01 އެޕްރީލް 2021 - 13:19

ޅ. ހިންނަވަރުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 20 އަށް އަރައިފި އެވެ.
ހިންނަވަރު ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހިމް "މިހާރު" އަށް ވިދާޅުވީ އެ ރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެ ރަށާ ކައިރީ އޮންނަ ފެލިވަރުގައި ހިންގާ މަސް ޕްލާންޓްގެ މުވައްޒަފުން ނުވަތަ އެ މީހުންގެ އާއިލާ މީހުން ކަމަށެވެ.
ފެލިވަރު ކްލަސްޓާއާ ގުޅިގެން މިހާތަނަށް 96 މީހަކު ޕޮޒިޓިިވްވެފައިވާ އެޗްޕީއޭގެ ހިސާބުތަކުން ދައްކަ އެވެ. މި ކްލަސްޓާގައި ދިވެހިންގެ އިތުރުން ސްރީ ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް މީހުން ވެސް ހިމެނެ އެވެ.
ހިންނަވަރުން އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ ހޮނިހިރު ދުވަހު ނެގި ސާމްޕަލްތަކުންނެވެ. އެ ދުވަހު ނެގި 93 ސާމްޕަލްގެ ތެރެއިން 10 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ފަސް ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެ އެވެ.
ހިންނަވަރު ހެލްތު ސެންޓަރުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގެ ބުދަދުވަހު އެ ރަށުން މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެއީ ފެލިވަރުގައި ކޮވިޑް ފެތުރެން ފެށުމުން އެންމެ ފުރަތަމަ ނެގި ސާމްޕަލް ކަމަށް ބެލެވެ އެވެ.
ހިންނަވަރުން ނަގާ ސާމްޕަލްތައް ޓެސްޓުކުރަން ފޮނުވަނީ މާލެ އަށެވެ. އާންމުކޮށް ނަތީޖާ ލިބެން ދެ ދުވަހެއް ވަރު ނަގަ އެވެ.
އޭގެ ފަހުން ހުކުރުދުވަހު ހަތަރު މީހުން، އާދިއްތަ ދުވަހު އެކަކު އަދި ހޯމަ ދުވަހު ހަތަރު މީހުންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ.
ޓެސްޓުކުރަން ނެގި ގިނަ ސާމްޕަލްތަކުގެ ނަތީޖާ މިހާރު ލިބިފައިވިޔަސް މިދިޔަ ބުރާސްފަތި ދުވަހު ނެގި ބައެއް ސާމްޕަލްގެ ނަތީޖާ ނުލިބޭ ކަމަށް ހެލްތު ސެންޓަރުން ބުނެ އެވެ.
ސާމްޕަލްގެ ނަތީޖާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައި ވަނީ އެކަށީގެންވާ ވަރަށް ޓެސްޓުކުރުމުގެ ގާބިލްކަން ނެތި އެއަށް ވުރެ ބޮޑު ބްލޮކެއް އުފެދުމުން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އިއްޔެ ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ އެ މައްސަލަ ދެ ދުވަހެއްގެ ތެރޭގައި ހައްލުވާނެ ކަމަށެވެ.
އެއްވެސް ޕޮޒިޓިވް ކޭހަކާ ގުޅުން ނެތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަން އެ ރަށަށް އަރައި ފޭބުން މަނާކުރީ މިދިޔަ ހޮނިހިރު ދުވަހެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި ކޮވިޑް ދަނީ ވަރަށް ބާރަސް ފެތުރެމުންނެވެ. ކ. ހުރާ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 100 އަށް އަރައިފަ އެވެ.