02 އެޕްރީލް 2021 - 08:21

އިނގިރޭސި އަސްކަރިއްޔާ އަށް ހޮލޯލެންސް ހެޑްސެޓް ފޯރުކޮށް ދިނުމުގެ ބޮޑު ކޮންޓްރެކްޓެއް އަނެއްކާ ވެސް މައިކްރޮސޮފްޓުން ކާމިޔާބުކޮށްފި އެވެ.
ޓެކް ދާއިރާ އިން އަސްކަރިއްޔާ އަށް 2018 އިން ވަރަށް ގާތުން މަސައްކަތްކުރަމުން އަންނަ ކުންފުންޏަށް މި ފަހަރު ކާމިޔާބުކުރެވުނު ކޮންޓްރެކްޓް 10 އަހަރުގެ މުއްދަތަށް ހޮލޯލެންސް ހެޑްސެޓް ފޯރުކޮށް ދިނުމެވެ. އެގޮތުން 120،000 ޑިވައިސް ސަޕްލައިކޮށް ދިނުމުގެ އަގަކީ 21.88 ބިލިއަން ޑޮލަރު ކަމަށް ސީއެންބީސީން ބުންޏެވެ.
މައިކްރޮސޮފްޓްގެ އިންޓަގްރޭޓެޑް ވިޝުއަލް އޯގްމަންޓޭޝަން ސިސްޓަން (އައިވީއޭއެސް) އެމެރިކާގެ އަސްކަރިއްޔާގައި ޓެސްޓްކުރާތާ ދެ އަހަރުވެއްޖެ އެވެ. މީގެ ބޭނުމަކީ އޮފިސަރުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމެވެ. އެގޮތުން ހޮލޯލެންސް ހެޑްސެޓަކީ ރޭގަނޑު ވެސް ބޭނުންކުރަން އެކަށޭނެ ގޮތަށް ހައި-ރިޒޮލިއުޝަނާއި ތާމަލް އަދި ސޯލްޖާ-ބޯން ސެންސަ ހިމަނައިގެން ތައްޔާރުކޮށްފައިވާ އެއްޗެކެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު މައިކްރޮސޮފްޓާ އެކު ހެދި އެއްބަސްވުމާ ބެހޭ ގޮތުން އެމެރިކާގެ އަސްކަރިއްޔާ އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ފޯރުކޮށްދޭ ހެޑްސެޓް ވާނީ ކްލޯޒް ކޮމްބެޓް ފޯސް (ސީއެފްއެފް) ގެ ޓްރޭނިންތަކާއި އޮޕަރޭޝަންތަކާއި އެހެނިހެން މަސައްކަތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށެވެ.
އަސްކަރީ އަށް ހެޑްސެޓް ފޯރުކޮށް ދިނުމުގެ ކޮންޓްރެކްޓް މައިކްރޮސޮފްޓް އެންމެ ފުރަތަމަ 2018 ގައި ކާމިޔާބުކުރީ 479 މިލިއަން ޑޮލަރަށެވެ.
އެ ކުންފުނިން ހޮލޯލެންސް ހެޑްސެޓް ލޯންޗްކުރީ 2019 ގަ އެވެ. އޭގެ ފަހުން އެ ޑިވައިސް އިތުރަށް ތަރައްގީކޮށް، ވަރުގަދަކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.