03 ޖޫން 2016 - 11:32

މެޑްރިޑް (ޖޫން 3) - ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުން ރެއާލް މެޑްރިޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ބޯނަސްގެ ގޮތުގައި ލިބުނު 600،000 ޔޫރޯ (10.2 މިލިއަން ރުފިޔާ) ޗެރިޓީއަކަށް ހަދިޔާކޮށްފި އެވެ.
ސްޕެއިނުގެ ނޫސްވެރިޔަކާ ހަވާލާދީ އިނގިރޭސި މީޑިއާއިން ބުނާ ގޮތުގައި ރޮނާލްޑޯ ވަނީ ބޯނަސް ފައިސާ، އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިނުމަށް ފައިނަލުގެ ކުރިން ވެސް ނިންމައިފަ އެވެ.
އެތުލެޓިކޯ މެޑްރިޑް އަތުން ޕެނަލްޓީ ޖަހައިގެން 5-3 އިން ރެއާލް މޮޅުވިއިރު ފަހު ޕެނަލްޓީ ޖެހީ، މެޗުގައި އެދެވޭ ކުޅުމެއް ނުދެއްކުނު ރޮނާލްޑޯ އެވެ.
ފައިނަލް މެޗަށް ފަހު އިބީޒާގައި އެކުވެރިންނާ އެކު ޗުއްޓީ ހޭދަކުރަމުން އަންނަ ރޮނާލްޑޯ އަކީ ކުޅިވަރު ކުޅުންތެރިންގެ ތެރެއިން ތިން ވަނަ އަށް އެންމެ މުއްސަނދި ކުޅުންތެރިޔާ އެވެ. އޭނާ އަށް އަހަރަކު މުސާރަ އަދި ބޯނަސްގެ ގޮތުގައި 34 މިލިއަން ޕައުންޑް ލިބޭއިރު އިޝްތިހާރުތަކުން އިތުރު 17 މިލިއަން ޕައުންޑް ލިބެ އެވެ.
ރޮނާލްޑޯ އަކީ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ޗެރިޓީއަށް އެންމެ ގިނައިން ފައިސާ ހަދިޔާކުރާ އެއް ކުޅުންތެރިޔާ ވެސް މެ އެވެ.