01 އެޕްރީލް 2021 - 11:06

ވޯލްޑް ކަޕާއި ޔޫރޯގެ ކޮލިފައިންގައި އިންގްލެންޑްގެ އަމިއްލަ ފަސްގަނޑުގައި ބަލިނުވެ އެ ގައުމުން ދަމަހައްޓަމުން އަންނަ ރެކޯޑް ރޭ، ޕޮލެންޑާ ދެކޮޅަށް ވެސް، ހިފަހައްޓައިފި އެވެ.
ގްރޫޕްގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު އެއް ވަނައަށް އަރަން އިންގްލެންޑް މޮޅުކޮށްދިނީ ދިފާއީ ކުޅުންތެރިޔާ ހެރީ މެގުއާޔާ، މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ޖެހި ލަނޑުންނެވެ.
ލިބުނު ޕެނަލްޓީއަކުން 19 ވަނަ މިނިޓްގައި ހެރީ ކޭން އިންގްލެންޑަށް ކުރި ހޯދައިދީފައި ވަނިކޮށް ޕޮލެންޑުން އެއްވަރުކުރީ 58 ވަނަ މިނިޓްގައި ޖެކުބް މޮޑާ އެވެ. މޮޑާއަށް ފުރުސަތު ލިބުނީ ޖޯން ސްޓޯންއަށް ހެދުނު ބޮޑު ގޯހަކުންނެވެ.
ރޭގެ މެޗުގައި ޕޮލެންޑްގެ ވަރުގަދަ ފޯވަޑް ރޮބަޓް ލެވަންޑޮސްކީ އަނިޔާގެ ސަބަބުން ނުކުޅެ އެވެ.
މިއީ ޔޫރޯ އާއި ވޯލްޑް ކަޕް ކޮލިފައިންގައި އަމިއްލަ ފަސްގަނޑުގައި ކުޅެ އިންގްލެންޑް ޖެހިޖެހިގެން މޮޅުވި 20 ވަނަ މެޗެވެ. މި މޮޅު ފެށުނީ އޮކްޓޯބަރު 2012ގަ އެވެ.
އިންގްލެންޑަށް ތިން ޕޮއިންޓް ހޯދައިދިނުމަށް ފަހު މެގުއާޔާ ބުނީ "މިއީ ވަރަށް ބޮޑު މޮޅެއް" ކަމަށެވެ.
"މެޗުގެ ފެށުން އަހަރެމެންނަށް ރަނގަޅަށް ދިޔަސް ފަހުން ގޯސްވި،" މެގުއާޔާ ބުންޏެވެ.
"ދިފާއީ ކުޅުންތެރިންނަށް ގޯސް ހެދޭނެ، އަދި އެގޯސްތައް ވަރަށް ބޮޑަށް އެހެން މީހުން ބަލާ ވެސް ހަދާނެ،" ސްޓޯންސްއަށް ހެދުނު ގޯހާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.
"މި އަހަރު ޖޯން ސްޓޯންސް އަންނަނީ ވަރަށް މޮޅު ކުޅުމެއް ދައްކަމުން."
ކޭންގެ ޕެނެލްޓީއަކީ އޭގެ ޒާތުގައި އޭނާއަށް އިތުރު ކާމިޔާބެއް ވެސް މެ އެވެ. އިންގްލެންޑްގެ ގައުމީ ޓީމަށް އެންމެ ގިނަ ޕެނެލްޓީ ކާމިޔާބުކޮށްދިން ކުޅުންތެރިޔަކަށް މިހާރު ވެފައި ވަނީ ކޭން އެވެ. އެގޮތުން ރޭގެ ޕެނެލްޓީއާ އެކު 10 ޕެނެލްޓީ ކާމިޔާބުކުރެވުނީ އެވެ. އޭނާ ފަހަތަށް ޖައްސާލީ ނުވަ ޕެނެލްޓީ ކާމިޔާބުކޮށްދިން ފްރޭންކް ލަމްޕާޑެވެ.