31 މާޗް 2021 - 23:17

ސިޔާސީ ބައިބައިވުމުގެ ތެރޭގައި މާލޭގެ ރައްޔިތުން ނިކަމެތިވާން ދޫކޮށް ނުލައްވާނެ ކަމަށާއި ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ޕީޕީއެމްގެ ފަރާތުން މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މ. ދިމްޔާތުގައި ބޭއްވި ކަމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާލެ ރައްޔިތުން ދިރިއުޅެމުން ދަނީ ވަރަށް ދަތިހާލުގައި ކަމަށެވެ. އެ ރައްޔިތުންގެ މައްސަލަތައް ހައްލު ކުރުމަށް އިސްވެ ސަރުކާރަށް އެއްބާރުލުން ދީގެން މަސައްކަތް ކުރާނެ ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރުވުމަށް ވެސް ބާރު އަޅުއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މާލެ ރައްޔިތުންގެ މައްސަލަތަކުގެ ދާއިމީ ހައްލަކީ ގޯތި ދެވޭނެ ގޮތް ހަމަޖެހުން. ރައްޔިތުންނަށް ފްލެޓް ހަމަޖެހިގެން. އަދި އެކަމަށް ހުރަސް އެޅޭ ސިޔާސަތެއް ގެންގުޅުމަކީ ރަނގަޅު ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.
ސިޔާސީ ބައިބައިވުމުގެ ތެރޭގައި ނިކަމެތިވަމުން ދަނީ ރައްޔިތުން ކަމަށާއި އެގޮތުގައި ރައްޔިތުން ދޫކޮށް ނުލައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ކައުންސިލަށް އެހެން ޕާޓީތަކުގެ ކެންޑިޑޭޓުން ހޮވުނަސް މަސައްކަތް ކުރާނީ ޓީމް ވޯކް އިސްކޮށްގެން ހުރިހާ ކައުންސިލަރުން ވެސް ގޮވައިގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ކޮންމެ ކައުންސިލަރަކަށް ވެސް މަސައްކަތް ހަވާލު ކުރެވޭނެ. ކޮންމެ ބޭފުޅަކީ ނަތީޖާ ނެރެވޭ ބަޔަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ. އެކުގައި މަސައްކަތް ކުރާނީ. ހަމަ އެގޮތަށް ސަރުކާރާ ވެސް އެކީ މަސައްކަތް ކުރާނީ،" މުއިއްޒު ވިދާޅުވި އެވެ.
މިރޭގެ ހަފްލާގައި ވަނީ މުއިއްޒު ކެމްޕެއިންގެ ވައިބާ ސްޓިކާ ޕެކާއި ކެމްޕެއިން ލަވަ އާއި ވެބްސައިޓް ލޯންޗުކޮށްފަ އެވެ.