31 މާޗް 2021 - 08:33

ލަންޑަން (މާޗް 31) - ބަޔާން މިއުނިކްގެ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވަންޑޯސްކީގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން މަހެއްހާ ދުވަހަށް އޭނާ ކުޅުމާ ދުރަށްދާން ޖެހުމުން ބަޔާނާއި ޕޮލެންޑްގެ މުހިއްމު މެޗުތަކެއް އޭނާ އަށް ގެއްލިއްޖެ އެވެ.
މިދިޔަ އަހަރު ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި ލެވަންޑޯސްކީގެ ކަކުލަށް އަނިޔާވީ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ އާދިއްތަ ދުވަހު ޕޮލެންޑުން އެންޑޯރާ ބަލިކުރި މެޗުގަ އެވެ. ކަކުލަށް ލިބުނު އަނިޔާގެ ތަފްސީލު ދެނެގަންނަން ކުރި ޓެސްޓްތަކުން އެނގުނީ ފުރަތަމަ ހީކުރި ވަރަށް ވުރެން އުމުރުން 32 އަހަރުގެ ލެވަންޑޯސްކީގެ އަނިޔާ ސީރިއަސް ކަމެވެ.
އަނިޔާގެ ސަބަބުން ލެވަންޑޯސްކީ އަށް ގެއްލޭނެ ފުރަތަމަ މެޗަކީ މިރޭ ވޯލްޑް ކަޕް ކޮލިފައިންގައި ވެމްބްލީގައި އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗެވެ. އެ އަށް ފަހު ޖަރުމަނު ލީގުގެ ދެ ވަނައިގައި އޮތް އާރްބީ ލިޕްޒިގާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅޭ މެޗުގެ އިތުރުން އަންނަ މަހުގެ ހަތް ވަނަ ދުވަހާއި 13 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗު ވެސް ލެވަންޑީސްކީ އަށް ގެއްލޭނެ އެވެ.
މި ސީޒަނުގައި މިހާތަނަށް ޖަރުމަނު ލީގުގައި ލެވަންޑޯސްކީ ވަނީ 25 މެޗުން 35 ގޯލު ޖަހައިފަ އެވެ. މުޅި ސީޒަން އެއްކޮށް ބަލާނަމަ ހުރިހާ މުބާރާތެއްގައި ލެވަންޑޯސްކީ ވަނީ 42 ގޯލު ޖަަހައިފަ އެވެ. ލެވަންޑޯސްކީ ނެތަސް ބަޔާންގައި ވަރުގަދަ ޓީމެއް ނެރެވޭނެ ފެންވަރު އެބަހުރި ކަމަށް އެ ކްލަބްގެ ޗީފް އެގްޒެކްޓިވް ކާލް-ހެއިންޒް ރުމެނިގާ ވަނީ ވިދާޅުވެފަ އެވެ.