ކޮވިޑް-19 ފެތުރި ވިއެޓްނާމްގެ ކެބިން ކްރޫއަކަށް ދެ އަހަރުގެ ޖަލު ހުކުމެއް
ކޮވިޑް-19 ފެތުރި ވިއެޓްނާމްގެ ކެބިން ކްރޫއަކަށް ދެ އަހަރުގެ ޖަލު ހުކުމެއް

ކަރަންޓީނުގެ އުސޫލުތަކާ ހިލާފުވެ ކޮވިޑް-19 ފެތުރިކަމުގެ ކުށް ސާބިތުވެ، ވިއެޓްނާމްގެ ކެބިން ކްރޫއަކަށް ދެ އަހަރުގެ ޖަލު ހުކުމެއް އަންގާރަ ދުވަހު އިއްވައިފި އެވެ.

ކޮވިޑް-19 ފެތުރި ވިއެޓްނާމްގެ ކެބިން ކްރޫއަކަށް ދެ އަހަރުގެ ޖަލު ހުކުމެއް
ކޮވިޑް-19 ފެތުރި ވިއެޓްނާމްގެ ކެބިން ކްރޫއަކަށް ދެ އަހަރުގެ ޖަލު ހުކުމެއް

މީޑިއާތަކުން ބުނީ އެއް ދުވަހަށް ކުރިއަށް ގެންދިޔަ ޝަރީއަތަށް ފަހު ހޯ ޗީ މިން ސިޓީގެ ޕީޕަލްސް ކޯޓުން ޖަލު ހުކުމް އިއްވީ ވިއެޓްނާމް އެއާލައިންސްގެ ފިރިހެން ކެބިން ކްރޫ ޑުއޯން ޓޭން ހައު، 29، އަށް ކަމަށެވެ. އޭނާގެ މައްޗަށް ދައުވާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޖަޕާނުން ކުރި ދަތުރަކަށް ފަހު، ފުރިހަމަކުރަން ޖެހޭ 14 ދުވަހުގެ ކަރަންޓީނާ ހިލާފުވެ، ގިނަ އަދަދެއްގެ ބަޔަކާ ބައްދަލުކޮށް، އޭގެ ތެރެއިން 46 މީހަކަށް ބަލި ޖައްސާފައިވާ ކަމަށް ސާބިތުވާތީ އެވެ.

އެގޮތުން ކެފޭ/ރެސްޓޯރަންޓްތަކުގެ އިތުރުން ކިޔަވަމުން ދިޔަ އިނގިރޭސި ކްލާހަށް ވެސް ޑުއޯން ހާޒިރުވެފައިވާ ކަމަށް ދައުވާގައި ބުންޏެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވީ ނޮވެމްބަރު މަހުގެ 28 ގަ އެވެ.

ކެބިން ކްރޫ އަށް އިއްވި ހުކުމަށް ވިއެޓްނާމްގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީން މަރުހަބާ ވެސް ކިޔާފައިވެ އެވެ. އެތަނުން ބުނި ގޮތުގައި ކެބިން ކްރޫގެ ފަރާތުން ފެނުނު އަމަލަކީ ނުރައްކާތެރި ބައްޔެއް ފެތުރެމުން ދިޔަ ދުވަސްވަރެއްގައި އެތައް ބަޔަކު ނުރައްކަލަށް ގަސްތުގައި ހުށަހެޅުމުގެ އަމަލެކެވެ.

އަދި އެކަމާ ހުރެ 2،000 އެއްހާ މީހުން ކަރަންޓީނުކޮށް، ޓެސްޓްކުރަން ޖެހުމުން ދައުލަތަށް 4.48 ބިލިއަން ޑޮންގް (194،000 ޑޮލަރު) ގެ ބުރައެއް އުފުލަން ޖެހުނު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކޮވިޑްގެ ހާލަތު ވަރަށް ގޯސްވި ނަމަވެސް އޭޝިއާ އަށް ނިސްބަތްވާ ވިއެޓްނާމަކީ ކޮވިޑް-19 ވަރަށް ބޮޑަށް ކޮންޓްރޯލް ގައުމެކެވެ. ނުވަދިހަ މިލިއަނަށް ވުރެ އާބާދީ ބޮޑު ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު 3،000 އަށް ވެސް ނާރަ އެވެ. އަދި ބަލީގައި މިހާތަނަށް މަރުވެފައި ވަނީ އެންމެ 35 މީހުންނެވެ.