ދައުލަތުގެ ހަރަދުގައި ރަށްރަށަށް މީހުން ބަދަލުކުރުމުގެ ޕްރޮގްރާމް ވަޔަކު ނުހިފި!
ދައުލަތުގެ ހަރަދުގައި ރަށްރަށަށް މީހުން ބަދަލުކުރުމުގެ ޕްރޮގްރާމް ވަޔަކު ނުހިފި!

މާލޭގައި ދިރިއުޅޭ ރަށްރަށުގެ އާއިލާތަކުން، ދައުލަތުގެ ހަރަދުގައި އަމިއްލަ ރަށަށް ބަދަލުވާން ހުޅުވާލި ފުރުސަތު ގިނަ ބަޔަކަށް ކަމަކު ނުދިޔަ އެވެ.

ޖެންޑާ މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވާލި "އަހުލު" ޕްރޮޖެކްޓަށް ސަރުކާރުން ވަނީ 26.7 މިލިޔަން ރުފިޔާ ކަނޑައަޅައިފަ އެވެ. އެއީ މާލޭގައި ދިރިއުޅޭ 500 އާއިލާއެއް، ރަށަށް ބަދަލުވެ ވަޒަންވެރިވުމަށް އެހީތެރިވުމުގެ ގޮތުންނެވެ.

އެކަމަކު މިހާތަނަށް އެ ޕްރޮގްރާމްގެ ދަށުން ރަށަށް ދާން ބޭނުންވީ 16 އާއިލާ އެކެވެ. މިހާތަނަށް ރަށަށް ފޮނުވުނީ ދެ އާއިލާ އެކެވެ.

ޕްރޮގްރާމް އިއުލާން ކުރި އިރު، ޖެންޑާއިން އުއްމީދު ކުރީ، ކޮވިޑްގެ ބަލިމަޑުކަމާ ހެދި، މާލޭގައި ދިރިއުޅޭ ގިނަ އާއިލާތަކުން ކުލި ނުދެއްކި، އަތްމަތި ދަތިވުމުގެ ސަބަބުން އެނބުރި ރަށަށް ދާން ބޭނުންވާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ޕްރޮގްރާމް ވައިގައި ނުހިފުމުގެ އެންމެ ބޮޑު ސަބަބަކީ، ރަށަށް ބަދަލުވުމަށް ކޮންމެ އާއިލާއަކަށް ކަނޑައެޅި އަދަދު މަދުވުމެވެ. އެގޮތުން ރަށުގައި ހުރި ގެދޮރު މަރާމާތުކޮށް، ފަރުނީޗަރު ހޯދުމަށް ސަރުކާރުން ހުށަހެޅީ 20،000 ރުފިޔާގެ ލޯނެކެވެ. އަދި އާއިލާ އިން އާއްމު ހާލަތަށްް ރުޖޫއުއަށް ވުމަށް، ހަ މަސް ވާންދެން މާލީ އެހީގެ ގޮތުގައި 3،000 ރުފިޔާ ދެ އެވެ.

"ހަގީގަތުގައި ހުސް އަތާ ރަށަށް ބަދަލުވާ އާއިލާއަކަށް 3،000 ރުފިޔާ އެއީ ވަރަށް މަދު އަދަދެއް. ކިހިނެއްތޯ 20،000 ރުފިޔާއިން ގެ މަރާމާތުކޮށް، ގެއަށް ބޭނުންވާ ސާމާނު ހޯދާނީ،" ރަށަށް ބަދަލުވާން ބޭނުންވެ، އެކަމަކު ސަރުކާރުގެ އެ ޕްރޮގްރާމާ މެދު ހިތްހަމަ ނުޖެހިފައި ހުރި މީހަކު ބުންޏެވެ.

އޭނާ ބުނިގޮތުގައި މާލޭގައި ދިރިއުޅޭ ރަށްރަށުގެ ގިނަ އާއިލާތަކުގެ ގެދޮރު، ރަށުގައި ހުރީ ވަރަށް ބޮޑަށް ވީރާނާވެފަ އެވެ. މާލޭގައި ދިރިއުޅޭތާ އެތައް އަހަރެއް ވެފައިވާއިރު، އެނބުރި ރަށަށް ބަދަލު ވެވެން އޮތީ ގެދޮރު މަރާމާތުކޮށްގެންނެވެ. އެހެންވެ، ސަރުކާރުން ހުށަހެޅި އަގު، އެއާ ނުބައްދަލު ކަމަށް އޭނާ ބުންޏެވެ.

މި ޕްރޮގްރާމާ ބެހޭ މައުލޫމާތު އެނގޭ ޖެންޑާ މިނިސްޓްރީގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ގިނަ ބަޔަކު ގަޔާނުވާ ކަމަކަށް މިކަންވީ، އެކަމާ ގުޅޭގޮތުން ރަނގަޅު ދިރާސާއެއް ކޮށްފައި ނުވުމެވެ. ކޮވިޑްގެ ބަލިމަޑުކަމާ ހެދި އަނބުރާ ރަށަށް ދާން ގިނަ ބަޔަކު ބޭނުން ވިޔަސް، ރަށުގައި އަލުން ދިރިއުޅެން ފަށައިގަތުމަަށް ދާނެ ހަރަދާ ގުޅޭގޮތުން "ހޯމްވޯކް" ހަދާފައި ނުވާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

މި ޕްރޮގްރާމް ސަރުކާރުން ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން، މާލޭގައި ދިރިއުޅޭ މީހުން ރަަށަށް ބަދަލު ކުރާއިރު، އެއް ރަށުން އަނެއް ރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް ވެސް އެހީވެދޭން ވަނީ ނިންމާފަ އެވެ.