ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާނީ ހޮނިހިރު ދުވަހު
ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާނީ ހޮނިހިރު ދުވަހު

ކޮވިޑު-19 އިން ދިފާއުވުމަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

އެ ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެ ވަނަ ޑޯޒް ޖަހަން ފަށަން ނިންމާފައިވީ ނަމަވެސް އެކަން ކުރިއަށް ގެންދާނެ ވަގުތުތަކާއި އެހެން ތަފުސީލުތައް ފަހުން ހާމަކުރައްވާނެ ކަމަށެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ފަށައި، ކޮވިޝީލްޑް ވެކްސިން ޖަހަން ފެށީ މިދިޔަ މަހުގެ އެކެއްގަ އެވެ. ދެ ވަނަ ޑޯޒް ދޭން ހަމަޖައްސާފައިވަނީ ފުރަތަމަ ޑޯޒަށް ފަހު އަށް ހަފުތާ ފަހުންނެވެ.

ރާއްޖޭގައި މިހާތަނަށް 235،682 މީހަކު ކޮވިޑް ވެކްސިން ޖަހާފައި ވެ އެވެ. އޭގެ ތެރޭގައި ޗައިނާގެ ސިނޮފާމް ވެކްސިން ޖެހި މީހުން ވެސް ހިމެނެ އެވެ.

ސިނޮފާމްގެ ދެވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒަށް ފަހު 2-4 ހަފުތާ ފަހުންނެވެ. އެހެންވެ، އެ ވެކްސިން ޖަހާ މީހުންނަށް، މަހެއްގެ ތެރޭގައި ވެކްސިންގެ ދެ ޑޯޒް ޖަހައި ނިމޭނެ އެވެ.