01 އެޕްރީލް 2021 - 07:52

އެޕަލް ކުންފުނިން ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު އިވެންޓް ކަމަށްވާ ވޯލްޑް ވައިޑް ޑިވެލޮޕާޒް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ) މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ބާއްވާނެކަން އިއުލާންކޮށްފި އެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް އިވެންޓް އޮންނާނީ ކޮވިޑް-19 އާ ހެދި އޮންލައިންކޮށެވެ. ކޮންފަރެންސް ކުރިއަށް ދާނީ ޖޫން 7-11 އަށެވެ.
"އަމާޒަކީ ކުރިއެކޭ އެއްގޮތަށް އަހަރެމެންގެ ބޮޑު އިވެންޓް މި އަހަރު ވެސް ވަރަޑް ބޮޑުކޮށް އަދި ވަރަށް ފުރިހަމަކޮށް ކުރިއަށް ގެންދިއުން." އެޕަލްގެ ވޯލްޑް ވައިޑް ޑިވެލޮޕާ ރިލޭޝަންގެ ވައިސް ޕްރެޒިޑެންޓް ސޫޒަން ޕްރެޒްކޮޓް ވިދާޅުވި އެވެ.
ނަމަވެސް މި އަހަރުގެ ކޮންފަރެންސްގައި ތިލަކުރާނެ އެޕަލްގެ އެއްވެސް އުފެއްދުމަކާ ބެހޭ އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ. އެކަމަކު ބައެއް މީޑިއާތަކުން ބުނީ ކޮންފަރެންސް އިއުލާންކުރަން ގެނެސްދިން އިމޯޖީތަކުގެ ބައެއް ޑީޓެއިލްތަކަށް ބަލާ އިރު އެޕަލްގެ ވީއާރް ހެޑްސެޓް ނުވަތަ އޭއާރް އައިނާ ބެހޭ ގޮތުން މި ފަހަރު އެ ކުންފުނިން ގިނަ މައުލޫމާތުތަކެއް އާންމުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
އާންމުކޮށް އެޕަލްގެ ޑަބްލިއުޑަބްލިއުޑީސީގައި އެޕަލްގެ އައިއޯއެސް، އައިޕެޑްއޯއެސް، މެކްއޯއެސް، ޓީވީއޯއެސް އަދި ވޮޗްއޯއެސްގެ އެންމެ ފަހުގެ އަޕްޑޭޓްތައް ގެނެސްދެ އެވެ.
އެހެންވެ މި ފަހަރުގެ ކޮންފަރެންސުން ވެސް ޝައުގުވެރި އެތައް ސޮފްޓްވެއާއަކާއި ބައެއް ހާޑްވެއާތަކުގެ މައުލޫމާތު ވެސް ލިބޭނެ ކަމަށް އުންމީދުކުރަން ޖެހެ އެވެ.
މި އަހަރުގެ ކޮންފަރެންސްގައި "ސްވިފްޓް ސްޓޫޑަންޓް ޗެލެންޖް" ގައި ޒުވާން ޑިވެލޮޕަރުންނަށް އެ މީހުންގެ ކޯޑިންގެ ހުނަރު ދައްކައިލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އެކަމަށް މިހާރު އެޕްލައިކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ 18 އެވެ.