14 ނޮވެމްބަރ 2016 - 15:39

ޔަންގޫން (ނޮވެމްބަރު 14) - މިއަންމާގެ ރޮހިންޔާ މުސްލިމުންގެ ރަކިނީ ސްޓޭޓުގެ އަވަށުން ސިފައިން ބަޑި ޖަހާ 25 މީހުން މަރާލައިފި އެވެ.
ސިފައިން ބުނީ ބަޑި ޖަހާ މެރި މީހުންނަކީ ކަތިވަޅި އާއި ދުނިދަނޑި ކަހަލަ އެއްޗެހި ހިފައިގެން ތިބި ބައެއް ކަމަށެވެ. ރަކިނީގެ ރޮހިންޔާ އަވަށްތަކަށް ސިފައިން ހޮނިހިރު ދުވަހު ވެސް ވަނީ ހެލިކޮޕްޓަރުން ހަމަލާތަކެއް ދީފަ އެވެ. ސިފައިން ބުނީ މިއީ ރަކިނީގެ މުސްލިމުންގެ އަތުން ހަތިޔާރު އަތުލުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
ސިފައިންގެ އޮޕަރޭޝަނާ ގުޅިގެން ރޮހިންޔާ ދަރިކޮޅުގެ އެތައް ބަޔަކު ރަކިނީ ސްޓޭޓުން ނުކުމެފަ އެވެ. އެ ސްޓޭޓުން ސިފައިންގެ ނުވަ މީހުން މަރާލުމާ ގުޅިގެން މިދިޔަ މަހުން ފެށިގެން ރަކިނީ ވަނީ ސިފައިންގެ ބެލުމުގެ ދަށުގަ އެވެ. ރަކިނީ ސްޓޭޓުގައި ދެ މިލިއަނަށް ވުރެ ގިނަ މުސްލިމުން ދިރިއުޅެ އެވެ. އެކަމަކު އެއީ މިއަންމާގެ ރައްޔިތުންގެ ގޮތުގައި ބަލައިގެންފައެއް ނުވެ އެވެ. މިއަންމާގެ އިންސާނީ ހައްގުތަކަށް ލޯބިކުރާ ލީޑަރު އަން ސަން ސޫކީ ވެސް ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ވާހަކަ ދައްކަވައިފައެއް ނުވެ އެވެ.
ހިއުމަން ރައިޓްސް ވޮޗުން ބުނީ ރަކިނީގެ ތިން އަވަށަކުން އޮކްޓޯބަރު 22 އާއި ނޮވެމްބަރު 10 އާ ދެމެދު 430 އިމާރާތެއް ބިމާ ހަމަކޮށްލާފައިވާ ކަމަށެވެ. އަދި އދ. އިން އެކަން ތަހުގީގު ކުރުމަށް ވަނީ ގޮވާލައިފަ އެވެ.
ރަކިނީގައި 2012 ވަނަ އަހަރު ވަނީ ރޮހިންޔާ މުސްލިމުންނާއި ބުޑިސްޓުންނާ ދެމެދު ވެސް ކުރިމަތިލުންތަކެއް ހިންގައިފަ އެވެ.