31 މާޗް 2021 - 13:30

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމަށް އެދި އެމަނިކުފާނުގެ އާއިލާ އިން ހޯމް މިނިސްޓްރީ އަށް ހުށަހެޅި މައްސަލާގައި އަދިވެސް ގޮތެއް ނުނިންމާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށް އާއިލާ އިން ހޯމް މިނިސްޓްރީގައި އެދިފައި ވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. ޔާމީން ގޭ ބަންދަށް ބަދަލު ކުރަން ޖެހެނީ، އާއިލާ އިން ބުނާ ގޮތުގައި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުންނެވެ.
އެކަމާ ގުޅިގެން "މިހާރު"ން ކުރި ސުވާލު ކުރުމުން ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ މައްސަލާގައި މިނިސްޓްރީން އަދިވެސް ގޮތެއް ނުނިންމަ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ޔާމީންގެ ހާލުކޮޅު ހުރި ގޮތުން ލުއިތަކެއް ދޭން ޔާމީނަށް ވެސް ސަރުކާރުން ހުށަހެޅި އެވެ. ރާއްޖޭގައި ހެދެން ނެތް ޓެސްޓެއް ބޭރުން ހެދުމަށާއި ސްޓްރެސް ފްރީ މާހައުލެއްގައި ބެހެއްޓެވުމަށް ޑޮކްޓަރު ލަފާ ދެއްވާފައި އޮތް ކަމަށާއި އެ ލަފައާ އެއްގޮތަށް ޓެސްޓު ހައްދަވަން ބޭރަށް ވަޑައިގަތުމަށް ޔާމީނަށް ދެންނެވި ކަމަށް އިމްރާން ވިދާޅުވި އެވެ.
ނަމަވެސް ރާއްޖެއިން ބޭރަށް ފުރުމަށް ސަރުކާރުން ޔާމީނަށް ހުށަހެޅި ހުށަހެޅުން އެމަނިކުފާނު ގަބޫލެއް ނުކުރައްވަ އެވެ.
ޔާމީން ޖަލަށް ލާން ހުކުމް ކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މަނިކުފާނު ގެއަށް ބަދަލުކުރުމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން އެތައް ފަހަރަކު ވަނީ ގޮވާލައިފަ އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށް ލާން ކުރި ހުކުމް ހައި ކޯޓުން ދާދި ފަހުން ދަމަހައްޓާފައިވާއިރު، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް ވަކީލުން އަންނަނީ ކުރައްވަމުންނެވެ. މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ޔާމީންގެ މައްޗަށް މިހާރު އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ.