ފްރާންސްގެ އަލިފާން: އިމާރާތަށް އަރައި އާއިލާ ސަލާމަތްކުރި ޒުވާނުންނަށް ތައުރީފް
ފްރާންސްގެ އަލިފާން: އިމާރާތަށް އަރައި އާއިލާ ސަލާމަތްކުރި ޒުވާނުންނަށް ތައުރީފް

ނޯންޓް (އެޕްރީލް 1) - ފްރާންސްގެ ނޮންޓް ސިޓީގެ އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއަކުން އާއިލާއެއް ސަލާމަތް ކުރުމަށް ޒުވާނުންތަކެއް ކުރި މަސައްކަތަށް އެތައް ބަޔަކު ތައުރީފްކޮށްފި އެވެ.

ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި ޒުވާނުންތަކެއް ވަނީ އެޕާޓްމަންޓް އިމާރާތަށް އަރައި އަލިފާން ރޯވެފައި ހުރި ތިންވަނަ ބުރީގައި އުޅުނު އާއިލާއެއް ސަލާމަތްކޮށްފަ އެވެ. އެ އިމާރާތުގެ ތިރީގައި ގޮދަނޑިއެއް އަޅައި، އެ އެޕާޓްމަންޓުގައި އުޅުނު ދަމަފިރިންގެ ހަ މަހުގެ ތުއްޖާ ވަނީ ރައްކާތެރިކަމާ އެކު ސަލާމަތްކޮށްފަ އެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރު އެ ކުއްޖާގެ ހާލު ސީރިއަސް ނަމަވެސް މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށް ޚަބަރުތައް ބުނެ އެވެ.

އާއިލާ ސަލާމަތް ކުރުމުގައި އުޅުނު އެއް ޒުވާނެއް ކަމަށްވާ ތަހުމީދު ބުނީ ބެލްކަނީން ކުޑަ ކުއްޖާ ތިރިއަށް "އެއްލާލަން" ނިންމީ އެ ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވޭނެ އެހެން ގޮތެއް ނެތިގެން ކަމަށެވެ. އޭރު އިމާރާތް ވަނީ ބޯ ދުމުން ފުރިފައި ކަމަށް އޭނާ ބުންޏެވެ.

އިމާރާތުގައި ރޯވި އަލިފާން އެހެން ފްލެޓްތަކާ ހަމައަށް ވެސް ފޯރި އެވެ. އަލިފާން ނިންމާ މީހުން ގޮސް ވަނީ އެތައް ބަޔަކު ސަލާމަތްކޮށްފަ އެވެ.

ޒުވާނުން ހިމެނޭ ޖަމިއްޔާއެއްގެ ލީޑަރު ކެންޒާ ޒައްކަރު ބުނީ އަލިފާން ރޯވި އެޕާޓްމަންޓުން މީހުން ސަލާމަތް ކުރަން ޒުވާނުންގެ ޓީމުން ނިންމީ އަލިފާން ނިންވާ ޓީމަށް އާދެވޭނެ އިރެއް ނޭނގޭތީ ކަމަށެވެ.

އާއިލާ ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ތިން މީހުންނަކީ ވެސް ފްރާންސްގައި ދިރިއުޅޭ އެހެން ގައުމެއްގެ ބަޔެކެވެ. ޒުވާނުންގެ ޖަމިއްޔާ އިން ވަނީ އެ ތިން މީހުންނަށް ފްރާންސްގެ ރަށްވެހިކަން ދިނުމަށް ގޮވާލައިފަ އެވެ. ތިން ޒުވާނުންގެ ހިތްވަރު ފްރާންސް ސަރުކާރުން ފާހަގަ ކުރުމަށް އެދި ގޮވާލައި އޮންލައިން ޕެޓިޝަނެއް ވެސް މިހާރު ވަނީ ލޯންޗްކޮށްފަ އެވެ.

ފްރާންސްގެ ޕެރިހުގެ އިމާރާތެއްގެ ބެލްކަނީގައި އެލިގެން އޮތް ތުއްތު ކުއްޖަކު 2018 ވަނަ އަހަރު ސަލާމަތްކުރި މާލީގެ ރައްޔިތަކަށް ވެސް އެތައް ބަޔަކު ވަނީ ތައުރީފްކޮށްފަ އެވެ. އެ އިމާރާތުގެ އެއް ބެލްކަނީން އަނެއް ބެލްކަނީގެ މައްޗަށް އަރައި އެ ކުއްޖާ ސަލާމަތްކުރި މަމޫދޫ ގައްސާމާ އަށް ފަހު ވަނީ ފްރާންސްގެ ރަށްވެހިކަން ދީފަ އެވެ. އަދި ފާރްންސްގެ ރައީސްގެ ފަރާތުން ވަނީ ހިތްވަރު ދިނުމުގެ މެޑަލް ވެސް ދީފަ އެވެ.