އެންޑްރޮއިޑް 7.0، ނޫގެޓް އަށް ފަނޑު ތަރުހީބެއް
އެންޑްރޮއިޑް 7.0، ނޫގެޓް އަށް ފަނޑު ތަރުހީބެއް

ގޫގުލުން އެންޑްރޮއިޑް 7.0، ނޫގެޓް އާންމުކުރީ އޯގަސްޓް މަހު އެވެ. އެކަމަކު ސްމާޓްފޯނުތައް އުފައްދާ ކުންފުނިތަކުން ނޫގެޓްއާ ހެދި އުޅޭތީއެއް ނުފެނެ އެވެ. އަހަރު ނިމެން ކުޑަތަންވެފައި ވާއިރު ވެސް، އެންޑްރޮއިޑް 7.0، ނޫގެޓް ސްޓޮކް ރޮމް ފޯނުތަކެއް އާންމެއް ނުވެ އެވެ. ނޫގެޓް އަށް އޮތް ތަރުހީބު އެހައި ވެސް ކުޑަ އެވެ.

އެންޑްރޮއިޑް ފޯނުތައް އެންމެ ގިނައިން އުފައްދަނީ ސެމްސަންގުންނެވެ. ސެމްސަންގުން ދާދި ފަހުން ނެރުނު ގެލަކްސީ ނޯޓް 7 ގައި ވެސް އިންނަނީ މާޝްމެލޯ އެވެ. އެއީ އެންޑްރޮއިޑް 6.1 އެވެ. ނޫގެޓް އާންމުކުރިފަހުން ނޯޓް 7 ނެރުނު ނަމަވެސް ހަމަޖައްސާފައި ވަނީ ނޫގެޓް އަށް އަޕްގްރޭޑްކުރެވޭ ގޮތަށެވެ. ސެމްސަންގުން ނޯޓް 7 ހުއްޓާލުމުން އެކަން ވެސް ދިޔައީ އެވެ.

އެންޑްރޮއިޑް 7.0، ނޫގެޓްއާ މެދު ސްމާޓްފޯން އުފައްދާ ކުންފުނިތަކުން ކަންތައްކުރަނީ ތަފާތުކޮށެވެ. އާންމު ގޮތެއްގައި، އެންޑްރޮއިޑްގެ އާ އަދަދެއް އާންމުކުރާއިރު އެތައް ބަޔަކު ތައްޔާރަށް ތިބެ އެވެ. ލަސްތަކެއް ނުވެ އެ އަދަދަކަށް ފޯނުތައް އުފައްދައި މާކެޓަށް ނެރެ އެވެ. މި ވަގުތު މާކެޓުން ލިބެން ހުރި ފޯނުތަކަށް ބަލާއިރު ނޫގެޓް އިންނަނީ އެލްޖީ ވީ20، ގޫގުލް ޕިކްސެލް އަދި ޕިކްސެލް އެކްސްއެލްގަ އެވެ.

އެންޑްރޮއިޑް މާކެޓް ހިއްސާ އަށް ބަލާއިރު، ނޫގެޓް އަށް ލިބެނީ ވަރަށް ކުޑަ ޕަސެންޓެކެވެ. ގިނަ ފޯނުތައް އަދި ވެސް ހިންގަނީ ކިޓްކެޓް، ލޮލީޕޮޕް އަދި މާޝްމެލޯއިންނެވެ. ބެލެވޭ ގޮތުގައި ލަސްތަކެއް ނުވެ ނޫގެޓް ފޯނުތައް ވެސް އާންމުވާނެ އެވެ. އެހެން ނަމަވެސް އެހެން އަދަދުތަކާ އަޅާ ބަލާއިރު ނޫގެޓް ފޯނުތައް އާންމުވުން ލަސްވެއްޖެ އެވެ.

ގޫގުލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނޫގެޓް އަށް އަޕްގްރޭޑްކުރެވެން ހުރި ފޯނުތައް ވަރަށް ގިނަ އެވެ. ފޯނު އުފައްދާ ކުންފުނިތަކުން އަންނަ އަހަރަށް މަޑުކުރަނީ ކަމަށް ވެސް ވެދާނެ އެވެ. އެހެން ނަމަވެސް ނޫގެޓް އަށް އަޕްގްރޭޑްކުރާނެ ކަމަށް ބުނެ ކުންފުނިތަކުން ދަނީ ފޯނުތަކުގެ ނަންތައް އިއުލާން ކުރަމުންނެވެ.

ސްމާޓްފޯނުތައް އުފައްދާ ކުންފުނިތަކުން ފޯނު އުފެއްދުމުގައި ދެމިތިބޭ ނަމަ ގޫގުލުން ކަނޑައަޅާ މިންގަނޑުތަކަށް ފެތެން ޖެހެ އެވެ. ގޫގުލުން އަދަދަކަށް ފަހު އަދަދެއް ފައްކާކުރަމުން ދާއިރު، ފޯނު އުފައްދާ ކުންފުނިތަކުން ވެސް އެ ބީދައިން ހިނގަން ޖެހެ އެވެ.