ބަލި މީހުންގެ އަދަދު 100 އިން މަތިވެ، ހުރާގެ ހާލަތު ގޯހުން ގޯހަށް
ބަލި މީހުންގެ އަދަދު 100 އިން މަތިވެ، ހުރާގެ ހާލަތު ގޯހުން ގޯހަށް

ކ. ހުރައިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100އިން މަތިވެ، އާއްމުންގެ ބިރުވެރިކަން އިތުރުވެއްޖެ އެވެ.

އެންމެ ދެ ހަފުތާ ތެރޭގައި ހުރާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު އިންތިހާއަށް އިތުރުވި އިރު، މިއީ މާލެ ފިޔަވައި އެހެން ރަށަކުން އެންމެ ގިނައިން ބަލި ފެނުނު ފުރަތަމަ ފަހަރެވެ.

ހުރައިން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވީ، ރަށުން ބަލިވެ ހާލު ބޮޑުވެގެން މާލެ ގެނައި އުމުރުން ދުވަސްވީ މީހެކެވެ. އޭގެ ފަހުން އޭނާއާ ގުޅުން ހުރި މީހުންނާއި ގުޅުން ނެތް ގިނަ ބަޔަކަށް ދަނީ ބަލި ޖެހެމުންނެވެ. މަގުމަތިން ނަގާ ރެންޑަމް ގިނަ ސާމްޕަލްތަކެއް ވެސް ޕޮޒިޓިވްވެފައިވާއިރު، އެ ރަށުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 104އަށް އަރައިފަ އެވެ.

ހުރާ ކައުންސިލްގެ ނައިބު ރައީސް ފަޔާޒު އިބްރާހިމް ވިދާޅުވި ގޮތުގައި އެ ރަށުގެ 110ގެ މި ވަގުތު ހުރީ ކަރަންޓީނުކޮށްފަ އެވެ. މިއީ 2،000 މީހުންގެ އާބާދީއެއް އޮންނަ އެ ރަށުގައި ވަރަށް ގިނަ އަދަދެވެ. އަދި ރާއްޖޭގެ ރަށެއްގައި އެހާ ގިނަ ގެތަކެއް ކަރަންޓީނުކުރި ފުރަތަމަ ފަހަރެވެ.

"އަޅުގަނޑުމެން ވެސް މިތިބީ ކަރަންްޓީނު ވެގެން. މި ރަށުގެ ގިނަ ގެތަކަކަށް ވަނީ ވަދެ ނިކުމެ އުޅުން މަނާކޮށްފައި،" ފަޔާޒު ވިދާޅުުވި އެވެ.

"ވަރަށް އުނދަގޫ އަދި ބޮޑު ބޮލުގެ ރިހުމެއް މިއީ."

ފަޔާޒް ވިދާޅުވި ގޮތުގައި ބަލިމަޑުކަމުގެ ކުރިން، އެ ރަށަކީ، އާއްމުން ވަރަށް ހަރަކާތްތެރި ރަށެކެވެ. ރަށުގެ 90 ޕަސެންޓް ޒުވާނުން ވަޒީފާތަކުގައި އުޅޭއިރު، ގިނަ ބަޔަކު ބޭރުތެރޭން ފެންނާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު، ބަލިމަޑުކަމާއެކު އެ ރަށުގައި މިހާރު އޮތީ ހިމޭންކަމެވެ. ޒަރޫރީކަމެއްގައި ނޫނީ އެއްވެސް މީހަކު މަގުމައްޗަކަށް ނުނިކުމެވެ.

ފިހާރަތަކުން ގެއަށް ތަކެތި ޑެލިވަރީކޮށްދޭއިރު، ކުނި އުކާލުމަށް ވެސް ހާއްސަ އުސޫލުތަކެއް ވަނީ ހަމަޖައްސާފަ އެވެ.

ހުރާގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމާއެކު މިހާރު އެ ރަށް އޮތީ ލޮކްޑައުންކޮށްފަ އެވެ. އަދި ރޭ ވަނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީން، އެ ރަށުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓާލުމާއި ސްކޫލު ބަންދުކުރުމާއި ޕާޓީ، ހަފްލާ އަދި ރަސްމިއްޔާތު ބޭއްވުން ހުއްޓާލުމަށް ވަނީ އަންގައިފަ އެވެ. އަދި ކުޅިވަރާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓާލައި، ސެލޫން، ޖިމް އަދި ބޯކޮށާ ތަންތަން ބަންދުކުރުން ހިމެނެ އެވެ.

ހުރާގެ އިތުރުން އެ އަތޮޅު ދިއްފުށިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވެސް މިހާރު ވަނީ 60އަށް އަރައިފަ އެވެ.