30 މާޗް 2021 - 14:09

ކޮވިޑް-19 އަށް ޕޮޒިޓިވް ކޭހެއް ޅ. ހިންނަވަރުން ފެނުމާ އެކު ރަށުގައި ބަލި ފެތުރިފައި އޮވެދާނެ މިންވަރަކާ މެދު ކަންބޮޑުވުން އޮތް ދަނޑިވަޅުގައި ސާމްޕަލްތަކުގެ ނަތީޖާ ލިބުން ލަސްވުމުގެ ޝަކުވާ ވެސް އުފެދިއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ބުނެފައި ވަނީ ހިންނަވަރުން ޕޮޒިޓިވްވި މީހާ އާއި ކުރީގެ އެއްވެސް ކޭހަކާ ގުޅުމެއް ނެތް ކަމަށެވެ. ހިންނަވަރު ސިއްހީ މަރުކަޒުން ފަރުވާ ދިން ފިރިހެނަކު ހާލު ދެރަވެގެން ނައިފަރަށް ގެންދަނިކޮށް އާދިއްތަދުވަހު ވަނީ މަރުވެފަ އެވެ. އަދި ފަހުން އޭނާގެ ޓެސްޓް ހެދި އިރު ކޮވިޑަށް ޕޮޒިޓިވް އެވެ. އެކަމަކު ސްޓްރޯކެއް ޖެހިގެން ފަރަވާ ދެމުން ދަނިކޮށް މަރުވުމުން އެއީ ކޮވިޑްގެ މަރެއް ކަމަކަށް އެޗުޕީއޭއަކުން ނުބަލަ އެވެ.
ހިންނަވަރު ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހިމް "މިހާރު" އަށް ވިދާޅުވީ އެ ރަށުން ނަގާފައިވާ ސާމްޕަލްތަކުގެ ނަތީޖާ އެންމެ ފަހުން ލިބުނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. ބުރާސްފަތި ދުވަހުން ފެށިގެން ނަގާފައިވާ ސާމްޕަލްތަކުގެ ނަތީޖާ ނުލިބޭތީ ގިނަ ބަޔަކު ޝަކުވާކުރަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރަށުގައި ކަރަންޓީންގައި ތިބި މީހުންގެ ސާމްޕަލްތައް ވެސް އަދިވެސް ނުލިބޭ. ފަސް ދުވަސް މި ވަނީ ގާތްގަނޑަކަށް، ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުން،" އަބްދުﷲ ވިދާޅުވި އެވެ.
އެކި ސަބަބުތަކާ ގުޅިގެން ކޮވިޑަށް ނަގާ ސާމްޕަލްތައް ޓެސްޓުކުރަން އެ ރަށުން ފޮނުވަނީ މާލެ އަށެވެ. މީގެ ކުރިން ޓެސްޓުގެ ނަތީޖާ ލިބެން އާންމުކޮށް އެންމެ ގިނަވެގެން ވެސް ނަގަނީ ދެ ދުވަސް ކަމަށް އޭނާ ވިދާޅުވި އެވެ.
"އާދިއްތަ ދުވަހު ވެސް 58 ސާމްޕަލް ފޮނުވިން. ޖުމްލަ 231 ސާމްޕަލެއް ވަރު [ބުރާސްފަތި ދުވަހުން ފެށިގެން] ނެގިފައިވޭ،" އަބްދުﷲ ވިދާޅުވި އެވެ.
ހިންނަވަރުގެ އަވަށްޓެރި ދެ ރަށް ކަމަވާ ފެލިވަރާއި ނައިފަރުގައި ވެސް ކޮވިޑް ވަނީ ފެތުރިފަ އެވެ.
އަބްދުﷲ ވިދާޅުވި ގޮތުގައި ހިންނަވަރު ރައްޔިތުން އަމަލުކުރަމުން އަންނަނީ އެޗްޕީއޭގެ ގަވާއިދާ އެއްގޮތަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ.
ނައިފަރުން ނަގާ ކޮވިޑް ސާމްޕަލްތަކުގެ ނަތީޖާ ލިބުން ވެސް ވަނީ ލަސްވެފަ އެވެ. އެ ރަށު ކައުންސިލުން ބުނީ އެންމެ ފަހުން ނައިފަރު ޓެސްޓްތަކުގެ ނަތީޖާ ލިބުނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.
ރަށްރަށުގައި ކޮވިޑް ފެތުރުން މިހާރު ދަނީ ގިނަވަމުންނެވެ. އެގޮތުން އިއްޔެ އެކަނި ވެސް އެކި ރަށްރަށުން 69 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ.