްއާރް" އަކީ 1920 ގައި ހިނގާ ހަނގުރާމައިގެ ވާހަކަ ކިޔައިދޭ ޕީރިިއަޑް އެކްޝަން ފިލްމެކެވެ.

މީގެ ލީޑް ބަތަލުންނަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. ބަތަލާ އަކީ ބޮލީވުޑްގެ އާލިއާ ބަޓެވެ. އަދި އަޖޭ ދޭވްގަން ވެސް ފިލްމުގެ ރޯލަކުން ފެންނާނެ އެވެ.