31 މާޗް 2021 - 08:18

ރޭޕްގެ ތުހުމަތާއި ކެނަބަލިޒަމްއާ ގުޅުން ހުރި މައްސަލަތަކެއްގައި ފިލްމީ ކެރިއަރު އަނދަވަޅަކަށް ވެއްޓިފައިވާ ހޮލީވުޑްގެ އެކްޓަރު އާމީ ހެމާ އަށް އަނެއްކާ ވެސް ފިލްމެއް ގެއްލިއްޖެ އެވެ.
ވެރައިޓީން ބުނި ގޮތުގައި 34 އަހަރުގެ އެކްޓަރު ސޮއިކޮށްފައިވާ ތުރިލާ "މިލިއަން ޑޮލާ ސްޕައިން" ގެ ކާސްޓްގައި އޭނާ ނުހިމަނަން އޭގެ ޓީމުން މިހާރު ވަނީ ނިންމައިފަ އެވެ. އެމާ އެޒަންޓޭ އާއި ވޯލްޑެން މީޑިއާ ގުޅިގެން ހަދަން ނިންމާފައިވާ މި ފިލްމަކީ ފިނި ހަނގުރާމައިގެ ވާހަކައެއް ކިޔައިދޭ ފިލްމެކެވެ. ނަމަވެސް އާމީ ފިލްމުން ވަކިކުރުމާ ބެހޭ ގޮތުން އޭގެ ޓީމުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
"ދަ މިލިއަން ޑޮލާ ސްޕައި" ގައި އާމީ ނުހިމަނަން ނިންމި އިރު، އެ ފިލްމުގެ ކާސްޓްގައި މެޑްސް މިކެލްސަން ވެސް ހިމެނެ އެވެ. އޭނާ އަކީ އެކްޓަރު ޖޯނީ ޑެޕްގެ މައްޗަށް ސާބިތުވި ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅިގެން ގެއްލުނު ފިލްމު "ފެންޓާސްޓިކް ބީސްޓް 3" އިން ޑެޕްގެ ބަދަލުގައި ފުރުސަތު ލިބުނު އެކްޓަރެވެ.
ވަރަށް އުންމީދީ އެކްޓަރެއްގެ ގޮތުގައި ކުރިއަރަމުން ދިޔަ އާމީ އަށް "މިލިއަން ޑޮލާ ސްޕައި" ގެއްލުމުގެ ކުރިން ޖެނިފާ ލޮޕޭޒް (ޖޭލޯ) ގެ "ޝޮޓްގަން ވެޑިން" އާއި ގޯޑްފާދާގެ ފެށުން އައި ގޮތަށް ބިނާކޮށް ހަދާ ސީރީޒް "ދި އޮފާ" އިން ވެސް އޭނާ ވަކިކޮށްފައިވެ އެވެ.
މީގެ އިތުރުން އާމީގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމު ކަމަށްވާ "ކޯލް މީ ބާއި ޔޯ ނޭމް" ގެ ސީކްއެލް ވެސް މިހާރު ނުހަދަން ނިންމާފައިވާ ކަމަށް އަޑުއަރާފައިވެ އެވެ.
އާމީ ޝޫޓްކޮށް ނިންމާފައިވާ ފިލްމުތަކުގެ ތެރޭގައި "ޑެތު އޮން ދަ ނައިލް" އާއި "ނެކްސްޓް ގޯލް ވިންސް" ހިމެނެ އެވެ. "ޑެތު އޮން ދަ ނައިލް" އަކީ މި އަހަރުގެ ސެޕްޓެމްބަރު 17 އަށް ތާވަލުކޮށްފައި އޮތް ފިލްމެކެވެ.