ޖިންސީ ގޯނާގެ މައްސަލާގައި ޖުމައްޔިލްގެ މައްޗަށް ދައުވާކޮށްފި
ޖިންސީ ގޯނާގެ މައްސަލާގައި ޖުމައްޔިލްގެ މައްޗަށް ދައުވާކޮށްފި

ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމަށް އެކްޓަރު ޖުމައްޔިލް ނިމާލްއަށް ތުހުމަތުކޮށް ފުލުހުން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަށް ފޮނުވި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ޖުލައި 2، 2020 ގައި އަންހެނަކު ވަނީ އޭނާގެ އުމުރުން 17 އަހަރުގައި ދެބެންގެދެދަރި ބޭބެ ޖުމައްޔިލްގެ ޖިންސީ ޝިކާރައަކަށްވި ކަމަށް ބުނެ ޓްވިޓާގައި އެ ހާދިސާ ހިނގި ގޮތް ވަރަށް ތަފްސީލްކޮށް ކިޔައިދީފަ އެވެ.

އޭނާ ބުނި ގޮތުގައި 2016 ވަނަ އަހަރުގެ ޑިސެމްބަރުގައި ލިބުނު އެ އަނިޔާ އަށް އިންސާފު ނުލިބުނީ ޕީޖީ އޮފީހަށް މައްސަލަ ދިޔަ ހިސާބުން، ބާރުގަދަ ބަޔަކު މެދުވެރިކޮށް ނުފޫޒު ފޯރުވައިގެން އެ ކަންތައް އޮއްބާލުމުންނެވެ. އޭރު ޕީޖީގެ މަގާމްގައި ހުންނެވީ އައިޝަތު ބިޝާމް އެވެ.

މި ސަރުކާރު އައި ފަހުން އެ މަގާމާ ހުސެއިމް ޝަމީމް ހަވާލުވެ އެ މައްސަލަ އަލުން ބަލަން ނިންމި އެވެ.

އޭގެ އަށް މަސް ފަހުން މިއަދު ޕީޖީ އޮފީހުން ބުނިގޮތުގައި ޖުމައްޔިލްގެ މައްޗަށް ކުރަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އެވެ. އަދި އެ މައްސަލާގައި ދައުވާ ކުރަން މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި ޖުމައްޔިލްގެ މައްޗަށް އޭރު ދައުވާ ނުކޮށް އޮތީ، ވިކްޓިމް ބުނާ ބުނުން ފިޔަވާ އިތުރު ހެއްކެއް ނެތް ކަމަށް ބަލައިފަ އެވެ.