31 މާޗް 2021 - 13:06

އިސްލާމްއާބާދު (މާޗް 31) - ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ކޮވިޑުން ރަނގަޅުވެ ރަސްމީ މަސައްކަތްތައް މިހާރު ފައްޓަވާފައިވާ ކަމަށް ސެނޭޓަރެއް ކަމަށްވާ ފައިސަލް ޖާވިދު ޚާން ވިދާޅުވެއްޖެ އެވެ.
އިމްރާން ޚާންގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ ޖާވިދު ޚާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑުވަޒީރު ވަނީ މަޑުމަޑުން ރަސްމީ މަސައްކަތްތައް ފައްޓަވާފައި ކަމަށާއި މަސައްކަތް ތާވަލް ކުރައްވަމުން ގެންދަވަނީ ޑޮކްޓަރުގެ ލަފައާ އަދި ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.
އުމުރުން 68 އަހަރުގެ އިމްރާން ޚާން އާއި އަނބިކަނބަލުން ބުޝްރާ ބީބީ ކޮވިޑަށް ޕޮޒިޓިވްވީ މާޗް 19 ވަނަ ދުވަހު އެވެ. ޕޮޒިޓިވްވުމާ އެކު ދެ ބޭފުޅުން ތިއްބެވީ ކަރަންޓީނުގަ އެވެ.
އިމްރާން ޚާން ކޮވިޑުން ރަނގަޅުވި ޚަބަރު ލިބިފައި ވަނިކޮށް ވަނީ ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ އާއި ޑިފެންސް މިނިސްޓަރު ފަރްވައިޒް ޚައްތާރު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެ ދެބޭފުޅުން މިހާރު ތިއްބެވީ ކަރަންޓީނުގަ އެވެ.
ޕާކިސްތާނުން މިހާތަނަށް ވަނީ 663,200 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 14,356 މީހުން މަރުވެފަ އެވެ. އަންގާރަ ދުވަހު އެކަނިވެސް ވަނީ 4،084 މީހުން ޕޮޒިޓިވްވެ 100 މީހުން މަރުވެފަ އެވެ.